އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު
މީހަކު ހެޔޮމަގުގައި ކުރިއަށްދާން މަސައްކަތްކުރާނަމަ އެކަމަށް ހުރަސް އަޅަން މަސައްކަތްކުރާނެއެވެ. ނަމާދަށް މިސްކިތަށް ދިއުމަށްވެސް ހުރަސްއަޅާނެއެވެ. އަންހެނުންނަށް ގޭގައި ނަމާދުކުރަންވެސް ހުރަސްއަޅާނެއެވެ.
ވަޤުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަންނަ މީހުންގެ ގާތަށް މީހުން ފޮނުވައިގެންވެސް ނަމާދުކުރުން ލަސްކުރުވަން ކަންކަން ކުރާނެއެވެ. މިކަމަށް އަންހެނުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ.
ކިތަންމެ ގާތް މީހަކު ބައްދަލުކުރަން އައިސް ހުރިނަމަވެސް ނަމާދު ވަޤުތު ގާތްވުމުން ބައްދަލުވުން މެދުކަނޑައިލާށެވެ! ބުނާށެވެ! "ނަމާދު ވަޤުތު ގާތްވަނީއެވެ. ތިބާވެސް އަވަހަށް ގެއަސް ގޮސް ނަމާދުކުރާށެވެ! ދެން އޮތްބައި ފަހުން ކުރިއަށް ގެންދާނީއެވެ."
މިފަދަ ގޮތަކަށް ބުނުމަކުން އެއްވެސް މައްސަލައެއް ނެތެވެ. އެއީ ނަމާދުކުރާކަން އިޝްތިހާރުކުރުމެއް ނޫނެވެ. އެފަދަ ގޮތަކަށް ބުނަންޖެހެނީ ބުނަން މަޖުބޫރުވާތީއެވެ. އަދި އެގޮތަށް ބުނުންވާނީ އަނެކާއަށް ނަމާދުކުރަން ދެވޭ ހިތްވަރަކަށެވެ. އެއީ ޘަވާބު ދެއްވަވާނެ ކަމެކެވެ. އަދި އެގޮތަށް ކަންތައް ކުރާނަމަ އެމީހަކުވެސް އެކަމަށް ވިސްނާނެއެވެ. އިން ޝާ ﷲ --އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އަޅުގަނޑު އެކަމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ފަރުޟު 5 ނަމާދުކުރާ މީހަކަށް ބަދަލުވެއްޖައިމެވެ. އެކަމަކު އަދިވެސް މިއުޅެނީ ޝައިޠޯނާގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ. ނަމާދަށް ދާންއުޅޭއިރަށް ކޮންމެވެސް ހުރަސްތަކެއް އަޅައެވެ. ކޮންމެހެން ނަގަން ޖެހޭނެ މީހުން ލައްވައި ފޯނުވެސް ކުރުވަނީއެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"
ފުރަތަމަ ކަމަކަށް ތިއަހައި ޒުވާން ޢުމުރުގައި ތިއަ ފަދަ ޖިހާދެއް ފެށިކަމަށްޓަކައި ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ކާމިޔާބީއަށް އެދި ހެޔޮ ދުޢާ ކުރަމެވެ. ދެން ފުރަތަމަ ކަމަކަށް ނަމާދު ވަގުތު ޖެހުމުގެ 30 މިނިޓް ކުރިން ފޯނު ނިއްވައިލާށެވެ. 15 މިނިޓުން ނިއްވީމާ މާ ލަސްވާނެއެވެ. އެއީ ނިއްވަން އުޅެނިކޮށް އަންނަ ކޯލު ނިމުން ލަސްވެއްޖެނަމަ ވުޟޫކޮށްގެން ޖަމާޢަތަށް ނުދެވިދާނެތީއެވެ. ވަރަށް ޚާއްޞަކަމެއް ދިމާވެގެން ނޫނީ ރޭގަނޑުގެ ދެނަމާދުދޭތެރޭގައި ފޯނުގެ ބޭނުން އެއްގޮތަކަށްވެސް ނުކުރާށެވެ. ދެން ހުރިހާ އެކުވެރިންނަށާއި ތިމާގެ އެންމެންނަށް އެކަން އެގޮތަށް އަންގާފައި ބާއްވާށެވެ. އެއިރުން އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ.
ތިރީގައިވާ ލިޔުންވެސް ކިޔައިލާށެވެ! އެފަދަ ދުޢާއެއްވެސް ކުރާށެވެ!
ﷲ ތަޢާލާ އާއި ކުއްތަންވާން މީހަކު މަސައްކަތްފަށައިފިނަމަ ޝައިޠޯނާ އެކި ގޮތްގޮތުން އެކަމަށް ހުރަސްއަޅައެވެ. މީހާ ހުއްޓުމަކަށް ގެނުވައި ފަހަތަށް ޖައްސުވަން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރެއެވެ. ވީމާ އެކަމުން ސަލާމަތްކަން ދެއްވެވުން އެދި އޮތީ ގަދައަޅައި މަސައްކަތްކުރުމާއި ދުޢާކުރުމެވެ.
މިއީ އެގޮތުން ކުރެވިދާނެ ދުޢާއެކެވެ.
ޔާ ﷲ! އިނބަ ﷲ ގެ މަގުގައި މިއަޅާ ކުރިއަށްދާން މަސައްކަތްކުރާއިރުވެސް މަގަށް ހުރަސްއެޅި ހުއްޓުން އެބަ އަރައެއްވެ. އިނބަ ﷲ ގެ މަގުން ކުރިއަށްދާން މިއަޅާ ކުރާ މަސައްކަތްތަކަށް އެޅޭ ހުރަސްތައް އިނބަ ﷲ ގެ ދީލަތިވަންތަކަމުން ނެތިކުރައްވަވައިދެއްވަވާނދޭވެ! އަދި އެފަދަ ހުރަސް އެޅޭ އެންމެހައި ކަންކަމުން މިއަޅާ ސލާމަތްކުރައްވަވައި ދެއްވަވާނދޭވެ!
ޔާ ﷲ! އިނބަ ﷲ ގެ ރުހިވޮޑިގަތުން ހޯދަން މިއަޅާ ކުރާމަސައްކަތުގައި ހުއްޓުމެއް އަރައިފިނަމަ ކުރިއަށްވުރެ ބާރަށް ކުރިއަށް ދިއުމަށް މަގުފަހިކުރައްވަވައި ދެއްވަވާނދޭވެ! އެކަމަށް މިއަޅާއަށް ހިތްވަރު ދެއްވަވައި މަގުފަހުކުރައްވަވައިދޭނވެ!
ޔާ ﷲ! ސީދާވެގެންވާ ތެދުމަކަށް މިއަޅާއަށް މަގުދައްކަވާނދޭވެ! އަދި އެމަގުގައި ސާބިތުވެ ކުރިއަށްދިއުމުގެ ތައުފީޤް ދެއްވަވާނދޭވެ! އާމީން
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
25 ޖޫން 2025