އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން، "ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025" ގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ވުޒާރާއިން ވިދާޅުވީ، ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވިފައިވާކަމުގެ މައުލޫމާތު "ދަ ގެނެރަލް ސެކްރެޓްރިއަޓް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ)" އިން ހިއްސާކޮށްފައިވާ ކަމަށެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ހަލާލް އެކްސްޕޯ އަކީ ހަލާލް ކާބޯތަކެއްޗާއި ފަތުރުވެރިކަމާ ރީތިވާ ސާމާނުފަދަ އެކި ދާއިރާތަކުގައި ހިންގާ ކުންފުނިތަކާއި އިންވެސްޓަރުންނާއި ޕްރޮފެޝަނަލުން އެއްތަނަކަށް އެއްވާ ބައިނަލްއަޤްވާމީ ފެއަރއެކެވެ. މިފަދަ ބޮޑެތި އިވެންޓްތަކަކީ ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ތަޢާރަފްކުރުމަށް ރަނގަޅު ވަސީލަތެކެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމާއި، އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު helalexpo.com.tr އިން ލިބިވަޑައިގަންނަވާނެއެވެ. ވުޒާރާއިން އިލްތިމާސްކުރައްވާފައިވަނީ މިފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށެވެ.
މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިނޮވެމްބަރު މަހުގެ 26 އިން 29 އަށެވެ.
Advertisement
7 ޖުލައި 2025