އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު
ދިވެހި ރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ގޮތުން މިނިވަން 60 އާ ގުޅިގެން، ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިވަން ދުވަހާއި ގުޅިގެން މި ވުޒާރާގެ އިސްނެންގެވުމުގެ މަތިން ބާއްވާ އެހެނިހެން ހަރަކާތްތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން ކުރު ފިލްމު ފެސްޓިވަލެއް ބޭއްވުމާއި އާންމުންނަށް ހުޅުވާލައިގެން ފޮޓޯގްރަފީ މުބާރާތެއް ވެސް ބާއްވާނެއެވެ. މިއަހަރުގެ މިނިވަން ދުވަހު ވެސް ސަރުކާރު އޮފީސްތަކާއި ކުންފުނިތައް ގުޅިގެން ފުޅަނދު ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން، މައިދާނީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެއެވެ. ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދާ މި ހަރަކާތްތަކުގައި ހަތަރު ސްކޫލެއްގެ އިތުރުން މި މިނިސްޓްރީއިން ވެސް އެ ހަރަކާތުގައި ބައިވެރިވާނެއެވެ. އަދި ސްކޫލްތަކާއި ގުޅިގެން ކުރެހުމާއި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިނިވަން ދުވަހާ ގުޅިގެން ސްކޫލްތަކުގެ ކެޑޭޓުން ބާއްވާ މަގުމަތީ ހިނގާލުމުގެ ފަރިތަކުރުންތައް މިހާރު ވަނީ ފަށާފައެވެ.
މިއަހަރަކީ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ މިއަހަރު އާންމުކޮށް ބޭނުން ކުރާނެ ލޯގޯއެއް ފަރުމާ ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ލޯގޯތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ވެސް މި މިނިސްޓްރީއިން މިހާރު ދަނީ ކުރަމުންނެވެ.
މިނިވަން ދުވަހާއި ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަކީ ތުއްތު ކުދިންނާއި އަދި އާއިލާތަކުގެ ބޮޑު ޝައުޤުވެރިކަމެއް ލިބޭ ހަރަކާތްތަކެވެ
Advertisement
24 ޖޫން 2025