އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު
އަބަދުވެސް ބުނަމެވެ. ބައިވެރިޔާއަށް ކުށެއްކުރެވޭއިރަށް އެކަން އެހައި ބޮޑުކަމަކަށް ނުހަދައި މާފުކުރާށެވެ! މާފުކޮށް އެކުގައި އުޅެން މަސައްކަތްކުރާށެވެ. އެކަމުން ކުރާ ފައިދާ މާބޮޑުވާނެއެވެ.
މިހެން ބުނުމުން ބައެއް ކަސްޓަމަރުން ކުރާ ސުވާލަކީ މާފުކުރަންވީ ކިތަށްފަހަރުތޯއެވެ؟ އަބަދުވެސް ހުންނަންވީ މާފުކުރުންމަތީގައިތޯއެވެ؟ މާފުކޮށްކޮށް އަބަދުވެސް ހުންނަންވީތޯއެވެ؟
މިސުވާލުތަކަށް ދޭން އޮތް ޖަވާބަކީ ނޫނެކެވެ. އެއްވެސް ޙާލެއްގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ. މާފުކުރަން އޮތީ އެއްފަހަރުއެވެ. ގިނަވެގެން ދެފަހަރުއެވެ.
ވަރިއާއިމެދު އިސްލާމް ދީނުގައި އޮންނަނީ ވަރަށް ރަނގަޅަށެވެ. އެއީ 3 ފަށްވެއްޖެނަމަ އިތުރު ކައިވެންޏެއް ނުކޮށް އަނބިމީހާއަށް ފިރިމީހާއާއި ކައިވެނިނުކުރެވޭ ގޮތަށް އޮންނަ އޮތުމެވެ. އެގޮތަށް އެއޮތީ ވަރަށް މުހިންމު ސަބަބަކަށްޓަކައެވެ. ފިލާވަޅު ލިބިގަންނަންވީ އެކަމުންނެވެ.
ލިބިގަންނަންޖެހޭ ފިލާވަޅަކީ 2 ވަނަ ފަހަރު މާފުކުރުމުންވެސް އިޞްލާޙްނުވެއްޖެނަމަ 3 ފަހަރަށް މާފަށް އެދެން ނުޖެހޭނެ ގޮތް ހެދުމެވެ. އެކަންކުރެވޭނީ އެހިސާބުން ދެމީހުން ވަކިވެގެންނެވެ.
މިހެން ބުނަންޖެހޭ ސަބަބަކީ 2 ފަހަރަށްވުރެ ގިނައިން މާފުކޮށްފިނަމަ ގިނަ މީހުން އެކަންދެކެނީ މުޅިން ތަފާތުގޮތަކަސް ކަމަށްވާތީއެވެ. އިޞްލާޙްވާން މަސައްކަތްކުރުމުގެ ބަދަލުގައި ގިނަމީހުން ދެކެނީ އެއީ އުޅޭނެ ގޮތަކަށް އުޅުން ހުއްދަވުން ކަމަށްވާތީއެވެ.
އަހުރެންނަށް ކްލައިންޓުންގެ ކިބައިން ލިބިފައިވާ މަޢުލުމާތަށް ބަލާއިރު ބައިވެރިޔާއާއިއެކުގައި އުޅެން ބޭނުންވާނަމަ މާފަށް އެދެންޖެހޭނެ ކަމެއް 3 ވަނަ ފަހަރަކު ނުކުރާނެއެވެ. 3 ވަނަ ފަހަރު އެފަދަ ކަމެއް ކޮށްފިނަމަ އެއިގެ މާނައަކީ ބައިވެރިޔާ މުހިންމެއް ނޫނެވެ.
ދެން ހަނދާންކުރަންޖެހޭ ކަމެއްވެސް ބުނެލާނަމެވެ! މިދެއްކީ ދިރިއުޅުމުގައި ކުރިމަތިވާ އާދައިގެ ކުށްތަކުގެ ވާހަކައެއް ނޫނެވެ. އެކަންކަމަށް ގިނައިން މާފުކުރަންޖެހޭނަމަވެސް އެކުގައި ހަމަ އުފަލުގައިވެސް އުޅެވިދާނެއެވެ. މިދެއްކީ ބޭވަފާތިރިވުމުގެ ވާހަކައެވެ. ވީމާ މިދެ ޙާލަތުިއެއްވެސް ވަރަކަށް އޮޅުވާލައިގެން ނުވާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
Advertisement
4 ޖުލައި 2025