އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހެން މީހުންގެ ފަރާތުން ހަގީގަތް އެނގެން ބޭނުންނަމަ ފުރަތަމަ ތިބާ ތެދު ހަދަން ދަސްކުރާށެވެ!

އެހެން މީހުންގެ ފަރާތުން ހަގީގަތް އެނގެން ބޭނުންނަމަ ފުރަތަމަ ތިބާ ތެދު ހަދަން ދަސްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 44 ސިކުންތު

ދުނިޔޭގެ ކޮންމެ މުޖުތަމަޢެއްގެވެސް ބިންގަލަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. މުޢާމަލާތްތަކާއި ގުޅުންތައްދެމެހެއްޓުމުގައި އެންމެ މުހިންމު ސިފައަކީވެސް ތެދުވެރިކަމެވެ. އެހެންނަމަވެސް، މިއަދުގެ ދުނިޔެއަށް ނަޒަރު ހިންގާލާއިރު، ޙަޤީޤަތަށްވުރެ ދޮގު އެންމެންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ވެފައިވާކަން ފެނެއެވެ. 

ޚާއްޞަގޮތެއްގައި ދިވެހި މުޖުތަމަޢުގައި ވެސް މިކަން ވަރަށް ބޮޑަށް ފެތުރިފައިވާކަން ފާހަގަކުރެވެއެވެ. ކޮންމެ މީހަކުވެސް އެހެން މީހުންގެ ފަރާތުން ތެދު ބަސް އަޑުއަހަން ބޭނުންވެއެވެ. އެހެން މީހުން އަމާނާތްތެރިވާން އެދެއެވެ. ނަމަވެސް، ތިމާގެ އަމިއްލަ ނަފްސު އެ ބިނާކޮށްފައިވަނީ ދޮގާއި މަކަރާއި ހީލަތުގެ މައްޗަށް ކަމަށްވަނީނަމަ، އެހެން މީހުންގެ ފަރާތުން ހަޤީޤީ ތެދުވެރިކަމެއް ފެނުމަކީ ނުހަނު ދުރުކަމެކެވެ. ދޮގަކީ ހަމައެކަނި ބަހެއް ނޫނެވެ. އެއީ ގުޅުންތަކުގެ ބިންގާ ސުފާ ސުންނާފަތިކޮށްލާ، އިތުބާރުގެ ލާމަސީލު ފާރު ވައްޓާލާ ވަރުގަދަ ހަތިޔާރެކެވެ. 

މިޒަމާނުގެ މުޖުތަމަޢުތަކުގައި ދޮގުހެދުމަކީ މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި، ބައެއް ފަހަރު ކުދިކުދި ދޮގު ހެދުމަކީ އެންމެން ކުރާ ކަމެއް ކަމުގައި ދެކި، އެކަމަށް ފަރުވާކުޑަކުރާކަން ފާހަގަކުރެވެއެވެ. ސިޔާސީ މައިދާނުގައި ވިޔަސް، ވިޔަފާރީގެ ދާއިރާގައި ވިޔަސް، ނުވަތަ އާއިލީ ގުޅުންތަކުގެ ތެރޭގައި ވިޔަސް، ދޮގުވެރިކަން ވަނީ އާދައަކަށް ވެފައެވެ. އެކަކު އަނެކަކަށް ދޮގު ހަދާއިރު، ހަޤީޤީ މަޢުލޫމާތުތައް ސިއްރުކުރާއިރު، ނުވަތަ ހަޤީޤަތް ބަދަލުކުރާއިރު، މުޖުތަމަޢުގެ ތެރޭގައި އިތުބާރު ކުޑަވެ، ޝައްކުތަކެއް އުފެދެއެވެ. ނަތީޖާއެއްގެ ގޮތުން، މީހުންނަށް ދެން އެކަކު އަނެކަކަށް ބަރޯސާވެ، ޙަޤީޤަތް ދަންނަން ދަތިވެއެވެ. މިކަމުގެ ސަބަބުން، އިޖްތިމާޢީ ގުޅުންތަކަށް ބުރުއަރާ، އަމާނާތްތެރިކަމުގެ ރޫޙު ގެއްލި، މުޖުތަމަޢެއްގެ ބިންގާ ބަލިކަށިވެގެންދެއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެހެން މީހުން ތެދުވެރިވުމަށެވެ. އެހެން މީހުންގެ އަތުން އެއްވެސް ދޮގެއް ނުފެނުމަށެވެ. ނަމަވެސް، ތިމާގެ ނަފްސަށް ބަލާލުމެއްނެތި، އަބަދުވެސް އެހެން މީހުންނަށް އިނގިލި ދިއްކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. 

