އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު
ބައެއް އަނބިންގެ ސުވާލުތައް ގިނަވާނެއެވެ. އެއީ އެކަނބަލުންގެ ޠިބާޢަތުގައި ހުންނަ ސިފައެކެވެ. އަނެއްބައި އަނބިން ސުވާލުތައް ގިނަކުރާނީ ކޮންމެވެސް ކަމަކަށް ޝައްކުކުރެވެން ފެށުމުންނެވެ.
އަހުރެން ބުނާނީ މި 2 ޙާލަތުންކުރެ ކޮންމެ ޙާލަތެއްގައި ނަމަވެސް އަނބިމީހާ ކުރާ ސުވާލުތަކަށް ޖަވާބުދޭށެވެ. ރުޅި އައިސް ނަފްރަތުގެ ބަސް ނުބުނާށެވެ! ސަބަބަކީ ސުވާލުއެކުރަނީ ލޯބިވާތީއެވެ. ދެމަފިރިންގެ ގުޅުމަށް ބުރުއަރައިފާނެ އެއްވެސް ކަމެއް މެދުވެރިވެދާނެ ކަމުގެ ބިރަށެވެ. ޢުމުރަށް އެކުގައި އުޅެން ބޭނުންވާވަރު ބޮޑުކަމުންނެވެ.
މޮޔައަކު ނޫނީ ތިމާއަށް ފައިސާތަކެއް ލިބުމުން އަންނާނީ ރުޅިއެއް ނޫނެވެ. ކުރާނީ އުފަލެވެ. އަނބިމީހާގެ ސުވާލުތަކަށް ޖަވާބުދިނުމަކީ އަތަށް ފައިސާތަކެއް ލިބުމަށްވުރެވެސް މާ ފައިދާހުރި ކަމެކެވެ. ސަބަބަކީ އަތަށް ފައިސާ ލިބުނަސް ބޭކާރު ގޮތުގައި ޚަރަދުކުރެވޭނަމަ އެކަމުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ އެއިގެ ބޭނުން ހެޔޮގޮތުގައި ހިފޭނަމައެވެ.
ހެޔޮލަފާ އަނބިންގެ ސުވާލުަތަކަށް ތެދުވެރިކަމާއިއެކު ޖަވާބުދޭނަމަ ތިމާގެ އަތުން އިސްރާފުކުރެވޭވަރު ބޮޑުތަނުން ކުޑަވެގެންދާނެއެވެ. ލިބޭ މާލީ ގެއްލުންތައް ކުޑަވެ ގެއްލުންތަކުން ސަލާމަތްވެ ހުރެވޭނެއެވެ.
ރަނގަޅަށް ބަލާށެވެ! އަނބިން ސުވާލުކުރުމުން ރުޅިއަންނަ އަދި ދޮގުހަދާ ގިނަ މީހުންގެ އަތުން ބޭކާރު ގޮތުގައި ވަރަށް ގިނައިން ޚަރަދކުރެވޭނެއެވެ. އަދި ބޮޑެތި މާލީ ގެއްލުންތައްވެސް ކުރިމަތިވާނެއެވެ.
މިކަންކަމަށް ވިސްނާނަމަ ދިރިއުޅުން އުފާވެރިވާނެއެވެ. ތަނަވަސްކަންވެސް އިތުރުވާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
Advertisement
4 ޖުލައި 2025