އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު
ތިލަފުށީގައި ޤާއިމްކުރާ ކާގޯ ހޭންޑްލިން ފެސިލިޓީގައި އެއްފަހަރާ 1600 – 1800 އާ ދެމެދުގެ އަދަދަކަށް ކޮންޓައިނަރތައް ރައްކާކުރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖަރ، އިބްރާހީމް ވިޝާމް ރަޝީދު ވިދާޅުވީ، ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 100 މީޓަރުގެ މަގަތު ފާލަމަކާއެކު ޤާއިމްކުރާ ކާގޯ ހޭންޑްލިން ފެސިލިޓީގެ މަސައްކަތް މިމަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ވިޝާމް ވިދާޅުވި ގޮތުގައި، މި ފެސިލިޓީގައި އެއްފަހަރާ 1600 – 1800 އާ ދެމެދުގެ އަދަދަކަށް ބަރުކޮށްފައިވާ ކޮންޓައިނަރތައް ރައްކާކުރެވޭނެއެވެ. އަދި ކޮންޓެއިނަރ ބޭލުމަށް ހޭދަވާ ވަގުތު މިހާރަށްވުރެ ބޮޑަށް އަވަސްވެގެންދާނެ ކަމަށް ވެސް ވިޝާމް ފާހަގަކުރެއްވިއެވެ.
"މި ފެސިލިޓީއަކީ އެއްފަހަރަކާ 1600 – 1800 އާ ދޭތެރޭގެ ބަރުކޮށްފައިވާ ކޮންޓައިނަރތައް އެތާނގަ ރައްކާކުރެވި ޚިދުމަތްދެވޭނެ ތަނެއް. އަދި އެކަން އަޅުގަނޑުމެން ކުރުމަށްޓަކައި މިހާރު މި ބޭނުންކުރާ ބޯޓުގައި ހުންނަ ކްރޭންތަކުގެ ބަދަލުގައި އެމްޕީއެލްގައި ޤާއިމްކުރާނެ 2 މޮބައިލް ހާބަރ ކްރޭންތައް. އަދި އޭގެ ސަބަބުން މިހާރު ކޮންޓައިނަރ ބާލާ ރޭޓް ވަރަށް ބޮޑަށް ހަލުވިވެ އަދި ރައްކާތެރިކަމާއެކީ އެ މަސައްކަތް ކުރާ ފަރާތްތަކުން އެތަނަށް އަރާ އެ ހުރިހާ ޕްރޮސެސްތައްވެސް ނެތިގެންދާނެ. އެކްސްޑިންޓްތަކާއި، ރިސްކްތަކާއި، ހިރާސްތައް މަދުވެ، ދުވެލި ވެސް އަވަސްވެގެންދާނެ." ވިޝާމް ވިދާޅުވިއެވެ.
ވިޝާމް އިތުރަށް ވިދާޅުވީ، މިހާރު މި މަޝްރޫޢުގެ ޓެންޑަރިން މަރުހަލާގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަޝްރޫޢަކީ މާލެ ސަރަހައްދުގައި ބަނދަރުގެ ކަންކަން ހަރުދަނާކޮށް، މުދާ ހޭންޑްލްކުރުމުގެ ގާބިލިއްޔަތު އިތުރުކުރުމަށްޓަކައި މުހިންމު ފިޔަވަޅެކެވެ.
Advertisement
9 ޖުލައި 2025