އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޯސްޓްމޯޓޮމް ހެދުމާއިމެދު މައްކަތުލް މުކައްރަމާގައި ހުންނަ "މަޖްމަޢުލް ފިގްހިލް އިސްލާމީ" ގެ ބަސް

ޕޯސްޓްމޯޓޮމް ހެދުމާއިމެދު މައްކަތުލް މުކައްރަމާގައި ހުންނަ "މަޖްމަޢުލް ފިގްހިލް އިސްލާމީ" ގެ ބަސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 39 ސިކުންތު

މިހާރަކަށް އައިސް ޕޯސްޓްމޯޓޮމް ހެދުން ގިނަވެފައިވާތީ އެކަމުގެ ޙުކުމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގެ ޙުކުމްތައް އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

މައްކަތުލް މުކައްރަމާގައި ހުންނަ "މަޖްމަޢުލް ފިގްހިލް އިސްލާމީ" ގެ ގަރާރު ނަމްބަރ (4/208-209) ގައި އައިސްފައިވެއެވެ. 

މަރުވެފައިވާ މައްޔިތާގެ ޕޯސްޓްމޯޓަމް ހެދުމުގެ ޟަރޫރަތްތެރި ކަމާއި، އަދި މައްޔިތާގެ ކަރާމާތް ކަނޑާލުމުން ލިބޭ މަފްސަދާ އަށް ވުރެ ޕޯސްޓް މޯޓަމްގެ މަޞްލަޙަތާއި ފައިދާ ބޮޑުވުމުން، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ދަށުގައިވާ މަޖްމަޢުލް ފިގްހިލް އިސްލާމީ އިން އަންނަނިވި ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ގަރާރު ނެރެއެވެ. 

ފުރަތަމަ: ޕޯސްޓް މޯޓަމް ހެދޭނީ އަންނަނިވި ބޭނުންތަކުގައެވެ. : 

1.    މަރުވެފައިވާ މީހާގެ މަރުގެ ޙަގީގަތް އޮޅުން ފިލަން އޮތް ހަމައެކަނި ގޮތަކީ ޕޯސްޓް މޯޓަމް ހަދައިގެން ކަމަށްވުން.

2.    ޕޯސްޓް މޯޓަމް ހެދުމުގެ ސަބަބުން ޢާއްމުވެދަނެ ފަދަ ބަލި ތަކުން ސަލާމަތް ވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައި ބެހެއްޓުން.

3.    މެޑިސިން ކިޔަވާ ކުދިންނަށް ބޭނުންވާނެ މަޢްލޫމާތު ހޯދުމަށް ކަމަށްވުން. 

ދެވަނަ: ތަޢްލީމް ޙާޞިލް ކުރުމުގެ ބޭނުމުގައި ޕޯސްޓްމޯޓަމް ހަދާނަމަ އަންނަނިވި ކަންތައްތަކަށް ރިޢާޔަތް ކުރަން ޖެހޭނެއެވެ.: 

1.    މައްޔިތާ މަރުވުމުގެ ކުރިން އޭނާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމުގެ ހުއްދަ ދީފައިވުން. ނުވަތަ އޭނާ މަރުވުމަށްފަހު ވާރުތަވެރިންގެ ފަރާތުން އެކަމުގެ ހުއްދަ ލިބުން. އެނޫން ޙާލަތެއްގައި އެއްވެސް ހަށިގަނޑެއްގެ ޕޯސްޓް މޯޓަމް ހަދަންވާނީ ޟަރޫރަތެއް މެދުވެރިވެއްޖެ ޙާލަތެއްގައި އެކަންޏެވެ.

2.    ކޮންމެހެން ބޭނުންވެއްޖެ ގުނަވަނެއް މެނުވީ ނުފެޅުން.

3.    އަންހެނެއްގެ ޕޯސްޓް މޯޓަމް ހަދާނަމަ އެކަން ކުރަންވާނީ އަންހެން ޑޮކްޓަރުންނެވެ. އަންހެން ޑޮކްޓަރަކު ނެތިއްޖެ ޙާލަތެއްގައި މެނުވީ ފިރިހެނަކު އެކަން ކޮށްގެން ނުވާނެއެވެ. 

ތިންވަނަ: ކޮންމެ ޙާލަތެއްގައިވެސް ގުނަވަނުން ވަކި ކުރެވޭ ބައިތައް ވަޅުލާންވާނެއެވެ. އހ. 

ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީން ނެރުއްވާފައި "އަލްބުޙޫޘުލް ޢިލްމިއްޔާ" އޭ ކިޔުނު ފޮތުގެ (2/83-84 ގައި އައިސްފައިވެއެވެ.  

މައުޟޫޢު ތިން ބަޔަކަށް ބެހިގެން ވެއެވެ.

1.    ޖިނާއީ ތަޙްގީގެއްގެ ބޭނުމުގައި ޕޯސްޓް މޯޓަމް ހެދުން

2.    ފެތުރިގެން ހިނގައިދާނެ ބައްޔެއް ދެނެގަނެ، އެކަމުން ރައްކާތެރި ވުމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ޕޯސްޓް މޯޓަމް ހެދުން.

3.    ޢިލްމީ ބޭނުމަކަށް ޕޯސްޓް މޯޓަމް ހެދުން. 

މި މައްސަލާގައި ދިގު ބަޙުޘް ތަކާއި މުނާގަޝާތައް ކުރެވުމަށްފަހު ކޮމިޓީން ނިންމާފައިވާ ގޮތް ތިރީގައި މިވަނީއެވެ. 

ފުރަތަމަ ދެބަޔާއި މެދުގައި ކޮމިޓީގެ ރައުޔަކީ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ޓަކައި، އަދި ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި އެކަން ހުއްދަ ކުރުމަކީ އެކަމުގައި އެކުލެވިގެންވާ މައްޔިތެއްގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުމުގެ ސަބަބުން ނިކުންނަ މަފްސަދާ އަށް ވުރެ ބޮޑު މަޞްލަޙަތެއް އެކުލެވިގެންވާ ކަމެކެވެ. އެހެންކަމުން، މި ދެޙާލަތުގައި ޕޯސްޓް މޯޓަމް ހެދުމަކީ ހުއްދަ ކަމެއް ކަމުގައި ކޮމިޓީގެ އިއްތިފާގުން ނިންމައިފީމެވެ. 

ނަމަވެސް ތިންވަނަ ވައްތަރާއި މެދުގައި ކޮމިޓީގެ ރައުޔަކީ: އިސްލާމީ ޝަރީޢަތް އައިސްފައިވަނީ މަޞްލަޙަތު ހުރި ގޮތް ހޯދުމަށާއި، މަފްސަދާ ތަކުން ދުރުހެލި ކުރުވުމަށް ކަމަށްވެފައި، އަދި ބޮޑު ނުބައި ދުއްވާލުމަށް ޓަކައި ކުޑަނުބައިގާ ހިފުމުގެ އަޞްލު އޮތުމާއި، ދެ މަޞްލަޙަތެއް ފުށޫ އަރައިފިނަމަ އޭގެ ތެރެއިން އެންމެ ފައިދާ ބޮޑު ގޮތުގައި ހިފުމުގެ އަޞްލު އޮތުމާއި، އިންސާނުން ފިޔަވާ ޖަނަވާރެއް ފަޅައިގެން ބޭނުންވާ މަޢްލޫމާތު ނުލިބުމާއި، ފަހުގެ ޢިލްމީ ގިނަ ޙަގީގަތްތަކުގެ އަލީގައި ޕޯސްޓް މޯޓަމް ހެދުމުގެ ގިނަގުނަ ފައިދާތައް އެނގެން އޮތުމުން، އާދަމުގެ ދަރިއެއްގެ ޕޯސްޓް މޯޓަމް ހެދުމަކީ ޖުމްލަ ގޮތެއްގައި ހުއްދަ ކަމެއް ކަމުގައި ދެކެމެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތުގައި އިންސާނާ އަކީ ދިރިހުއްޓާވެސް އަދި މަރުވެފައި ވަނިކޮށްވެސް ކަރާމާތްތެރިކަން ދެވިފައިވާ ފަރާތަކަށްވީ ހިނދު، އަދި އިންސާނާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަކީ މައްޔިތާ އަށް ގިނަގުނަ އަނިޔާތަކެއް ކުރިމަތިވާ ކަމަކަށްވީ ހިނދު، އަދި މިކަމަކީ ރައްކާތެރިކަން ލިބިގެންނުވާ ހަށިގަނޑުތަކުން[1] ވެސް ކުރެވިދާނެ ކަމަކަށްވާތީވެ، ކޮމިޓީ އަށް ފެންނަ ގޮތަކީ މިފަދަ ހަށިގަނޑުތަކުގެ ޕޯސްޓް މޯޓަމް ހެދުން އެންމެ ރަގަޅު ކަމަށެވެ. އަދި ރައްކާތެރިކަން ލިބިގެންވާ ހަށިގަނޑުތަކުގެ ޕޯސްޓް މޯޓަމް ނުހެދުމެވެ.والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

[1]ރައްކާތެރިކަން ލިބިގެން ނުވާ ހަށިގަނޑު ތަކޭ ބުނެވޭ ބަހުގެ މާނަ އަކީ (މަރުވުމުގެ ކުރިން ތިމަންނާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދިޔަސް އެންމެ ރަގަޅު ކަމުގައި ބުނެފައި ވުން، ނުވަތަ ޢާއިލާގެ ހުއްދަ ލިބިފައި ވުމެވެ.)

 

 



 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް