އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު
މީސްތަކުންނޭވެ! ކޮންމެ އަހަރެއް ނިމުމުންވެސް އެއަހަރު ހިނގައިދިއަ ބޮޑެތި ކަންތައްތަކުގެ ލިސްޓް ޢާންމުކުރެއެވެ. މީސްތަކުންނަށް އެންމެ ބޮޑަށް ގެއްލުން ލިބުނު ކަންތައްތަކުގެ ލިސްޓްވެސް ޢާންމުކުރެއެވެ. އެލިސްޓަށްބަލައިފިނަމަ ފެންނާނެ ކަންތައްތަކުގެ ތެރޭގައި އަލިފާން ފަރުބަދަތައް ގޮވުމާ، ބޮޑެތި ޖަންގަލިތަކުގައި ރޯވުމާއި ބިންހެލުންތަކާއި މިފަދަ އެތައް ކަންތައްތަކެއް ހިމެނެއެވެ.
މިހިރަ ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ގަދަފަދަ އިންޒާރުތަކެވެ. ފަހުޒަމާނުގެ ޢަލާމަތްތަކެވެ. ޤިޔާމަތްވުން ގާތްވެއްޖެކަމުގެ އިންޒާރުތަކެވެ.
އަލިފާން ފަރުބަދަ ގޮވައި ހުޅުފަޅައިގެންދާ މަންޒަރު ޓީވީތަކުން ބަލަންތިބެނީވެސް ބިރުން ވިރިވިރިއެވެ. ބިޔަ އޮލަ އަލިފާންގަނޑު ފެނުމުން ހިތަށް ބިރުވެރިކަން ވަދެއެވެ. ދެން ވިސްނާށެވެ! އެއީ ނަރަކައިގެ އަލިފާންގަނޑުގެ ބޮޑުގެ މިނުން ޛައްރެއްގެ މިންވަރަށްވުރެވެސް މާކުޑަކުޑަ އަލިފާންގަނޑެކެވެ. އަދި ހޫނުމިންވެސްވަނީ ނަރަކައިގެ އަލިފާނުގައި ހުންނާނެ ހޫނުމިނުގެ 70 ދަރަޖައިން އެންމެ ދަރަޖައެއްގައެވެ. މާނައަކީ 69 ދަރަޖަ ނަރަކައިގެ އަލިފާނަށްވުރެ މަޑުވާނެ ކަމެވެ.
މީސްތަކުންނޭވެ! ދުނިޔޭގައި ތިއްބައި ނަރަކައެއް ނުފެންނާނެއެވެ. ފެންނާނީ މިފަދަ ކަންކަމެވެ. ވިސްނައި ފިކުރުމީހަކަށް މިވަރުންވެސް ފުދޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް!
އެންމެ އަލިފާން ފަރުބަދައެއް ގޮވުމުން މުޅި ޔޫރަޕް ކަންބޮޑުވުމުގަ! ނަރަކައިގެ ބޮޑުމިން ކިތައް ދުނިޔެވަރުވާނެތަ؟ ހުޅުގަނޑުގެ ބޮޑުމިން ވަޒަންކޮށްލެވޭނެތަ؟
އާދީއްތަ ދުވަހު (22 މެއި 2023) ޔޫރަޕްގެ އަލިފާން ފަރުބަދައެއް ގޮވުމުން މުޅި ޔޫރަޕް ކަންބޮޑުވުމަކަށް އައިސްފައިވާއިރު ނަރަކައިގެ ސައިޒު މިފަދަ ކިތައް ދުނިޔެވަރުވާނެކަމާއި ނަރަކައިގެ ހުޅުގަނޑު ކިހާބޮޑުވާނެކަން އިންށާނުންގެ ހިތަށް ގެނެވޭނެ ނަމައެވެ.
ތިމާމެންނަކީ ކިތަންމެ ތަންދޮރު ދަންނަ ބައެއްކަމަށް ހެދިގެން އުޅުނަސް މިކަންކަމަށް ވިސްނައިނުލެވޭ މީހާއަށް ލިބިފައިވާ ޢިލްމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
މިހާރު މިފެންނަނީ އެންމެ އަލިފާން ފަރުބަދައެއް ގޮވާތަނާއި އެއިން ނުކުންނަ އަލިފާންކޮޅެވެ. އެއިން ފައިބާ ކިސަޑެވެ. މުޅި ދުނިޔެ އެއްފަހަރާ ގޮވަން މިންވަރުކުރެއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. މީސްތަކުންގެ ތެރެއިން ގިނަ ބައަކު މިހައި މިންވަރަށް ﷲ ތަޢާލާއަށް އުރެދެމުންދާއިރުވެސް ސަލާމަތްކަންމަތީގައި މިތިބެވެނީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ.
ވިސްނާށެވެ! ފިކުރުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ކަންބޮޑުވާންވީ އަލިފާން ފަރުބަދައެއް ގޮވުމަކުން ނޫނެވެ. ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށެވެ. އަލިފާން ފަރުބަދައެއް ގޮވައިފިނަމަ ދުރަށް ގޮސް ސަލާމަތްކަން ހޯދިދާނެއެވެ. ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ސަލާމަތްވާން ދެވޭނެ ތަނެއް ނެތެވެ. ޖެހޭނީ ހަމަ ނަރަކައަށް ވަންނާށެވެ.
ގުޅުންހުރި ލިޔުން: (އަލިފާން ފަރުބަދަ ގޮވުން)
Advertisement
27 ޖޫން 2025