އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފިއެވެ.
ފަސްޓް ލޭޑީ ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން، އެކަމަނާއަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި އެކަމަނާ ވަނީ މިއަދު ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަޑައިގެން ހޮސްޕިޓަލުގެ ޚިދުމަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން، ހޮސްޕިޓަލުގެ އިސްބޭފުޅުންނާއި، ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފައެވެ.
މީގެ އިތުރުން، ފަސްޓް ލޭޑީ ވަނީ ހޮސްޕިޓަލު ހިންގެވުމުގައި މިވަގުތު ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި، ބައެއް ބަލިމީހުންނާ ބައްދަލުކުރައްވައި ހާލު ބެއްލެވުމަށްވެސް ވަގުތު ހުސްކުރައްވާފައެވެ.
މި ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމެވެ. މި ޖަލްސާގައި، ހޮސްޕިޓަލުގެ ތަރައްޤީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، 10 އަހަރާއި 20 އަހަރު އަދި 30 އަހަރު ހޮސްޕިޓަލަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި މި ދަތުރުފުޅުގައި، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، އެންޑޯމެޓްރިއޯސިސް ޚިދުމަތް އަދި ޓެލެމެޑިސިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށްވެސް ހަމަޖެހިފައެވެ. މި ޚިދުމަތްތަކަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޚިދުމަތްތަކެކެވެ.
Advertisement
6 ޖުލައި 2025