އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު
ވެއްޓިފައިވާ ވަޅުގަނޑުން ނިއު ސަލާމަތްކުރުމަށް ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުގެ ކިބައިން އިމްރާން މުޙައްމަދު (އިންމަ) އެދިއްޖެއެވެ.
ދިވެހި ޤައުމީ ޓީމުގެ ކުރީގެ އެއްނަމްބަރު ގޯލް ކީޕަރު ބުނީ މިއަހަރު ފުޓްބޯޅަ ސީޒަންގައި ވާދަކުރުމަށް ނިއުގެ ސަޕޯޓަރުން އިސްވެ ކުރަމުންދާ މަސައްކަތުގައި އިމްރާންގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. އަދި މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއު ފެނިގެން ދިއުމަކީ އޭނާގެ އުއްމީދުކަމަށެވެ.
މުސާރަ ނުލިބިގެން ނިއުރޭޑިއަންޓާއި ދެކޮޅަށް އެފްއޭއެމަށް މައްސަލަ ހުށައެޅުމަށްފަހު، އިމްރާން މުހައްމަދު ވަނީ ނިއުގެ ސަސްޕެންޝަން އުވާލުމަށް ސަޕޯޓަރުންނާއިއެކު މަސައްކަތް ފަށާފައެވެ.
އެފްއޭއެމް އިން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ ސީނިއަރ ބައެއް ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުގެ ސަބަބުންނެވެ. އެހެންކަމުން އެކްސްކޯއިންވަނީ ނިއުރޭޑިއަންޓް ފުޓްބޯޅައިގެ އެކި އެކި ކަންކަމުން ސަސްޕެންޑްކޮށްފައެވެ.
އެންމެ ފަހުން ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ސަސްޕެންޝަން ދެމެހެއްޓުމަށް ކުލަބްތަކުގެ ވޯޓްއާއެކު ނިންމާފައިވާ އިރު، ކްލަބުގެ އެކްޓިންގ ޗެއަރމަންގެ މަޤާމަށް ކުރީގެ ގޯލްކީޕަރު ސައްޔިދު އަލީ ހަމަޖައްސައި ބޯޑް މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުންމި ސީޒަނުގައި ކުޅުމުގެ ފުރުސަތު ނިއުއަށް ލިބިއްޖެ ނަމަ އެކުލަވާލާ ޓީމަށް އިރުޝާދުދިނުމަށް ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމާއި ވާހަކަދައްކަމުން އަންނަކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
Advertisement
25 މެއި 2019