އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކާ އެއްގޮތަށް، މިމަހުގެ ތެރޭގައި މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ފުރަތަމަ ފަށާނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިންނެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިމަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއާއެކު، އައިޖީއެމްއެޗް އިން ނަގާ ނަމްބަރަށް ވެސް އަދި އެހެން ތަނަކުން ނަގައިގެން އަންނަ ނަމްބަރަކަށް ވެސް އައިޖީއެމްއެޗްގެ އައިނު ފިހާރައިން އައިނު ހެއްދޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތްތަނުގައި ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް އައިނު ފިހާރައެއް ހުޅުވިގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އައިނުގެ ވިޔަފާރި މީގެކުރިން ސަރުކާރުގެ ތެރެއިން ފޯރުކޮށްދެމުން ގޮސްފައި ނުވާތީ، އޭގެ ފަސޭހަތައް ރައްޔިތުންނަށް ފުރިހަމައަށް ލިބިފައިނުވާ ކަމަށެވެ. ސަރުކާރުން އާސަންދައިން އައިނު ހެއްދުމަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމުން ވެސް އޭގެ ނަފާ އެއްކޮށް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކެމުން، އާސަންދައިން ކަނޑައަޅާފައިވާ ރޭންޖުގެ ތެރޭގައި ފެންވަރު ރަނގަޅު އައިނެއް ހެއްދޭނެ އިންތިޒާމު ސަރުކާރުގެ މައި ހޮސްޕިޓަލުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން، އައިނު ހެއްދުމަށް އާސަންދައިގެ ތެރެއިން ދެމުންދިޔަ 1000 ރުފިޔާ، 2000 ރުފިޔާއަށް ސަރުކާރުން ވަނީ އިތުރުކުރައްވާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް އައިނުގެ ޚިދުމަތް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
Advertisement
9 ޖުލައި 2025