އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮންފަނު އިންވިޓޭޝަން ކަޕްގެ ސެމީފައިނަލަށް ކިހާދޫ، ގޮއިދޫ، އޭދަފުށި އަދި ދޮންފަން

ދޮންފަނު އިންވިޓޭޝަން ކަޕްގެ ސެމީފައިނަލަށް ކިހާދޫ، ގޮއިދޫ، އޭދަފުށި އަދި ދޮންފަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 43 ސިކުންތު

ބ. ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން އެރަށުގައި 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކޮންމެއަހަރަކުވެސް ބާއްވަމުން އަންނަ ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ގޮއިދޫ، ދޮންފަން، ކިހާދޫ އަދި އޭދަފުށި ދަތުރުކޮށްފިއެވެ.

 

އެންމެފަހުގެ ޗެމްޕިއަން ގޮއިދޫއިން ސެމީގެ ޖާގަ ހޯދީ އިއްޔެ ކުޅުނު މެޗު ދަރަވަންދޫ އާވާދަކޮށް 5-1 ން މޮޅުވެ، ގްރޫޕް ބީގައި ކުޅުނު ދެ މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ، 7 ޕޮއިންޓާއެކުގައެވެ.

 

ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ގޮއިދޫގެ ފަސް ލަނޑުގެ ތެރެއިން ހުސައިން ޝާމް އާއި މުހައްމަދު ރީހާން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އިރު، އަނެއް ގޯލް ޖެހީ އިބްރާހީމް ނާފިޒް އެވެ.

 

މި މެޗުގައި ދަރަވަންދޫން ޖެހި ހަމައެކަނި ގޯލް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އައިމަން މުހައްމަދު ވަހީދެވެ.

 

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގޮއިދޫގެ މުހައްމަދު ރީހާން އެވެ.

 

ސެމީފައިނަލުގެ ފަހު ޖާގަ ކިހާދޫ އިން ހޯދީ މިއަދު ކުޅުނު ގްރޫޕް ބީގެ ފަހު މެޗުގައި ކުޑަރިކިލާއެކު ބައްދަލުކޮށް 2-5 ން މެޗު ކާމިޔާބުކޮށްގެންނެވެ.

 

މިއަދުގެ މެޗާއެކު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމިފައިވާ އިރު، ގްރޫޕް އޭގެ އެއްވަނަ އޭދަފުށި ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ، 9 ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕުގެ ދެވަނަ ލިބުނީ 6 ޕޮއިންޓު ލިބިފައިވާ ދޮންފަނަށެވެ. މި ގްރޫޕުގެ ތިންވަނަ މާޅޮހަށް ލިބުނު، ކަމަދޫއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

 

ގްރޫޕް ބީގެ އެއްވަނަ ހޯދީ ކިހާދޫއަށް ލިބުނު އިރު، ދެވަނައަށް ދިޔައީ ފައިބެއަހަރުގެ ޗެމްޕިއަން ގޮއިދޫއެވެ. ތިންވަނަ ކުޑަރިކިލަށް ލިބުނު އިރު، މި ގްރޫޕުގައި ހިމެނުނު ދަރަވަންދޫއަށް ޕޮއިންޓެއް ނުލިބެއެވެ.

 

ގްރޫޕް ބީގެ އެއްވަނަ ކިހާދޫއަށް ލިބުނީ ޕޮއިންޓާއި ފައިދާ ގޯލުގެ ތަފާތުންވެސް ގޮއިދޫއާ އެއްވަރުވެ، ޖެހި ގޯލަށް ބަލައިގެންނެވެ.

 

މުބާރާތުގައި ކިހާދޫން 10 ގޯލު ޖެހިއިރު ގޮއިދޫއަށް ޖެހުނީ 9 ގޯލެވެ. ގްރޫޕް ސްޓޭޖުގައި ގޮއިދޫ އާއި ކިހާދޫ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމުނު އިރު، ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުނުއިރު މި ދެޓީމަށްވެސް ލިބުނީ 7 ޕޮއިންޓެވެ.

 

މިއަދުގެ މެޗުގައި ކިހާދޫ ޓީމުގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި މި އަހަރު ދިވެހި ޕްރިމިއަރ ލީގުގައި ބ. ފެހެންދޫ ޓީމަށް ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ ހުސައިން އީމާން ޖަހައިދިންއިރު، ކިހާދޫގެ ދެ ވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ޖެހީ މުހައްމަދު މާއިޝް އެވެ.

 

އެހެންނަމަވެސް 36 ވަނަ މިނެޓުގައި ކުޑަރިކިލު ޓީމުގެ ހުސައިން ހަނާން ވަނީ ގޯލެއްޖަހާ އުއްމީދެއް އާކޮށްދީފައެވެ.

 

މުޅި މެޗުގައިވެސް މޮޅަށް ކުޅުނީ ކިހާދޫ އިންނެވެ. އޭގެ ނަތީޖާއަކަށްވީ 55 ވަނަ މިނެޓުގައި އީމާން ލަނޑެއް ޖެހުމެވެ. އަދި އޭގެ 8 މިނެޓު ފަހުން ޢަލީ އަނީސް ލަނޑެއް ޖެހި އިރު، 74 ވަނަ މިނެޓުގައި ކުޑަރިކިލު ޓީމަށް ލިބުނު ޕެނަލްޓީއަކުން ހަނާން ވަނީ ނަތީޖާ 4-2 އަށް ބަދަލުކޮށްލާފައެވެ.

 

ގްރޫޕުގެ އެއްވަނަ ޓީމަކީ ކިހާދޫކަން ޔަޤީންކޮށްދިނީ މެޗުގެ 85 ވަނަ މިނެޓުގައި ކިހާދޫ ޓީމުގެ އަލީ ފަރުހާން ވައްދާލި ގޯލުންނެވެ.

 

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ކިހާދޫ ޓީމަށް ދެގޯލު ޖަހައިދިން އެޓީމުގެ ކެޕްޓަން އީމާން އެވެ.

 

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ބައދަލުކުރާނީ ގޮއިދޫ އާއި އޭދަފުއްޓެވެ. ސެމީގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ބައްދަލުކުރާނީ ދޮންފަނާއި ކިހާދޫއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް