އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދާއިމެދު ޙުކުމްތައް ދަސްކޮށް އަނބިދަރިންނަށްވެސް ދަސްކޮށްދޭންޖެހޭނެ! ދަރިން ސްކޫލްތަކަށް ފޮނުވާތީ އެނގޭނެކަމަށް ބަލައި ތިބެގެންވާކަށް ނެތް!

ނަމާދާއިމެދު ޙުކުމްތައް ދަސްކޮށް އަނބިދަރިންނަށްވެސް ދަސްކޮށްދޭންޖެހޭނެ! ދަރިން ސްކޫލްތަކަށް ފޮނުވާތީ އެނގޭނެކަމަށް ބަލައި ތިބެގެންވާކަށް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 46 ސިކުންތު

މިދައްކަނީ އިސްލާމްވުމަށްފަހު ނުވަތަ އިސްލާމެއްގެ ގޮތުގައި ދުނިޔެއަށް ފޮނުއްވެވުމުން އެމީހާގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބުގެ ވާހަކައެވެ. ނަމާދުގެ ވާހަކައެވެ. ވީމާ ސަމާލުކަންދީގެން ކިޔައިލާށެވެ. އަދި ޢަމަލުވެސްކުރާށެވެ!  

ނަމާދުކުރެވޭނީ ނަމާދުގެ ކަންކަން ވަރަށް ރަނގަޅަށް އެނގިގެންނެވެ. ތިމާއަށް އެކަނި އެނގުމަކުންވެސް ނުފުދެއެވެ. އަނބިދަރިންނަށްވެސް ވަރަށް ރަނގަޅަށް އަންގައިދޭންޖެހޭނެއެވެ. އެއިގެ ތެރޭގައި ނަމާދުގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތަކާއި ނަމާދު ބާޠިލްވާނެ ކަންކަން ހިމެނެއެވެ.  

ނަމާދުގެ ރުކުންތައް 

ނަމާދުގެ 14 ރުކުނެއްވެއެވެ.

އެއީ:

1.   ކުޅަދާނަވެގެންވާމީހާ ޤިޔާމަށް ހުރުން.

2.   ޙަރަމް ބަން ތަކުބީރުކިޔުން.

3.   ސޫރަތުލް ފާތިޙާ ކިޔެވުން.

4.   ރުކޫޢުކުރުން.

5.   ރުކޫޢުކުރުމަށްފަހު އިޢްތިދާލުގައި ހުރުން.

6.   ހަތް ގުނަވަނުގެ މައްޗަށް ސަޖިދަކުރުން.

7.   ސަޖިދައިން ތެދުވުން.

8.   ދެސަޖިދަ ދެމެދު އިނުން.

9.   ކޮންމެ ރުކުނެއްގައިވެސް ހަމަޖެހިލާ މަޑުވެލުން.

10.  ރުކުންތައް ތަރުތީބުންކުރުން.

11.  ފަހު އައްތަޙިއްޔާތު ކިޔުން.

12.  ފަހު އައްތަޙިއްޔާތަށް އިށީނުން.

13.  ރަސޫލާصلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން.

14.  ދެ ސަލާމްދިނުން.

 

ނަމާދުގެ ވާޖިބުތައް:

 

ނަމާދުގެ 8 ވާޖިބެއްވެއެވެ. އެއީ:

1.   ޙަރަމް ބަން ތަކުބީރު ފިޔަވާ އެހެން ތަކްބީރުތައް ކިޔުން.

2.   އިމާމްވެ ނަމާދު ކުރާމީހާ އާއި އެކަނި ނަމާދުކުރާމީހާ ވެސް((سَمِعَ اللهُ لِمَنْ الحَمِدَهُ)) ކިޔުން.

3.   ((رَبَّنَا وَلَكَ الْحَمْدُ))އެންމެން (އިމާމްވެ ނަމާދު ކުރާމީހާ، މައުމޫމުމީހާ އަދި އެކަނި ނަމާދު ކުރާމީހާ)  ކިޔުން.

4.   ރުކޫޢުގައި((سُبْحَانَ رَبِّيَ الْعَظِيمِ)) ކިޔުން.

5.   ސަޖިދައިގައި((سُبْحَانَ رَبِّيَ الْأَعْلَى)) ކިޔުން.

6.   ދެސަޖިދަ ދެމެދު((رَبِّ اغْفِرْ لِي)) ކިޔުން.

7.   ފުރަތަމަ އައްތަޙިއްޔާތު ކިޔުން.

8.   ފުރަތަމަ އައްތަޙިއްޔާތަށް އިށީނުން.

 

ނަމާދުގެ ސުންނަތްތައް:  

ނަމާދުގެ ސުންނަތްތަކުގެ ތެރޭގައި:

1.   (ދުޢާއުލް) އިސްތިފްތާޙް ކިޔުން.

2.   ޤިޔާމުގައި ހުންނައިރު ރުކޫޢުގެ ކުރީގައާއި ފަހުގައި މޭމަތީގައި ވައަތް މަތީ ކަނާއަތް ބޭއްވުން.

3.   ފުރަތަމަ ތަކްބީރުކިޔާއިރު، ރުކޫޢުއަށް ދާއިރު، ރުކޫޢުއިން ތެދުވުމުގައި އަދި ފުރަތަމަ އައްތަޙިއްޔާތަށްފަހު ތިންވަނަ ރަކުޢަތަށް ތެދުވާއިރު ދެއަތްތިލައިގެ އިނގިލިތައް ކައިރިކޮށްފައި ކަންފަތާހަމައަށް ނުވަތަ ކޮނޑާހަމައަށް އުފުލުން.

4.   ރުކޫޢުއާއި ސުޖޫދުގައި އެއްފަހަރަށްވުރެއް ގިނައިން ތަސްބީހަކިޔުން.

5.   ރުކޫޢުއިން ތެދުވެ ((رَبَّنَا وَلَكَ الْحَمْدُ)) އަށްވުރެއް އިތުރަށް ދުޢާކުރުން އަދި ދެ ސަޖިދަ ދެމެދު އެއްފަހަރަށްވުރެއް ގިނައިން ފާފަފުއްސެވުމަށް އެދި ދުޢާކުރުން.

6.   ރުކޫޢުގައި ބޮލާއި ބުރަކަށި ސީދާކޮށް އެއްހަމައެއްގައި ބެހެއްޓުން.

7.   ސަޖިދައިގައި ދެއަތް ގަޔާއި ދުރުކުރުމާއި ފައިފަލަމަސްގަނޑު ބަނޑާއި ދުރުކުރުމާއި އަދި ފަލަމަސްގަނޑު ކަށިމައްޗާއި ދުރުކުރުން.

8.   ސަޖިދައިގައި އޮންނައިރު ދެއަތްދަނޑި ބިމުގައި ޖައްސާފައި ނުބޭއްވުން.

9.   ދެ ސަޖިދަ ދެމެދު އަދި ފުރަތަމަ އައްތަޙިއްޔާތައް އިންނައިރު ކަނާއަތު ފައިތިލަގެ ކޮޅު ބިންމަތީގައި ޖައްސައި ވައަތު ފައިތިލަ މަތީ އިށީނުން (އިފްތިރާޝްކޮށް އިނުން).

10.  ހަތަރު ރަކުޢަތް ނަމާދުތަކާއި ތިން ރަކުޢަތް ނަމާދުތަކުގެފަހު އައްތަޙިއްޔާތައް އިންނައިރު ކަނާއަތު ފައިގެ ދަށަށް ވައަތު ފައިތިލަ ލައިގެން އިނުން (ތަވައްރުކުކޮށް އިނުން).

11.  ފުރަތަމަ އައްތަޙިއްޔާތާއި ދެވަނަ އައްތަޙިއްޔާތުފެށުނީއްސުރެ ނިމެންދެން ޝަހާދަތް އިނގިލީން އިޝާރާތްކުރުމާއި އަދި ދުޢާކުރާއިރު އެއިނގިލި ހަރަކާތްކުރުން.

12.  ފުރަތަމަ އައްތަޙިއްޔާތުގައި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އާލުންނަށް އަދި އިބްރާހީމް عليه السلام އާއި އެކަލޭގެފާނުގެ އާލުންނަށް ޞަލަވާތާއި ބަރަކާތްލެއްވުން އެދި ދުޢާކުރުން.

13.  ފަހު އައްތަޙިއްޔާތުގައި ދުޢާކުރުން.

14.  ފަތިސް ނަމާދާއި، ހުކުރު ނަމާދާއި، ދެ ޢީދު ނަމާދާއި، މަޣްރިބް ނަމާދާއި އަދި ޢިޝާ ނަމާދުގެ ފުރަތަމަ ދެ ރަކުޢަތުގައި އަޑު ހަރުކޮށް ކިޔެވުން.

15.  މެންދުރު ނަމާދާއި، އަޞުރު ނަމާދާއި، މަޣްރިބް ނަމާދުގެ ފަހު ރަކުޢަތާއި އަދި ޢިޝާ ނަމާދުގެ ފަހު ދެރަކުޢަތުގައި ސިއްރުން ކިޔެވުން.

16.  ފާތިޙާ ސޫރަތުގެ އިތުރުން ޤުރުއާނުގެ މިންވަރެއް ނަމާދުގައި ކިޔެވުން.

އަޅުގަނޑުމެން މިފޮތުގައި ޛިކުރުކުރި މިންވަރުގެ އިތުރަށްވެސް ނަމާދާއި ގުޅޭގޮތުން ވާރިދުވެފައިވާ ސުންނަތްތަކަށް ރިޢާޔަތް ކުރަންވާނެއެވެ. މިގޮތުން ރުކޫޢުއިން ތެދުވެ ((رَبَّنَا وَلَكَ الْحَمْدُ))  އަށްވުރެއް އިތުރަށް އިމާމުމީހާއާއި މައުމޫމުމީހާ އަދި އެކަނި ނަމާދުކުރާމީހާ ދުޢާކުރުން ފަހެ އެއީ ސުންނަތެކެވެ. އަދިވެސް ރުކޫޢުގައި އޮންނަ އިރު އަތުގެ އިނގިލިތައް ދުރުކޮށް ހުޅުވާލައިގެން ކަކޫ މަތީ ބޭއްވުންވެސް (ސުންނަތުގެތެރެއިން) ހިމެނެއެވެ.

 

ނަމާދު ބާޠިލްވާ ކަންތައްތައް:  

ނަމާދު ބާޠިލްވާ 8 ކަމެއްވެއެވެ. އެއީ:

1.   ނަމާދުގައި ވާހަކަ ދެއްކުމުން ނަމާދު ބާޠިލްވާނެކަން އެނގިހުރެ އަދި އެކަން ހަނދާންހުރެ ނަމާދުގައި ވާހަކަ ދެއްކުން. ހަނދާންނެތި ނުވަތަ ނަމާދުގައި ވާހަކަދެއްކުން އެއީ ނަމާދު ބާޠިލުވާކަމެއްކަން ނޭނގި އެކަންކުރާމީހާގެ ނަމާދު ބާޠިލެއް ނުވާނެއެވެ.

2.   ހުނުން.

3.   ކެއުން.

4.   ބުއިން.

5.   ޢައުރަ ކަޝްފުވުން.

6.   ޤިބްލައާވީ ފަރާތާއި ވަރަށް ބޮޑަށް އެއްކިބާވުން.

7.   މެދުނުކެނޑި ގިނައިން ނަމާދުން ބޭރު ހަރަކާތްތައް ކުރުން.

8.   ޠަހާރަތު ގެއްލުން.

 

- މައުލޫމާތު: ދިސަލަފިއްޔާ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް