އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާގެ ޙަޤީޤަތް އޮޅުވާލައި ނެތްފެންވަރު ހުރިކަމަށް ބުނެ އޮޅުވާލައިގެން ކައިވެނިކުރުމަކީ ހުއްދަ ކަމެއް ނޫން!

ތިމާގެ ޙަޤީޤަތް އޮޅުވާލައި ނެތްފެންވަރު ހުރިކަމަށް ބުނެ އޮޅުވާލައިގެން ކައިވެނިކުރުމަކީ ހުއްދަ ކަމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

ކައިވެނިކުރުމުގައި އެމީހެއްގެ ފެންވަރުން ކައިވެނިކުރުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. މާނައަކީ ތިމާގެ ކިބައިގައި ނެތް ފެންވަރު ހުރިކަމަށް ބުނުމާއި ކޮށް ނުދެވޭނެ ކަންކަން ކޮށްދެވޭނެ ކަމަށް ބުނުން ފަދަ ކަންކަމަކީ މަކަރު ހެދުން ކަމަށްވާތީއެވެ.  

ކައިވެންޏަށްފަހު ކޮށްދޭން ވަޢުދުވާ ކަންކަން ކައިވެނި ކުރެވުމުން އަނބިމީހާއަށް ކޮށްދޭންޖެހޭނެތީއެވެ. ކޮށްނުދެވޭނަމަ މައްސަލަތައް ޖެހި ކައިވެނި ރޫޅިގެންދާނެތީއެވެ.  

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ތިމާގެ ޙަޤީޤަތް އޮޅުވާލައި ނެތްފެންވަރު ދައްކައިގެން  ކައިވެނިކުރުމަށްފަހު އަނބިމީހާއަށް ކޮށްދޭން ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަންކަން ކޮށްދެވޭނެ ފެންވަރު ނެތި ކައިވެނިކުރުން ހުއްދައެއް ނޫނެވެ. އަދި އެއީ ޙަޜާމްކަމެއްކަމަށްވެސް ބައެއް ޢިލްމުވެރިން ވަނީ ކަނޑައަޅުއްވަވާފައެވެ.  

މިޘާލަކަށް ކައިވެނިކުރުމަށްފަހު އަނބިމިހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް މަޖުބޫރުވެގެންވާ ކަމެކެވެ. އެހެންކަމަށްވާއިރު އެކަން ކޮށްދެވޭނެ ފެންވަރު ނެތި، ފެންވަރު އެބަހުރިކަމަށް ބުނެގެން ކައިވެނިކުރުމަށްފަހު ބުނާނީ ކީކޭހެއްޔެވެ؟ އަހުރެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭކަށް ނެތޭ، ދެމީހުން މަގުމަތީގައި ދިރިއުޅުމާހެއްޔެވެ؟   

ވީމާ ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭނެ ނަމަ ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި ދިރިއުޅޭ އަންހެނަކާއި ކައިވެނިކޮށްގެން ދެމީހުންވެސް މަގުމަތީގައި އުޅޭށެވެ. އެއަންހެންމީހާއަށް އެގޮތް ކަމުދާނެއެވެ. އެނޫން މީހުންނަކަށް އެގޮތެއް ކަމަކު ނުދާނެއެވެ.  

ދެން އަނެއް ގޮތަކީ އަމިއްލަ ގެދޮރު ނެތްނަމަވެސް މައިން ބަފައިންގެ ގެދޮރުގައި ދިރިއުޅެވޭނެ ކޮޓަރިއެއް ނަމަވެސް ހުރުމެވެ. ގިނަ ދެމަފިރިން ފުރަތަމަ ދިރިއުޅެން ފަށަނީ ކޮންމެވެސް އެކެއްގެ ޢާއިލާއާއިއެކުގައެވެ. ދެމީހުން އެކުގައި ދިރިއުޅެމުން ފައިސާ އެއްކޮށްގެން ވަކިދިރިއުޅުން ހޯދާމީހުން ބައިވަރެވެ.  

ހަމައެފަދައިން ކައިވެނިކުރުމުގައި މަކްރޫހަ ގޮތެއްވެސް އެބަ އޮތެވެ. އެއީ އަނެކާ ދެކެ ލޯބިނުވިނަމަވެސް ލޯބިވާކަމަށް ބުނެގެން އޭނާގެ ގޭގައި ދިރިއުޅުމުގެ ބޭނުމުގައި ކައިވެނިކުރުމެވެ. ބައެއް އަންހެނުން ކައިވެނިކުރަނީ މިބުނި ގޮތަށެވެ. މައިންބަފައިންގެ ގެދޮރުގައި ދިރިއުޅެން ދަތިވުމުންނެވެ. އެއްސަބަބަކީ ގޭގައި ޖާގަނެތުމެވެ. އަނެއް ސަބަބަކީ މައިންބަފައިންގެ ޢަމަލުތައް ހުންނަ ގޮތުން އަވަހަށް އެމީހުންނާއި ދުރަށްދާން ބޭނުންވުމެވެ.   

މިގޮތްގޮތަށް މެދުވެރިވެގެން ކައިވެނިކޮށްގެން ފިރިމީހާއަށް ލޯތްބެއް ނުދެވޭނެއެވެ. އަޅައިލުމެއްވެސް ނުދެވޭނެއެވެ. އިސާހިތަކު މައްސަލަތައްޖެހެން ފަށާނެއެވެ. މިގޮތަށް ކައިވެނިކުރުން މަކްރޫހަކަމަށް މިބުނާ އަނެއް ސަބަބަކީ ލޯބިނުވާއިރު ލޯބިވާކަމަށް ބުނެ ދޮގުހަދައިގެން ކައިވެނިކުރާތީއެވެ.  

ހަމައެފަދައިން ކައިވެނިކުރުން ވާޖިބުވާ ޙާލަތެއް އެބަ އައުދެއެވެ. އެއީ ކައިވެނިކޮށްގެން ދިރިއުޅެވޭނެ މަގުފަހިވެ، ކައިވެނިނުކޮށް ނުހުރެވޭ ޙާލަތެވެ. މިބުނަނީ ޖިންސީ އެދުންތައް ނުފުއްދައި ނުހުރެވޭނަމައެވެ. ޙަރާމްގޮތުގައި އެކަންކަން ކުރެވޭނަމައެވެ. އެމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އަވަހަށް ކައިވެނިކުރުމެވެ.  

މިވާހަކަ މިދެއްކީ ހަމައެކަނި އަންހެނުންނަށް ނިޞްބަތްކޮށްގެނެއް ނޫނެވެ. ފިރިހެނުންވެސް ހިމަނައިގެންނެވެ.

 

- ޝައިޚް ޔަޙްޔާ ޢާދިލް އިބްރާހީމްގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް