އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ޖުނުބުވެރިވި ނަމަވެސް ޙާލަތު ހުރި ގޮތުން ހިނައިގަނެވެން ނެތްނަމަ ޢަމަލުކުރަން އޮތް ގޮތް-

ހަނދުމަކޮށްދިނުމެއް!: ޖުނުބުވެރިވި ނަމަވެސް ޙާލަތު ހުރި ގޮތުން ހިނައިގަނެވެން ނެތްނަމަ ޢަމަލުކުރަން އޮތް ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 39 ސިކުންތު

ނިދުނީ ޖުނުބްވެރި ޙާލުގައެވެ. ހޭލެވުނީ އާދައިގެމަތިން 3 ޖެހިއިރުއެވެ. ރޮގާގެ އުނދަގޫ ބޮޑުކަމުން ހިނައިގަތުން ވަރަށް އުނދަގުލެވެ. މުޅި ހަށިގަނޑަށް ފެންއަޅަންޖެހޭނެތީއެވެ. ހީޓަރު ނުހުންނާތީ ފެންހޫނުކުރެވޭކަށް ނެތެވެ. މިޙާލަތުގައި ޢަމަލުކުރެވޭނެ ގޮތަކީ ކޮބައިތޯ؟  

ކިޔުންތެރިޔާ ތިއަ ވިދާޅުވާ ޙާލަތުގައި ކުރައެއްގައި ނުވަތަ ފެންކައްކާ ޖަގެއްގައި ފެންފޮދެއް ކައްކާލައިގެންވެސް ބޭނުންކުރެވިދާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ   

ބޮޑު ޙަދަޘްވެރިވެފައިވާ މީހުން ހިނައިގަތުމަކީ ވާޖިބު ކަމެކެވެ. ނަމަވެސް ފެން ބޭނުން ކުރުމުން ބަލިވެދާނެ ކަމަށް، ނުވަތަ ހުރި ބައްޔެއް ބޮޑުވެދާނެނަމަ، ނުވަތަ ޝިފާ ލަސްވެދާނެ ކަމަށް ބިރުހީވާނަމަ، ތަޔައްމުމް ކުރުން ހުއްދަވެގެން ވެއެވެ.  

ސޫރަތުއް ނިސާގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  

(وَإِن كُنتُم مَّرْ‌ضَىٰ أَوْ عَلَىٰ سَفَرٍ‌ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ)  

މާނައަކީ: " އަދި، ބަލިމީހުން ކަމުގައި ތިޔަބައިމީހުން ވާނަމަ، ނުވަތަ، ދަތުރެއްގެމަތީގައިވާނަމަ، ނުވަތަ، ތިޔަބަައިމީހުންކުރެ މީހަކު ހަނޑަހުން އައިނަމަ،(އެބަހީ: ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެނަމަ) ނުވަތަ، އަންހެނުންގައިތިޔަބައިމީހުން ބީހިއްޖެނަމަ، ދެން، ތިޔަބައިމީހުންނަށް ފެންނުލިބިއްޖިއްޔާ، طاهر ވެލިން ތިޔަބައިމީހުން تيممކުރާށެވެ!"  

ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މިފަދައިންނެވެ. 

(يُرِ‌يدُ اللَّـهُ بِكُمُ الْيُسْرَ‌ وَلَا يُرِ‌يدُ بِكُمُ الْعُسْرَ‌)  

މާނައަކީ: "اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތިއުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ." 

ސޫރަތުލް ޙައްޖިގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މިފަދައިންނެވެ.

(وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَ‌جٍ)  

މާނައަކީ: "އަދި دينގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ." 

މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެން ވެއެވެ.  

(خَرَجْنَا فِي سَفَرٍ فَأَصَابَ رَجُلًا مِنَّا حَجَرٌ فَشَجَّهُ فِي رَأْسِهِ ثُمَّ احْتَلَمَ ، فَسَأَلَ أَصْحَابَهُ ، فَقَالَ : هَلْ تَجِدُونَ لِي رُخْصَةً فِي التَّيَمُّمِ ؟ فَقَالُوا : مَا نَجِدُ لَكَ رُخْصَةً وَأَنْتَ تَقْدِرُ عَلَى الْمَاءِ ، فَاغْتَسَلَ فَمَاتَ . فَلَمَّا قَدِمْنَا عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُخْبِرَ بِذَلِكَ ، فَقَالَ : " قَتَلُوهُ قَتَلَهُمُ اللَّهُ ، أَلَا سَأَلُوا إِذْ لَمْ يَعْلَمُوا ، فَإِنَّمَا شِفَاءُ الْعِيِّ السُّؤَالُ ، إِنَّمَا كَانَ يَكْفِيهِ أَنْ يَتَيَمَّمَ وَيَعْصِرَ أَوْ يَعْصِبَ شَكَّ مُوسَى عَلَى جُرْحِهِ خِرْقَةً ثُمَّ يَمْسَحَ عَلَيْهَا وَيَغْسِلَ سَائِرَ جَسَدِهِ  ) 

މާނައަކީ: "ތިމަންމެން ދަތުރަކު ނިކުމެ އުޅެނިކޮށް އަހަރުމެންގެ ތެރެއިން މީހެއްގެ ބޮލުގައި ހިލައަކުން ޖެހި ފަޅައިގެން ދިޔައެވެ. އޭނާ އިޙްތިލާމްވެގެން ޞަޙާބީންގެ ގާތުގައި ސުވާލު ކުރެއްވިއެވެ. "ތިމަންނާ އަށް ތަޔައްމުމް ކުރުމުގެ ރުޚްޞަތު ލިބިގެންވޭ ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. "ތިބާ ފެން ބޭނުން ކުރުމަށް ކުޅަދާނަކަން ހުރިހާ ހިނދަކު ތަޔައްމުމް ކުރުމުގެ ރުޚްޞަތުގައި ހިފައިގެން ނުވާނެއެވެ." ދެން އެމީހާ ހިނައިގަތެވެ. އޭގެ ސަބަބުން އޭނާ މަރުވިއެވެ. ދެން ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އާދެވުމުން އެވާހަކަ ދެންނެވީމެވެ. ޙަދީޘް ކުރެއްވިއެވެ. "އެބައިމީހުން އޭނާ ގަތުލު ކުރީއެވެ. ނޭނގޭނަމަ ސުވާލު ކުރިނަމައެވެ. ނޭނގުމުގެ ޝިފާ އަކީ ސުވާލުކޮށް އޮޅުން ފިލުވުމެވެ. އޭނާ ތަޔައްމުމް ކުރިނަމަ، ނުވަތަ ފާރުގަނޑުގައި އެއްޗެއް އެޅުމަށްފަހު، އެތަނުގައި ފެންފޮހެ، ހަށިގަނޑުގެ ބާކީ ބަޔަށް ފެންއަޅައި ހިނައިގަންނަމަ ފުދޭނެއެވެ." 

އެހެންކަމުން، ހިނައިގަތުމުގެ ބަދަލުގައި ވުޟޫ ކުރުމަކުން ނުފުދޭނެއެވެ. ހިނައިގަތުމުގެ ބަދަލުގައި ކުރަން ޖެހޭ ކަމަކީ ތަޔައްމުމް ކުރުމެވެ. އަދި ޢުޛުރު ފިލާދިޔަހާ އަވަހަކަށް ޖުނުބުވެރި ކަމުން ޠާހިރު ވުމަށް ހިނައިގަންނަން ޖެހޭނެއެވެ.  

ސުވާލު ކުރާ ބޭފުޅުންގެ ސަމާލު ކަމަށް ޓަކައި ދަންނަވަމެވެ. އޭނާގެ ހަށިގަނޑުގެ ބަޔެއްގައި ފެން ޖެއްސުމުގެ ކުޅަދާނަކަން ހުރިނަމަ އެބައެއްގައި ފެންޖައްސާ ދޮންނަންވާނެއެވެ. އަދި ބަލި ގުނަވަނުގައި ފެން ޖެއްސުމުގެ ބަދަލުގައި ތަޔައްމުމް ކުރާނީއެވެ. ސޫރަތުއް ތަޣާބުންގެ 16 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ)  

މާނައަކީ: "ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ!" 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

(وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ) متفق عليه.  

މާނައަކީ: "ތިމަންކަލޭގެފާނު ކަމަކަށް އަމުރު ކުރައްވައިފިނަމަ ތިޔަބައިމީހުންނަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެކަމެއް ކުރާ ހުށިކަމެވެ." 
އިމާމް ނަވަވީ ރަޙިމަހުﷲ- އަލްމަޖްމޫޢުގައި ވިދާޅުވެފައިވެއެވެ. "ވުޟޫގެ ހުރިހާ ގުނަވަނެއްގައި ފެން ޖެއްސުމަށް ޢުޛުރުވެރި ވުމުގެ ސަބަބުން ތަޔައްމުމް ކުރުމުގެ ރުޚްޞަތު ލިބިފައިވާނަމަ، ވުޟޫ ކުރުމުގެ ބަދަލުގައި ތަޔައްމުމް ކުރާށެވެ. ނަމަވެސް، ބައެއް ގުނަވަންތަކުގައި ފެން ޖެއްސުން މަނާވެފައިވާނަމަ، މަނާ ގުނަވަން ތަކުގައި ފެން ނުޖައްސާ ހުއްދަ ގުނަވަންތަކުގައި ފެން ޖައްސާނީއެވެ. އަދި ބާކީ ގުނަވަންތަކުގެ ބަދަލުގައި ތަޔައްމުމް ކުރާނީއެވެ."والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް