އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅަށް ކިޔުން ޙަރާމް ނަމެއް ކީއްޖެނަމަ ނަން ބަދަލުކުރަންޖެހޭނެ! މިކަންކަމަށް ބަލައިގެން ނަން ކިޔާ!

ދަރިފުޅަށް ކިޔުން ޙަރާމް ނަމެއް ކީއްޖެނަމަ ނަން ބަދަލުކުރަންޖެހޭނެ! މިކަންކަމަށް ބަލައިގެން ނަން ކިޔާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 51 ސިކުންތު

ދަރިންނަށް ނަންކިޔާއިރު ސަމާލުކަންދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވުމާއި ލޯބިން ކިޔާ ނަންނަމުގެ ގޮތުގައިވެސް ހުއްދަ ނޫން ނަންތައް ކިޔުން އަންނަނީ ގިނަވަމުންނެވެ. ވީމާ މިކަންކަމަށް ސަމާލުކަންދެއްވާށެވެ! 

ދަރިފުޅަށް ނަން ކިޔުމުގައި ބަލަން ޖެހޭ ކަންތައްތައް: 

ޝައްކެތްނެތް ގޮތުގައި ނަން ކިޔުމަކީ އިންސާނާގެ ޙަޔާތުގައި މުހިއްމު ކަމެކެވެ. އާޚިރަތް ދުވަހުގައި އިންސާނާ އަށް ގޮވާލެވޭނީ އޭނާގެ ނަމުންނެވެ. ވީމާ، ރިވެތި މާނަ އެއް ދޭހަވާ ފަދަ ނަމެއް ކުދިންނަށް ކިޔުމަކީ މައިންބަފައިންގެ ޒިންމާ އެކެވެ. 

ނަން ކިޔުމުގެ އަޞްލަކީ ހުއްދަވުމެވެ. އެހެންނަމަވެސް، ނަން ކިޔުމުގައި ދުރުހެލިވާން ޖެހޭ ބައެއް ކަހަލަ ކަންތައްތައް އެބަހުއްޓެވެ. އެގޮތުން: 

1.     ﷲ ނޫން ފަރާތަކަށް ނިސްބަތްކޮށް އަޅެއް ކަމުގައި ކިޔުން. މިޘާލަކަށް: ޢަބްދުއްރަސޫލް، އަބްދުއް ނަބީ، ޢަބްދުލް އަމީރް، މިނޫންވެސް ﷲ ނޫން ފަރާތެއްގެ އަޅެއް ކަމަށް ނިސްބަތްކޮށް ކިޔާފައި ހުންނަ ނަންތަކެވެ. މިފަދަ ނަމެއް ކިޔައިގެން ނުވާނެއެވެ. އަދި ކިޔާފައިވާނަމަ އެނަމެއް ބަދަލު ކުރަން ޖެހޭނެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދުއްރަޙްމާން ބިން ޢައުފް ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނު އިސްލާމްވެ ވަޑއިގެން އިރުގައި ނަމަކީ ޢަބްދު ޢަމްރމު އެވެ. ބައެއް ރިވާޔަތް ތަކުގައި އެކަލޭގެފާނުގެ ނަންފުޅަކީ ޢަބްދުލް ކަޢްބާ ކަމުގައި އައިސްފައިވެއެވެ. ތިމަންކަލޭގެފާނު އިސްލާމްވުމާއި ގުޅިގެން ޢަބްދުއްރަޙްމާނުގެ ނަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަން ދެއްވިއެވެ.

2.     ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޚާއްޞަވެގެންވާ ފަދަ ނަމެއް ނުކިޔުން. މިޘާލަކަށް: އައްރައްޒާގު، އައްރަޙްމާނު ފަދަ ނަންތަކެވެ. މިފަދަ ނަމެއް ކިޔާނަމަ ކިޔަންވާނީ ޢަބްދުއް ރައްޒާގް، ނުވަތަ ޢަބްދުއްރަޙްމާން އެވެ. ނަމުގެ ކުރިޔަށް  "ޢަބްދު" ލާފައެވެ. މީގެ އިތުރުން ﷲ ފިޔަވާ އެހެން ފަރާތަކަށް ނިސްބަތް ނުކުރެވޭނެ ފަދަ ނަމެއް ކިޔުންވެސް ރަގަޅެއް ނޫނެވެ. މިޘާލަކަށް (މަލިކުލް މުލޫކި) މާނައަކީ (ހުރިހާ ރަސްކަމެއްގެ ރަސްގެފާނު)، (އަލްގާހިރު) މާނައަކީ: (އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގަތުން)، މިފަދަ ނަމެއް ކިޔައިގެން ނުވާނެއެވެ. އަދި ކިޔާފައިވާނަމަ އެނަމެއް ބަދަލު ކުރަން ޖެހޭނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (هَلْ تَعْلَمُ لَهُ سَمِيًّا) މާނައަކީ: " އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ "

3.     ކާފަރުންނަށް ޚާއްޞަވެގެންވާ ފަދަ ނަމެއް ނުކިޔުން. މިޘާލަކަށް: ޢަބްދުލް މަސީޙް، ބުޠްރުސް، ޖަރްޖަސް، މި ނޫންވެސް ކުފުރުގެ މިއްލަތަށް ނިސްބަތްވާފަދަ ނުވަތަ އެބައިމީހުންގެ ނަންތައް ކަން ދޭހަވާ ފަދަ ނަމެއް ނުކިޔުން ހުއްޓެވެ.

4.     ﷲ ފިޔަވާ އަޅުކަން ކުރުމަށް ގެންގުޅެވޭ ޠާޣޫތުން ނުވަތަ ބުދު ތަކުގެ ނަމުން ނަން ނުކިޔުން، މިޘާލަކަށް: ޝައިޠާނު، ލާތަ، ޢުއްޒާ ފަދަ ނަންތައް. 

އިސްވެ ބަޔާން ކުރެވުނުފަދަ ނަމެއް ކިޔުމަކީ ޙަރާމް ކަމެކެވެ. އަދި އެފަދަ ނަމެއް ކިޔާފައިވާނަމަ އެނަމެއް ބަދަލު ކުރަން ޖެހޭނެއެވެ. 

·       ނުބައި މާނަ އެއް ދޭހަވާ، ނުވަތަ މީސްތަކުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ފަދަ ނަމެއް ކިޔުމަކީ މަކްރޫހަ ކަމެކެވެ. މިޘާލަކަށް، ނަމެއްގެ ގޮތުގައި "ހަނގުރާމަ"، "ހިޔާމް" މިއީ ޖަމަލަށް ޖެހޭ ބައްޔަކަށް ކިޔޭ ނަމެކެވެ.

·       މީގެ އިތުރުން މުޖްތަމަޢުގައި ފަސާދަ ޢަމަލުތައް ހިންގާ މީސްމީހުންގެ ނަމުން ނަން ކިޔުމަކީވެސް މަކްރޫހަ ކަމެކެވެ. އެފަދަ މީހުންގެ ނަމަކީ ރަގަޅު މާނަ އެއް ދޭހަވާފަދަ ނަމެއްނަމަ އެނަމުގެ ރީތި ކަމަށް ޓަކައި ނުވަތަ މާނަ ރަގަޅު ކަމަށް ޓަކައި އެނަން ކީނަމަވެސް މައްސަލަ އެއް ނެތެވެ. ނަމަވެސް އެފަދަ މީހުންނާ އެއްގޮތް ވުމުގެ ގޮތުން އެފަދަ ނަމެއް ކިޔައިގެން ނުވާނެއެވެ.

·       އެނަމަކުން ފާފަ އާއި އުރެދުމަށް މާނަކޮށްދޭ ފަދަ ނަމެއް ކިޔައިގެން ނުވާނެއެވެ. މިޘާލަކަށް: ސާރިގް (ވައްކަން ކުރާ މީހާ)، ޒާނީ (ޒިނޭ ކުރާ މީހާ) ފަދަ ނަންތައް ކިޔައިގެން ނުވާނެއެވެ.

·       ﷲ އަށް އުރެދުނު ކަމަށް މަޝްހޫރު ފާސިގު މީސްމީހުންގެ ނަންތައް ކިޔައިގެން ނުވާނެއެވެ. މިޘާލަކަށް: ފިރްޢައުނު، ގާރޫނު، ހާމާނު ފަދަ ނަންތަކެވެ.

·       ހަޑިހުތުރު ޙައިވާނު ތަކުގެ ނަމުން ނަން ކިޔުމަކީވެސް މަކްރޫހަ ކަމެކެވެ. މިޘާލަކަށް: ޙިމާރު، ކަލްބު(ކުއްތާ)، ގިރްދު (ރާމަ މަކުނު) ފަދަ ނަންތަކެވެ.

·       ދީނަށް ނުވަތަ އިސްލާމް އަށް ނިސްބަތްކޮށްފައި ހުންނަ ނަންނަމަކީވެސް ކިޔުން މަކްރޫހަ ނަންތަކެވެ. މީޘާލަކަށް: ނޫރައްދީން. ނޫރުލްއިސްލާމް، ޝަމްސުލް އިސްލާމް، ފަދަ ނަންތަކެވެ. ސަބަބަކީ މިފަދަ ނަންތަކުގެ ސަބަބުން އިންސާނާ އަށް ލިބިގެންވާ ޙައްގަށް ވުރެ މަތީ ދަރަޖަ އެއް ދެވެނީއެވެ. އެހެންކަމުން، މިފަދަ ލަގަބުތަކުން ލަގަބު ލިބިވަޑައިގަތުމަށް ސަލަފުން ދެކޮޅު ހެއްދެވިއެވެ. އިމާމް ނަވަވީ އަށް "މުޙްޔިއްދީން" އޭ ކިޔުމަށް އެކަލޭގެފާނު ރުހިވަޑައި ނުގަންނަވައެވެ. ހަމައެފަދައިން، އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނުގެ ނަމަކަށް "ތަގިއްޔުއްދީން" ކިޔުމަށްވެސް ރުހިވޮޑި ނުގަންނަވައެވެ. އަދި ވިދާޅުވެފައިވެއެވެ. "އެހެންނަމަވެސް އަހަރެންގެ އަހްލުވެރިން ނަން ދީފައިވަނީ މިގޮތަށެވެ. އަދި އެނަން ވަނީ މަޝްހޫރުވެ ހަރުލާފައެވެ."

·       ﷲ ގެ އިސްމުފުޅަކުން ނަން ކިޔާނަމަ ކުރިޔަށް "ޢަބްދު" ނޫން ލަފްޘެއް ގެނައުމަކީވެސް މަކްރޫހަ ކަމެކެވެ. މިޘާލަކަށް: ރަޙްމަތުﷲ (ﷲ ގެ ރަޙްމަތް) ފަދަ ނަންތަކެވެ.

·       މަލާއިކަތް ބޭކަލުންގެ ނަންތައް ނުވަތަ ކީރިތި ގުރްއާނުގެ ސޫރަތްތަކުގެ ނަންތަކުން ނަން ކިޔުމަކީވެސް މަކްރޫހަ ކަމެއް ކަމުގައި އިބްނުލް ގައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މިޘާލަކަށް: މީކާއީލް، ޖިބްރީލް، ޠާހާ، ޔާސީން ފަދަ ނަންތަކެވެ.

މި ބަޔާން ކުރެވުނު ނަންތަކަކީ ކިޔުން މަކްރޫހަ ވެގެންވާ ނަންތަކެވެ. ނަމަވެސް، އެފަދަ ނަމެއް ކިޔާފައިވަނިކޮށް، ދުވަސްތަކެއް ފާއިތުވެ، އެނަން ހަރުލާފައިވާނަމަ، ކޮންމެހެން ބަދަލު ކުރުން މަޖްބޫރެއް ނޫނެވެ.

ނަން ކިޔުމުގައި ފަސް ދަރަޖަ އެއް ވެއެވެ. އެއީ:

1.     ޢަބްދުﷲ ނުވަތަ ޢަބްދުއްރަޙްމާން ކިޔުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (أَحَبُّ الْأَسْمَاءِ إِلَى اللَّهِ عَزَّ وَجَلَّ عَبْدُ اللَّهِ وَعَبْدُ الرَّحْمَنِ ) ރަވާހު މުސްލިމް. މާނައަކީ: "ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމަކީ ޢަބްދުﷲ އަދި ޢަބްދުއްރަޙްމާން އެވެ."

2.     ﷲ ގެ އަޅެއް ކަމަށް ނިސްބަތްކޮށް ކިޔޭ ނަންތައް، މިޘާލަކަށް،. ޢަބްދުލް ޢަޒީޒް، ޢަބްދުލް ޣަފޫރު، ޢަބްދުއް ޞަމަދު، ފަދަ ނަންތަކެވެ.

3.     ނަބިއްޔުންނާއި ރަސޫލުންގެ ނަންތައް، މިޘާލަކަށް: މުޙައްމަދު، އަޙްމަދު، މޫސާ، އިބްރާހީމް، ޢީސާ، ނޫޙު، ދާވޫދް ފަދަ ނަންތަކެވެ.

4.     ޞާލިޙް އަޅުތަކުންގެ ނަންތައް ކިޔުން. ޚާއްޞަ ގޮތެއްގައި ޞަޙާބީންގެ ނަންތަކުން ނަން ކިޔުން. އެބޭކަލުންނާއި އެއްގޮތް ވުމުގެ ގޮތުން، ނުވަތަ އެބޭފުޅުން ދީނަށްޓަކައި ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން އެބޭކަލުންގެ ނަންތަކުން ނަން ކިޔުން އެދެވިގެން ވެއެވެ.   މިޘާލަކަށް: އަބޫބަކުރު، ޢުމަރު، ޢުޡްމާން، ޢަލީ، ޠަލްޙާ، ފަދަ ނަންތަކެވެ.

ރަގަޅު މާނަ އެއް ދޭހަވާ ފަދަ ކޮންމެ ނަމެއް ކިޔުމެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް