އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަންޏަށްވުރެ ޣީބަ ބުނުމުގެ ނުރައްކާ މާބޮޑު! ދަރަނި އަދާކުރެވޭނެ! ޣީބަ ބުނެފިނަމަ އޮތީ ތައުބާވުމާ މާފަށް އެދި އާދޭސްކުރުން!

ދަރަންޏަށްވުރެ ޣީބަ ބުނުމުގެ ނުރައްކާ މާބޮޑު! ދަރަނި އަދާކުރެވޭނެ! ޣީބަ ބުނެފިނަމަ އޮތީ ތައުބާވުމާ މާފަށް އެދި އާދޭސްކުރުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 17 ސިކުންތު

ޣީބަ ބުނުމާއި ބެހޭ ގޮތުން ސަލަފުންގެ ކިބައިން ވާރިދުވެފައިވާ ބަސްފުޅުތައް: 

- އެއްދުވަހަކު ޢަމްރު ބިން އަލް ޢާޞް އެކަލޭގެފާނުގެ އަޞްޙާާބުންނާއި އެކު ވަޑައިގަންނަވަނި ކޮށް މަރުވެ ފުފިފައިވާ ބަޣްލެއް، ދިވެހިބަހުން ކިޔާގޮތުން ނަމަ "އޮށް" (ޙިމާރާއި އަހުގެ ދަރި) ފެނިވަޑައިގަތެވެ. އެކަލޭގެފާނުވިދާޅުވިއެވެ. ތިޔަބައިމީހުންގެ އަޚެއްގެ މަސްކެއުމަށްވުރެ މި ޖަނަވާރުގެ މުޅަމަސްގަނޑު ކެއުންވެސް މާރަނގަޅެވެ. 

- ސުފްޔާން ބިން ޢުޔައިނާވިދާޅުވިއެވެ. "ޣީބަބުނުމަކީ ދަރަންޔަކަށްވުރެ ބޮޑުކަމެކެވެ. ދަރަނި އަދާކުރެވެއެވެ. އެހެން ނަމަވެސް ޣީބަބުނުމުން އެއަދާކުރެވޭނެ ގޮތެއް ނޯވެއެވެ". 

- ސުފްޔާނުއް ޘައުރީވިދާޅުވިއެވެ. "ނަމަ ނަމަ ޣީބަ ބުނުމާ ކައިރި ނުވާށެވެ. ނަމަ ނަމަ މީސްމީހުންގެ އަބުރަށް އަރައިނުގަންނާށެވެ. އޭގެ ސަބަބުން ތިބާގެ ދީން ހަލާކުވެގެން ހިނގައިދާނެއެވެ". 

- އަބޫޢާޞިމުއްނަބީލް ވިދާޅުވިއެވެ. "އެމީހެއްގެ ކިބައިގައި ދީނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ކުޑަވެސް އަޘަރެއް ހުރިމީހަކު މީސްތަކުން ނުރުހޭ ވާހަކަ އެއް ނުދައްކާނެއެވެ". 

- އެއްދުވަހަކު މީހަކު ޙަސަނުލް ބަޞްރީ ނެތްތަނުގައި މީހަކު އެކަލޭގެފާނަށް އެއްޗެތިކިޔެވެ. އެޚަބަރު އެކަލޭގެފާނަށް ލިބުމާއި އެކު އެންމެ އަގުބޮޑު ވައްތަރުގެ ކަދުރު ޓުކުރިއެއް އެމީހަކަށް ވެދުމަށް އެރުވިއެވެ. އަދި ވިދާޅުވިއެވެ. ތިބާއަށް މި އަގުބޮޑު ހަދިޔާ މިދީނީ ތިބާ އަހަންނަށް ކޮށްދިން ހެޔޮކަމުގެ ބަދަލުގައެވެ. އެމީހަކު ދެންނެވިއެވެ. އެއީ ކޮންކަމެއްތޯއެވެ. ވިދާޅުވިއެވެ. ތިމަންނާ ނެތްތަނުގައި ތިމަންނާގެ ނުބައިވާހަކަ ދެއްކުމެވެ. އޭގެ ސަބަބުން ތިިބާގެ ހެޔޮކަންތައްތަކުން ބަޔެއް އަޅުގަޑަށް ލިބޭނެއެވެ. ތިވަރުގެ ބޮޑު ހެޔޮކަމެއް މީހަކަށް ކޮށްދެވޭނެތޯއެވެ". 

ޣީބަ ބުނުމަށް މެދުވެރިވާ ބައެއް ސަބަބުތައް: 

1.     ތަގްވާވެރިކަމާއި އީމާންކަން ބަލިކަށިވުން. މިކަމުގެ ސަބަބުން މީސްތަކުންގެ އަބުރަށް އަރައިގަނެ، ނެތިނުބައިކޔެން މެދުވެރިވެއެވެ.  

އަލްފަޟްލު ބިން ޢިޔާޟް ވިދާޅުވިއެވެ. ތަގްވާގެ އެންމެ ވަރުގަދަބައި ވަނީ ދުލުގައެވެ.

އަލްފަގީހް އައްސަމަރްގަންދީ ވިދާޅުވިއެވެ. "ޚާލިޞް ތަގްވާއަކީ ޙަރާމް ތަންތަނަށް ބެލުމުން ލޯތިރި ކުރުމާއި، ޣީބަބުނުމާއި ދޮގުހެދުމުން ދޫރައްކާތެރިކުރުމާއި، ހުރިހާ ގުނަވަންތަކެއް ޙަރާމް ކުރެއްވި ކަންތަކުން ދުރުހެލިކުރުވުމެވެ". 

2.     ނުބައިރަޙްމަތްތެރިންނާއެކު ބޭކާރުވާހަކަ ދެއްކުމުގައި ވަގުތު ހޭދަކުރުން.

 (وَكُنَّا نَخُوضُ مَعَ الْخَائِضِينَ) المدثر: ٤٥

މާނައަކީ: "ތިމަންމެން ދޮގުވެރިންނާއިއެކު، ބާޠިލް ދޮގު ވާހަކަ ދެއްކީމެވެ".

މިއާޔަތުގެ ތަފްސީރުގައި ގަތާދާ ވިދާޅުވިއެވެ. "ބޭކާރުވާހަކަ ދައްކާ ކޮންމެ މީހަކާއި އެކު ތިމަންމެން ބައިވެރިވެ، ބާޠިލް ވާހަކަ ދައްކައި އުޅުނީމެވެ". 

އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ. (فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿١١ الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ    ) الطور: ١١١٢ 

މާނައަކީ: "ދޮގުކުރި މީހުންނަށް އެދުވަހުން ގަދަވެގެންވާ ޢަޛާބު ހުއްޓެވެ. އެމީހުންނަކީ ބާޠިލް ވާހަކަތަކުގެ ތެރޭގައި ދުނިޔެއާއި މަޝްޣޫލުވެ، ކުޅެކުޅެތިބި މީހުންނެވެ".

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު ވިދާޅުވިއެވެ. "އެމީހުންނަކީ ބާޠިލް ވާހަކަ ދެއްކުމުގައި ދުނިޔޭގެ ވަގުތުތައް ހޭދަކުރި މީހުންނެވެ". 

3.     އަނެއް މުސްލިމް އަޚާއާއި މެދުގައި ޙަސަދަވެރިވުން، ނަފްރަތު ކުރުން.

އިބްނުތައިމިއްޔާ ވިދާޅުވިއެވެ. "މީސްތަކުންގެ ތެރޭގައިބަޔަކުވެއެވެ. އެމީހުން ބަޔަކުމީހުންނާއި މެދުގައި އޮންނަ ޙަސަދަވެރިކަމެއްގެ ސަބަބުން ޣީބަ ބުނުމަށް މެދުވެރިވެއެވެ. އެފަދަ މީހުން މީހެއްގެ ވާހަކަ ދެއްކިނަމަވެސް އެމީހެއްގެ އެއްވެސް ރަގަޅުވާހަކަ އެއް ނުދައްކާނެއެވެ". 

4.     ދުނިޔޭގެ ވަގުތީ އަރާމަށް ހެއްލުން.

އަލް ފުޟައިލް ބިން ޢިޔާޟް ވިދާޅުވިއެވެ. "ރިޔާސަތު އެދިއްޖެމީހަކު އެހެންމީހުންނާއި މެދު ޙަސަދަވެރިވެ، ނެތިނުބައި ކިޔަންފަށާނެއެވެ. އަދި މީސްތަކުންގެ ޢައިބު ޞިފަ ހޯދަން މަސައްކަތް ފަށާނެއެވެ. އަދި އެއްވެސް މީހަކާއި މެދު ހެޔޮ ބަހެއް ނުބުނާނެއެވެ".

 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް