އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު
ގިނަ ބައަކަށް ވިސްނިގެން މިއެޅެނީ އެންމެ ބުއްދިވެރި މީހުންނަކީ ވިޔަފާރީގައި ނުވަތަ ކުރާ މަސައްކަތުގައި ކުރިއަރައިގޮސް އެންމެ ބޮޑަށް ތަނަވަސްކަން ލިބިގެން އުޅޭ މީހުން ކަމަށެވެ. އަނެއް ބައަކަށް ވިސްނިފައި އޮންނަނީ އެންމެ ބުއްދިވެރި މީހުންނަކީ 4 އަނބިން ގެންގުޅެވޭ މީހުން ކަމަށެވެ. ނުވަތަ މަތީ މަޤާމުގައި ތިބޭ މީހުން ކަމަށެވެ.
ރަނގަޅެވެ. އެކަންކަން ޙާޞިލުކުރެވިފައިވާނަމަ އޭނާއަކީ މޮޔަ މީހަކަށްނުވާނެއެވެ. ވާނީ ބުއްދިވެރިއަކަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ޙާޞިލުކުރެވުމަކުން އޭނާއަކީ އެންމެ ބުއްދި ރަނގަޅު މީހަކު ކަމުގައެއް ނުވެއެވެ. ވީމާ އެންމެ ބުއްދިވެރިމީހުންނަކީ ކޮބައިކަން ދަސްކުރަމާ ހިނގާށެވެ!
އަންޞާރީ ބޭކަލަކު އެންމެ ބުއްދިވެރި މުސްލިމަކީ ކޮބައިތޯ ސުވާލުދެންނެވުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވީ އެމީހަކީ އެންމެ ގިނައިން މަރުހަނދާންކުރާ އަދި އެންމެ ފުރިހަމައަށް އާޚިރަތަށްޓަކައި ތައްޔާރުވާ މީހާކަމަށެވެ.
އާޚިރަތަށް ތައްޔާރުވުމަކީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ހީކޮށް އެކަމަށް ތައްޔާރުވެގެން ހުރުމެވެ. އެކަމަށް ތައްޔާރުވުމަކީ ހަމައެކަނި ފާފަ ނުކުރުމެއްވެސް ނޫނެވެ. ފާފަކުރުމުން ދުރުހެލިވުމާއިއެކު ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރަންވެސް ޖެހޭނެއެވެ. ޙަދީޘްފުޅުގައިވާފަދަ އެންމެ ބޮޑު ބުއްދިވެރިއަކަށްވެވޭނީ އެއިރުންނެވެ.
އަމިއްލަ ވިސްނުމުން ނިކަން ވިސްނައިލަބަލާށެވެ!
ކޮމްޕިޔުޓަރު ނުވަތަ ފޯނުން ނަމަވެސް ވެބްސައިޓަކަށް ވަންނަން އުޅުމުން އެއީ ވައިރަސްހުރި ވެބްސައިޓެއްކަމަށާއި އެހެންނަމަވެސް ވަންނަން ބޭނުންތޯ ސުވާލުކުރެއެވެ. އެ ސުވާލުކޮށްފިނަމަ އެއްވެސް މީހަކު ރިސްކްނަގައި އެ ސައިޓަކަށް ނުވަންނާނެއެވެ. އެއީ އެމީހެއްގެ ފޯނު ނުވަތަ ކޮމްޕިޔުޓަރަށް ވައިރަސްއެޅި މައްސަލަ ޖެހިދާނެތީއެވެ.
ދިރިއުޅުމުގައިވެސް ބަލަންވީ ހަމަ މިމޭރުމުންނެވެ. ކުރެވޭ ކަމަކީ އެކަމެއްގެ ސަބަބުން ތިމާ ފާފަވެރިވެ ތިމާއަށް އާޚިރަތް ގެއްލިދާނެ އެއްވެސް ކަމެއް ނުކުރާށެވެ. އެފަދަކަމެއް ކުރަން އުޅޭ ކޮންމެ ފަހަރަކު ކޮމްޕިޔުޓަރުފަދައިން ތިމާއަށް އިންޒާރެއް ނުލިބިދާނެއެވެ. އެހެނީ އެކަމުގެ އިންޒާރު ވަނީ ކީރިތި ޤުރްއާނުގައާއި ޙަދީޘްފުޅުތަކުގައި ދެއްވަވައިފައެވެ.
މުސްލިމަކު ފާފައެއް ކުރަން އުޅޭނަމަ އެއީ ފާފައެއްކަމާއި އެކަން ނުކުރަން މަލާއިކަތުން އެމީހަކަށް "މެސެޖް" ދެއްވަވާނެތެވެ. އަހުރެމެންނަށް ބަލައި ނުގަނެވި އެކަންކުރެވެނީއެވެ. އެފާފަކުރަން ޝައިޠޯނާ ބުނާ ބުނުމަށް ބުރަވެވެނީއެވެ. ވީމާ މިއީ ވިސްނައި ސަމާލުވާންޖެހިފައިވާ ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
20 ޖޫން 2025