އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު
12 ޓީމާއެކު ބްރައިޓް ޗެލެންޖް ކަޕް އަންނަމަހު ފަށަން ތައްޔާރުވެފައިވާކަމަށް އެކުލަބުން ބުނެފިއެވެ.
އެ ކުލަބުން ބުނީ ޅި ރާއްޖެއަށް ހުޅުވާލައިގެން މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގައި ރަށުން ބޭރު ޓީމެއްވެސް ބައިވެރިވެފައިވާކަމަށްވެސް ބުންޏެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ 4 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ތިން ޓީމު ވާދަ ކުރާ ގޮތަށެވެ. އަދި ކުއާޓަރ ފައިނަލަށްދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ މަތިން ޕޮއިންޓް ހޯދާ 2 ޓީމެވެ.
ތޮއްޑޫ އުތުރު އަވަށު ދަގަބާ އެރީނާ ދަނޑުގައި ކުޅޭ މި މުބާރާތުގެ ފައިނަލް ކުޅޭނީ އެ މަހުގެ 9 ވަނަ ދުވަހުއެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 45،000 ރުފިޔާގެ ފައިސާގެ އިނާމު ދޭ އިރު، ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް 25،00 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ދުވަސްވީ އެއްމުބާރާތަށް މި މުބާރާތްވާ އިރު، މިއީ 26 ވަނަ މުބާރާތެވެ.
މި މުބާރާތަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިންވެސް ފެނިގެންދާ ވަރަށް ފޯރިއާ އެކު ކުރިއަށްދާ މުބާރާތެކެވެ.
ބްރައިޓް ކުލަބުން ބުނީ މިއަހަރުވެސް އެކި ޓީމުތަކުން ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ފެނިގެންދާނެ ކަމަށެވެ.
ތޮއްޑޫގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރއަކީ ސަން އޮންލައިން އެވެ.
Advertisement
27 މެއި 2019