އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހާޖަރުގެ ތަޤްވާވެރިކަން - އިސްލާމީ އުންމަތުގެ ހުރިހާ ކަނބަލުންނަށް ނަމޫނާއެއް!: ވައްހާޖް ޠަރިން

ހާޖަރުގެ ތަޤްވާވެރިކަން - އިސްލާމީ އުންމަތުގެ ހުރިހާ ކަނބަލުންނަށް ނަމޫނާއެއް!: ވައްހާޖް ޠަރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

މައްކާ، މައްކާއަކަށްވީ އަދި ޒަމްޒަމް ވަޅުކޮޅު ލިބިފައި މިވަނީ ހާޖަރުގެ ތަޤްވާވެރިކަމުން ކަމަށް ބުނެވިދާނެއެވެ. ފިރިކަލުން އިބްރާހީމްގެފާނު އެދެމައިން ގެންދަވައި އެ ބިމަށް ދޫކުރައްވާފައި ވަޑައިގެންނެވުމަށް މެދުވެރިވި އެއް ސަބަބަކީ ވެސް ހާޖަރުގެ ތަޤްވާވެރިކަން ކަމަށް ބުނެވިދާނެއެވެ! 

އެއްވެސް މީހަކު ފެންނަންވެސް ނެތް، އެއްވެސް މީހަކު ދިރި ނުއުޅޭ އަދި އެންމެ ކުޑަމިނުން ބޯނެ ފެންފޮދެއްވެސް ނެތް ބިމަކަށް ދެމައިން ދޫކުރައްވައި އިބްރާހީމްގެފާނު ވަޑައިގަންނަވަން ފެށްޓެވުމުން "ތިއަކަން ތިއަ ގޮތަށް ތިއަ ކުރައްވަވަނީ ﷲ ތަޢާލާގެ އަމުރުރުފުޅަށްތޯ؟" ހާޖަރު ކުރެއްވެވި ސުވާލުގެ ޖަވާބުގައި "އާނއެކެވެ!" އިބްރާހީމްގެފާނު ވިދާޅުވި ވަގުތުން ފެށިގެން ހާޖަރު ދެއްކެވީ ތަޤްވާވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެވެ. ހުރިހާ ކަމެއް ﷲ ތަޢާލާ އާއި ވަކީލް ކުރެއްވެވީއެވެ. އިތުރަށް އެންމެ ބަސްފުޅެއްވެސް ވިދާޅެއް ނުވެއެވެ. "އެހެން ކަމަށްވާނަމަ ﷲ ތަޢާލާ އަހަރެމެން ދެމައިން ގެއްލެނި ނުކުރައްވަވާނެ" ކަމަށް ވިދާޅުވުން ފިޔަވައެވެ. 

ޒަމްޒަމް ވަޅަކީ ތުއްޕުޅު އިސްމާޢީލްގެފާނުގެ ފައިންޕުޅުޖެހޭ ހިސާބުން އަރަން ފެށި ފެންއާރެވެ. ކޮންމެ ކަމެއްވެސް ވާނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުންނެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ވިސްނައިލަންވީ ހާޖަރު ކެތެރިވެވަޑައިގެން، ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލުކުރައްވައި އެތަނުގައި މަޑުކުރެއްވެވިކަމެވެ. އިސްމާޢީލްގެފާނުގެ ފައިންޕުޅު އެތަނުގައި ޖެއްސެވެން މެދުވެރިވީ ހާޖަރުގެ ތަޤްވާވެރިކަމުން ކަމަށް ބަލައިނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟ 

މިއަދު މައްކާ ކިތަންމެ ފުރިހަމައަށް އާބާދުވެފައިވީނަމަވެސް އަދި ތަރައްޤީވެފައިވީ ނަމަވެސް ހާޖަރު އެތަނުގައި މަޑުކުރެއްވީ ދަރިކަލުން އިސްމާޢީލްގެފާނާއިއެކު ގިނިކަންޏާއިއެވެ. މިއީ ތަޤްވާވެރިކަމުގެ ކިހައި ފުރިހަމަ ނަމޫނާއެއްތޯއެވެ!

ނިކަން ވިސްނައިބަލާށެވެ! އެތަނުން ފެން ފެނުމުން އެތަނުގައި ވަޒަންވެރިވާން ބައަކު ބޭނުންވުމުން އެމީހުންނަށް އެކަމުގެ ހުއްދަ ހާޖަރު ދެއްވެވިއެވެ. ނަމަވެސް ފެނުގެ ވެރިއަކީ ތިމަން ކަމަނާ ކަމަށް ވިދާޅުވިއެވެ. މިކަމުން ވެސް އެނގެނީ ދެ މައިންނަށް ﷲ ތަޢާލާ ދެއްވެވި ނިޢްމަތަށް ރައްކައުތެރިވެވަޑައިގަންނަވަން އެކަމަނާ ބޭނުންފުޅުވެވަޑައިގެންނެވި މިންވަރެވެ. 

މިއީ މިއަދުގެ އަންހެނުން ވެސް ވިސްނައި ފިކުރުކުރަންވީ ކަންކަމެވެ. ކިތަންމެ ދަތި ޙާލުގައިވެސް ﷲ ތަޢާލާއަށް އިތުބާރުކޮށް ވަކީލުކުރުމުން އަދި ފިރިމީހާ ޙައްޤު ގޮތުގައި ކުރާ ކަންކަން ބަލައިގަނެ ކެތްތެރިވެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމުން ކުރިމަތިވެފައިވާ ޙާލަތަށް ﷲ ތަޢާލާ ޙައްލު ހޯއްދަވައި ދެއްވަވާނެކަން ޔަޤީންކުރާށެވެ!

ވައްހާޖް ޠަރިންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް