އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ޤައުމީ އެއަރލައިން މޯލްޑިވިއަންއިން، މިމަހު ފަހުކޮޅު ޢުމްރާވެރިން އުފުލުމަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިކަމަށް ނިންމާފައިވަނީ މިއަހަރުގެ ޙައްޖު މޫސުމުގައި އެކުންފުނިން ކުރި ކާމިޔާބު ދަތުރުތަކަށްފަހު، ޢުމްރާ ކުންފުނިތަކުން ދަތުރުކޮށްދިނުމަށް ބޮޑު އެދުމެއް ހުރުމާއި، ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުންނެވެ.
މޯލްޑިވިއަންއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އަހަރުގެ ޙައްޖު މޫސުމުގައި ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ގެންދިއުމަށް ސައުދީއަށް ދެ ދަތުރު ކޮށްފައިވެއެވެ. މި ދަތުރުތަކާއި ގުޅިގެން ގިނަ އަދަދެއްގެ ޢުމްރާ ކުންފުނިތަކަކުން ޢުމްރާ ދަތުރުކޮށްދޭން އެދެމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މޯލްޑިވިއަންއިން ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހުގެ ފަހުކޮޅު ޢުމްރާ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި މުޅި އަހަރަށް ބަހާލައިގެން ޢުމްރާ ދަތުރުތައް ކުރިއަށްގެންދާނެ ކަމަށްވެސް އިޔާސް ފާހަގަކުރެއްވިއެވެ.
"މިމަހު ފަހުކޮޅު އަލަށް އުމްރާގެ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ މިމަހު ފަހު ހަފްތާގައި އަޅުގަނޑުމެން ފްލައިޓްސްތަކެއް އެބަ އަޅަން އުމްރާއަށް އަދި މިއަހަރުގެ އެކި މުއްދަތުތަކުގެ ތެރޭގައިވެސް އުމްރާ ދަތުރުތައް ކުރަމުންދާނަން،" އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންއިން ހާމަކޮށްފައިވާ ގޮތުގައި، ޢުމްރާ ދަތުރުތައް ކުރުމަށް މިހާތަނަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަނާއި އެއް އަމިއްލަ ކުންފުންޏަކަށް ކަމަށެވެ. ޙައްޖު ކޯޕަރޭޝަނަށް ކޮށްދޭ ޢުމްރާ ދަތުރުތައް މިމަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހު އޮންނާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
Advertisement
8 ޖުލައި 2025