އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށްޓަކައި، މިލަދުންމަޑުލު ދެކުނުބުރި (ނ) ފަރުމުލީގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ނ. ފަރުމުލީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމެވެ.
ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ދެ ބައްދަލުވުމެއް ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ބައްދަލުވުން 21 ޖުލައި 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި، އަދި ދެވަނަ ބައްދަލުވުން 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި، ޝައުގުވެރިވާ ފަރާތްތަކުން 20 ޖުލައި 2025 ވާ އާދީއްތަ ދުވަސް އަދި 17 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ހިމަނައިގެން އެދި ސިޓީ ފޮނުއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ކަމަށް ވުޒާރާއިން ހާމަކުރައްވައެވެ. ބީލަން ހުށަހަޅަން ޖެހޭނީ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ (ވޭލާނާގެ، 5 ވަނަ ފަންގިފިލާ) އަށެވެ.
މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެއެވެ. ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 08 ޖުލައި 2025 ވާ އަންގާރަ ދުވަހުން ފެށިގެން 09 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އާ ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ (ވޭލާނާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންނެވެ.
Advertisement
6 ޖުލައި 2025