އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު
ރ. ފައިނުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، މިހާރު ވޯޑަށް ބަދަލުކޮށްފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ފައިނު ސްކޫލްގެ ދެ ދަރިވަރުން ދުއްވި ސައިކަލަކުން، ކަސްރަތަށް މަގުމަތީގައި ހިނގަން އުޅުނު އެރަށު ސްކޫލްގެ ޕްރިންސިޕަލާއި، ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް ފުރަތަމަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެވުނެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އޭގެ ތެރެއިން އިތުރު ފަރުވާއަށް މާލެ ގެނެވުނީ ޓީޗަރަކާއި، ސައިކަލް ދުއްވި އުމުރުން 18 އަހަރުން ދަށުގެ ދެ ދަރިވަރުންނެވެ. އެއީ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ފިރިހެން ކުދިންނާއި 49 އަހަރުގެ ފިރިހެން ޓީޗަރެކެވެ.
މާލެ ގެނެވުނު ތިން މީހުންގެ ތެރެއިން، ދެ ކުދިންނާއި ޓީޗަރުގެ ހާލު ވަރަށް ސީރިއަސްވުމާއެކު، އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ވަގުތުން ފަރުވާ ދެވުނެވެ. އެހެންނަމަވެސް، އެ ހުރިހާ ބޭފުޅުންގެ ހާލަތު ރަނގަޅުވަމުންދާތީ، އައިސީޔޫގައި ދެމުންދިޔަ ފަރުވާ މިހާރު ވަނީ ނިމި، އާދައިގެ ވޯޑަށް ބަދަލުކުރެވިފައެވެ.
Advertisement
8 ޖުލައި 2025