އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 1 ސިކުންތު
އަންހެނުންނަކީ މުޖުތަމައެއް ބިނާކުރުމުގައި އިސް ދައުރެއް އަދާކުރާ ބަޔެކެވެ. ދަރިން ބަލާ ތަރުބިއްޔަތު ކުރަމުން ގޭތެރޭ މަސައްކަތްތައް ކުރަމުން ފިރިންނަށް ހިދުމަތް ކުރަމުން ގިނަ އަންހެނުން އުޅެނީ ފިސާރި ބުރަކޮށްނެވެ. ފިރިމީހާއަށް ލިބޭ އެއްޗަކުން ގޭތެރޭ ހަރަދުތައް ނުބެލެހެއްޓޭތީ ނުވަތަ އެހެން ކޮންމެވެސް ޛަރޫރީ ހާލަތެއް މެދުވެރިވެގެން ވަޒީފާއަށް ނިކުންނަ އަންހެނުންވެސް މިހާރު މުޖުތަމައުގައި ގިނައެވެ. ހުރިހާ ކަމެއް ކުރަމުން ގިނަ ފަހަރު އޮންނަނީ އަމިއްލަ ނަފްސަށްވެސް ވަގުތު ނުދެވިފައެވެ. މި ލިޔުމުގައި ތި އުޙްތުންނަށް ވަގުތު ސަލާމަތް ކުރެވިދާނެ ގޮތްތަކެއް ބުނެދެވޭތޯ މަސައްކަތް ކޮށްލާނަމެވެ.
ފުރަތަމަ އަދި އެންމެ މުހިއްމު ކަމަކީ ތިމާގެ ވަގުތުގައި ބަރާކާތް ލެއްވުމަށް އެދި ﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޞްރަތަށް ގިނަ ގިނައިން ދުޢާ ކުރުމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިވުމެވެ. އެކަލާނގެއަށް ތަޤުވާވެރިވުމެވެ. ތަޤުވާވެރިވުމަކީ އެކަލާނގެ އެއްގެވި ހުރިހާ ކަމެއް ކޮށް އަދި ނަހީ ކުރެއްވި ހުރިހާ ކަމެއް ދޫކޮށްލުމެވެ. މިކަމުގައި ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުހުވޮޑިގަތުން ލިބޭނެއެވެ.
ދެވަނަ ކަމަކީ ބޭކާރު އަދި އެކަމަކުން ތިމާއަށް އެއްވެސް ފައިދާއެއްނުވާ ކަންތައްތަކުން ދުރުވުމެވެ. އެގޮތުން ފޭސްބުކް ގައި ހޭދަ ކުރާ ވަގުތު އެބަ މަދުކުރަންޖެހެއެވެ. ފޭސްބުކް އިން ބޭކާރު އަދި ފެންނަ ނުޖެހޭ ކިތަންމެ މަންޒަރެއް އަދި އަޑުތައް އިވެއެވެ. އަދި ކޮންމެހެން ދައްކަން ނުޖެހޭ ވާހަކަތަކާއި ދުރުވާށެވެ.
ތިންވަނަ ކަމަކަށް ކޮންމެ ދުވަހަކު ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ރާވައިލަގެން ކުރާށެވެ. މިސާލަކަށް ދުވަހު ކުރަން ބޭނުންވާ ކަންތަކުގެ ތެރެއިން ފަތިހު ވަގުތު ކުރާނީ ކޮންކަމެއްތޯ ކަނޑައަޅައި އެކަމެއް އެވަގުތު ކޮށް ނިއްމާލުމަށް ޢަޒުމް ކަނޑައަޅާށެވެ. ހަމަ މިފަދައިން އެހެން ވަގުތު ތަކަށްވެސް ކަންތައްތައް ބަހާލައިގެން ކޮށްލާށެވެ. އެކި ވަގުތުތަކަށް ކަންތައްތައް ބަހާލައިގެން ކުރުމުން ވަގުތު ވަރަށް ބޮޑަށް ސަލާމަތްކުރެވި އަދި ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ހާސިލު ކުރެވޭ ގޮތް ވެއެވެ. އޭގެ ބަދަލުގައި އެއްވެސް ރޭވުމެއް ނެތި ކަންތައްތައް ކުރަންފެށުމުން އެދުވަހެއްގެ މަސައްކަތްތައް ލަސްވެގެންދެއެވެ.
ހަތަރުވަނަ ކަމަކަށް ތަނަވަސްކަން ހުރިނަމަ ގެއަށްބޭނުންވާ އެއްޗެހި އަދި ތިމާއަށާއި ކުދިންނަށް ބޭނުނަވާ އެއްޗެހި މަހަކަށް ވާ ވަރަށް ގަނެފަ ބަހައްޓާށެވެ. މަހަކަށް އުދަނގޫ ނަމަ ހަފްތާއަކަށް ވާ ވަރަށް ގަނެފައި ބަހައްޓާށެވެ. ކޮންމެވެސް އެއްދުވަހަކު ގެއަށް ބޭނުންވެފައިވާ އަދި ހުސްވެފައިވާ އެއްޗެހީގެ ލިސްޓެއް ހަދާލާށެވެ. ހަމަ މިގޮތަށް ތިމާ އާއި ދަރިންނަށް ގަންނަންވެފައިވާ އެއްޗެހީގެ ލިސްޓެއްވެސް ހަދާލާށެވެ. އެއަށްފަހު ކޮންމެވެސް އެއްދުވަހަކު ފިހާރައަށް ގޮސް އެއްޗެހި ގަނެލާށެވެ. އިރު އިރުކޮޅާއި ފިހާރައަށް ދާންޖެހުމަކީ ވަރަށް ވަގުތު ގެއްލޭ ކަމެކެވެ.
ފަސްވަނަ ކަމަކަށް ކުރިޔާލާ ގޭގެ ކަށްކާނެ އެއްޗެހީގެ ލިސްޓެއް ތައްޔާރު ކޮށްލާށެވެ. ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިން ޖެހިގެން އަންނަ ދުވަހު ގޭގެ ކަށްކާނެ އެއްޗެއް ނިއްމާލާފަ ބަހައްޓާށެވެ. ކަށްކަން ބޭނުންވާ އެއްޗެހި ތައްޔާރު ކުރާ ސާމާނު ބަދިގޭގަ ހުރިތޯ ބަލައި ޗެކް ކޮށްލާށެވެ. ނެތް ނަމަ ކޮންމެވެސް އެހެން އެއްޗަކަށް ބަދަލުކޮށްލާށެވެ.
މި ބަޔާންކޮށްލެވުނީ ވަރަށް އާދައިގެ އަދި ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންތައްތަކެކެވެ. މިއީ އަޅުގަނޑު ތަޖުރިބާ ކޮށްފައިވާ ކަންތައްތަކެކެވެ. މި ގޮތަށް ކަންތައް ކުރުމުން އަޅުގަނޑަށް ވަގުތު ސަލާމަތް ކުރެވެއެވެ. ތި އުޚްތުން މި ކަންތައްތައް ނިކަން ތަޖުރިބާ ކޮށްލަބަލާށެވެ.
ލިޔުނީ : އުންމު ނަވާރު
Advertisement
6 ޖުލައި 2025