އިސްލާމްދީނަކީ ތެދުވެރިކަމަށް ވަރަށް ބޮޑަށް ބާރުލާ ދީނެކެވެ. އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އަކީ ދޮގުހެދުމުން އެއްކިބާވެވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނު ގެންގުޅުއްވީ ޞާދިޤު، އަމީން ސިފައެވެ. އެކަލޭގެފާނުގެ މުޢާމަލާތްތަކުގައި އެއްވެސް ދޮގެއް ނުފެނެއެވެ. ދޮގުހެދުމަކީ މުނާފިޤުކަމުގެ ޢަލާމާތެއް ކަމުގައި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. 

"މުނާފިޤުގެ ޢަލާމާތަކީ ތިނެކެވެ. ވާހަކަ ދައްކައިފިނަމަ ދޮގުހަދައެވެ. ވަޢުދެއް ވެއްޖެނަމަ ޚިލާފުވެއެވެ. އަމާނާތް ދެވިއްޖެނަމަ ޚިޔާނާތްތެރިވެއެވެ." މި ޙަދީޘުން ދޮގުހެދުމުގެ ނުރައްކާތެރިކަން ހާމަވެގެންދެއެވެ. 

ދޮގަކީ ހަމައެކަނި ފަރުދީ މައްސަލައެއް ނޫނެވެ؛ އެއީ މުޖުތަމަޢުގެ ހަމަޖެހުމާއި، ދީނީ އަގުތައް ވެއްޔާ މޮޑެލާ ނުރައްކާތެރި ބައްޔެކެވެ. އެހެންކަމުން، މުސްލިމަކަށް ވެހުރެ، ތެދުވެރިކަމަށް ބާރުއަޅައި، ދޮގުހެދުމުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެކެވެ. 

ކުޑައިރުއްސުރެ އަޅުގަނޑުމެންނަށް ދަސްކޮށްދެމުން އަންނަނީ ދޮގުހެދުމަކީ ނުބައިކަމެއް ކަމަށާއި، ތެދުހެދުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެހެންނަމަވެސް، ބޮޑުވަމުން އަންނަ މިންވަރަކަށް ބައެއް މީހުންނަށް މިކަން ހަނދާން ނެތިގެންދެއެވެ. ތިމާ އެހެން މީހުންނަށް ދޮގު ހަދައި އުޅޭއިރު، އެހެން މީހުންވެސް ތިމާއަށް ދޮގު ހަދާކަން އެނގުމުން ކުރާ އިހުސާސަކީ އާދައިގެ ކުޑަ އިހުސާސެއް ނޫނެވެ. އޭރުން ހިތުގައި އުފެދޭނީ ނުތަނަވަސްކަމާއި، މާޔޫސްކަމާއި، ޝައްކުގެ އިހުސާސްތަކެވެ. ތިމާ ދޮގު ހަދާފައި، އެހެން މީހުން ދޮގުހަދާކަން އެނގުމުން، އެ އިހުސާސްތައް ދެގުނަ ބޮޑުވެގެންދެއެވެ. އެހެނީ، އެވަގުތު ތިމާގެ ނަފްސު ތިމާ އަށް ބުނާނެއެވެ: "ތިބާ ކުރި ކަންތައްތަކުގެ ނަތީޖާ ތިބާއަށް ފެނިއްޖެހެއްޔެވެ؟ ތިބާ ދޮގު ހެދުމުން އެހެން މީހުންވެސް ތިބާއަށް ދޮގުހަދާނެކަން ނޭނގެނީހެއްޔެވެ؟" މިފަދަ ވަގުތެއްގައި އަމިއްލަ ނަފްސާމެދު ޝައްކުތަކެއް އުފެދި، އަމިއްލަ އަޚްލާޤީ މިންގަނޑުތަކާމެދު ސުވާލު އުފެދެއެވެ. އެހެން މީހުންގެ ދޮގުތަކުން ތިމާއަށް ލިބޭ ހިތްދަތިކަން، ތިމާގެ އަމިއްލަ ދޮގުތަކުގެ ސަބަބުން އެހެން މީހުންނަށް ލިބޭ ހިތްދަތިކަމާ ގުޅުވައިލެވޭނެއެވެ. 

ދޮގުވެރިކަމުގެ މި ނުބައި ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި، ފުރަތަމަ ފިޔަވަޅަކީ ތިމާގެ އަމިއްލަ ނަފްސު އިސްލާޙުކުރުމެވެ. އެހެން މީހުންގެ ފަރާތުން ތެދު ބަހެއް އަޑުއަހަން ބޭނުންނަމަ، ފުރަތަމަ ތިމާ ތެދުހަދަން ދަސްކުރަން ޖެހެއެވެ. އެންމެ ކުޑަ ދޮގެއް ވިޔަސް އެއީ ދޮގެކެވެ. ދޮގަކީ ދޮގެކެވެ. ކުޑަ ދޮގެއް ހެދުމަށްފަހު ބޮޑެތި ދޮގު ހެދުމަށް ހިތްވަރު ލިބެއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި، ކޮންމެ މީހަކުވެސް އަމިއްލަ ނަފްސު މުރާޖަޢާކޮށް، ތެދުވެރިކަމުގެ މަތިވެރި ސިފަ ޤަބޫލުކުރަން ޖެހެއެވެ. ތެދުވެރިކަން ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް ގެންގުޅެން އަޒުމުކުރަން ޖެހެއެވެ. އެހެން މީހުންނާ މުޢާމަލާތްކުރާއިރު، ހަޤީޤަތަށް ބިނާކޮށް ވާހަކަ ދެއްކުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ތެދުވެރިކަމަކީ ހަމައެކަނި ބަސްތަކުގައި ހިފެހެއްޓުމެއް ނޫނެވެ. އެއީ ޢަމަލުތަކުންވެސް ދައްކަންޖެހޭ ސިފައެކެވެ. ދެފުށްފެންނަ ގޮތެއްގައި ކަންކަން ކުރުމާއި، އެއްވެސް މަކަރެއް ހީލަތެއް ނެތި އަމާނާތްތެރިވުމަކީ ތެދުވެރިކަމުގެ ބައެކެވެ. މުޖުތަމަޢެއްގައި ތެދުވެރިކަން ފުޅާވެ، ދޮގުވެރިކަން ނައްތާލެވޭނީ ކޮންމެ ފަރުދެއްވެސް އަމިއްލަ ނަފްސުން ފެށިގެން މި ބަދަލު ގެނެސްގެންނެވެ. ހަމަޔަޤީނުންވެސް، ތިމާ ތެދުވެރިވެއްޖެނަމަ، އެހެން މީހުންގެ ފަރާތުންވެސް ތެދުވެރިކަން ފެނުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އެހެނީ، ތެދުވެރިކަމަކީ ވާރުތަވާ ސިފައެކެވެ. ތެދުވެރި މީހުންގެ ވަށައިގެން ތެދުވެރިން ޖަމާވާނެއެވެ. ދޮގުވެރިކަމުން ދުރުހެލިވެ، ތެދުވެރިކަން ދިރިއުޅުމުގެ ޝިޢާރެއް ކަމުގައި ހެދުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. އެހެންކަމުން، އެހެން މީހުންގެ ފަރާތުން ޙަޤީޤަތް އެނގެން ބޭނުންނަމަ، ފުރަތަމަ ތިބާ ތެދު ހަދަން ދަސްކުރާށެވެ. އެއީ ތިބާގެ ނަފްސަށް ލިބޭ ހަމަޖެހުމާއި، މުޖުތަމަޢަށް ލިބޭ އަލިގަދަ ނޫރެކެވެ.

 

                   

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު