އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު އިމްރާން މުޙައްމަދު (އިންމަ) ޓީސީ ސްޕޯޓްސް ކުލަބަށް އަދި ހުނަރުވެރި ފޯވަރޑް ޢަލި ފާސިރު (ސެންޓޭ) އީގަލްސްއަށް ސޮއިކޮށްފިއެވެ.
އިމްރާން ޓީސީ އާ ގުޅުނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން މިދިޔަ ދެ ސީޒަނުގައިވެސް ޓީސީގެ ގޯލު ބެލެހެއްޓިނޭޕާލްގެ ގޯލްކީޕަރު ކިރަން ޝެމްޝޮން ދޫކޮށްލުމަށްފަހުއެވެ.
ޓީސީ އިން ބުނީ ކިރަން ނުގެންނަން ނިންމީ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ކްލަބުން ބޭނުންވި ތާރީޚަށް ޕްރެކްޓިހުގައި ބައިވެރިނުވުމާއި ނޭޕާލްގެ ގައުމީ ޓީމުގެ އެކުވެރިކަމުގެ މެޗުތަކަކަށް ދިއުމަށް އަމިއްލައަށް އެދިފައިވާތީއެވެ.
'އޭނަ (ކިރަން) އެ މެޗުތައް ކުޅެން ދާން ބޭނުންވާ ތާރީޚުތަކަކީ ޓީސީއަށްވެސް މުހިއްމު މެޗުތަކެއް ހުރި ދުވަސްތަކެއް. އެހެންވީމަ ނިންމީ ކިރަންއާ އެކު ކުރިއަށް ނުދިއުމަށް" ޓީސީ އިން ބުންޏެވެ.
މި ސީޒަނަށް ޓީސީ ވަރުގަދަކުރުމަށް ގެނެސްފައިވާ ކުޅުންތެރިންގެ ތެރޭގައި އިމްރާންގެ އިތުރުން ޤައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އާއި އިސްމާއިލް އީސާ (މެސީ) ހިމެނޭ އިރު، މިދިޔަ އަހަރުތަކުގައި އެޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުންތައް އާ ކޮށްފައެވެ.
މިއަހަރުގެ ޓީސީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ޤައުމީ އަންހެން ޓީމުގެ ހެޑް ކޯޗެއްގެ މަގާމުގައި ހުރި މުހައްމަދު އާތިފް (އާތީ) އެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ ސެންޓޭ އީގަލްސްއަށް ސޮއިކޮށްފައިވާކަން އެ ކްލަބުން ޔަގީންކޮށްދީފައިވާ އިރު، ނިއުގެ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ހުރި ސެންޓޭ ފިޔަވައި އެ ޓީމުގެ މުހިއްމު ހުރިހާ ކުޅުންތެރިން ވަނީ އެކި ކްލަބްތަކަށް ބަދަލުވެފައެވެ.
ރަން ބޫޓުވެސް ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ސެންޓޭ ވަނީ މިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު ދައުރެއް އަދާކޮށް، ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑުވެސް ޖަހާފައެވެ.
މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެދަށުން ކުޅެމުން އަންނަ އީގަލްސްއަށް ކުރިއަށް އޮތް ސީޒަނަށް ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) އާއި ހިސާމް ސަލީމް (ކޮކީ) ހިމަނާފައެވެ. އަދި މިއަހަރުވެސް ގޯލު ކީޕަރަކަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުތަކުގައި އެ ޓީމަށް ކުޅުނު ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.
މީގެ އިތުރުން މިދިޔަ ސީޒަނުގައި އީގަލްސް އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރި އަހުމަދު ރިޒުވާން (ރިޒޭ) އާއި ހަސަން ރާއިފް (ހަންނަ) އަދި މުހައްމަދު ނާއިމް ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފައެވެ.
Advertisement
29 މެއި 2019