އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޫއްޑޫ ފިޝަރީޒުން މަސްކިލޯއަކަށް 34 ރުފިޔާ ދެމުން "ބޮޑުކެޔޮޅު" އަހަރަކު 52 މިލިއަން ރުފިޔާ ފައިދާ ހޯދައި ސަރުކާރަށް ފައިސާ ދިން!

ކޫއްޑޫ ފިޝަރީޒުން މަސްކިލޯއަކަށް 34 ރުފިޔާ ދެމުން "ބޮޑުކެޔޮޅު" އަހަރަކު 52 މިލިއަން ރުފިޔާ ފައިދާ ހޯދައި ސަރުކާރަށް ފައިސާ ދިން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު

މިއަދަށް ބަލައިފިނަމަ އެންމެ ހޫނު ވެގެން އުޅޭ އެއް މައްސަލައަކީ މަސްވެރިންނަށް ރަނގަޅު އަގު ހޯދައި ދިނުމުގެ އަޑުތަކެވެ. މިފްކޯގެ ދަރަނި 800 މިލިއަން ރުފިޔާއަށް އެރި ވާހަކައެވެ. ކުރު މުއްދަތެއްގައި އެސްޓީއޯ އިން 460 ރުފިޔާ ގެއްލުންކުރަންޖެހުނު ވާހަކައެވެ. މަސްވެރިންނަށް ރަނގަޅު އަގު ހޯދައިދޭން ބޭރުގެ މަސްގަންނަ ބޯޓުތައް ނުގެނެސް އެކަން ކުރެވެން ނެތް ކަމުގެ ވާހަކަތަކެވެ.  

މިވާހަކަތައް މިހައި ހޫނުވުމާއި ގުޅިގެން މިއަދުނޫހުން މިއަދުވަނީ ވަރަށް ކާމިޔާބު ކަމާއިއެކު ކޫއްޑޫ ފިޝަރީޒް ހިންގަވައި އަހަރު ދުވަހުގެ ތެރޭގައި 52 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ހޯއްދަވައި ދެއްވި "ބޮޑުކެޔޮޅު" މުޙައްމަދު ޢާދިލް އާއި ބައްދަލުކޮށް މައުލުމާތު ހޯދައިފައެވެ.  

ޢާދިލް ވިދާޅުވީ ކޫއްޑޫ ފިޝަރީޒަށް އަހަރު ދުވަހުގެ ތެރޭގައި 52 މިލިއަން ރުފިޔާ ފައިދާވި ކަމަށާއި އެއިގެ ތެރެއިން 10 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީ އަށް ދައްކަވާފައިވާނެ ކަމަށެވެ. އަދި ކުންފުނީގެ ކަންކަން އިތުރަށް ތަރައްޤީކުރުމަށް 42 މިލިއަން ރުފިޔާ ބަހައްޓަވާފައިވާނެ ކަމަށާއި އެކަންކަމުގެ ތަފްޞީލުތައް ލިޔެ ކިޔުމުން ފެންނަން ހުންނާނެ ކަމަށެވެ. އަދި މި ބޮޑު ފައިދާ ހޯއްދެވީ މަސްކިލޯއަކަށް 34 ރުފިޔާގެ ބޮޑު އަގެއްވެސް ދެއްވަމުން ކަމަށެވެ.  

ޢާދިލް ވިދާޅުވީ މިފްކޯއަށް ގެއްލުންވަނީ ކުންފުނި ހިންގާ ގޮތުން ކަމަށެވެ. ކުންފުންޏަށް ފައިދާ އިތުރުކުރެވޭނެ ގޮތަށް ނުބަލައި ހިންގަން ތިބޭ ބައެއްގެ ޖީބަށް ބުރަވާގޮތަށް މަޝްރޫޢުތައް ހިންގާތީ ކަމަށެވެ.  

"ފުރަތަމަ ކަމަކަށް މަސްވެރިކަން މިރަނގަޅުވަނީ ދެކުނުގަ. ދެކުނުގަ ފެކްޓްރީ ތަރައްޤީކުރުމުގެ ބަދަލުގަ ފެލިވަރުގަ ތަރައްޤީކުރީމަ މަސް ގަނެގެން އުފުލަން ކުރަން ޖެހޭނެ ބޮޑު ޚަރަދު ކޮބައިތޯ؟ ކީއްވެތޯ ދެކުނުގަ ފެކްޓަރީއެއް ތަރައްޤީކޮށް ނުހިންގަންވީ؟ ކުންފުންޏަށް އިތުރު ޚަރަދުތައް ކުރަން ޖެހޭނެ ގޮތަށް ކަންކަން ކުރާ ވަރަކަށް ހިންގުމުގެ ޚަރަދު ދާނީ ބޮޑުވަމުން."  

"އައްޑޫ ސިޓީގަ ފެކްޓަރީއެއް އަޅަން މަސައްކަތްކުރަނީ ހުޅުމީދޫގަ. މަސްވެރިން ގިނައީ ހިތަދޫގަ. މަސްވެރި އުޅަނދު ގިނައީ ހިތަދޫގަ. ހަދާފައޮތް ބަނދަރު އޮތީ ހިތަދޫގަ. ހުޅުމީދޫގަ މިޖެހެނީ ވަރަށް ބޮޑު ޚަރަދެއްކޮށްގެން ބަނދަރެއްވެސް ހަދަން. ހިތަދޫ ބޭރުގަ އޮވެގެން އެހެން ކުންފުނިތަކުން މަސް އެބަ ގަނޭ. ހިތަދޫ މަސްވެރިން އުނގޫ އުފުލައިގެން ހުޅުމީދޫއަށް މަސްކިރަން ދާނެތަ؟ މިއީ އިންވެސްޓްކުރާއިރު ބަލަން ޖެހޭ ކަންކަން ނޫންތޯ؟"  

ޢާދިލް ވިދާޅުވީ ރާއްޖޭގައި މަސްފެކްޓްރީ ހަދައިގެން ހިންގާއިރު ވަޒީފާގައި ގިނައީ ބޭރުމީހުން ކަމަށާއި ނިޞްބަތުން ދިވެހިންނަށް ވަޒީފާ ލިބެނީވެސް ވަރަށް މަދުން ކަމަށެވެ. "އެހެންކަމަށްވާއިރު ތައިލަންޑުގައި މަސް ބަންދުކުރުމުގެ އަގު ހެޔޮ ނަމަ ކީއްކުރަންތޯ ބޮޑެތި އަދަދުތަކުން އިންވެސްޓްކޮށްގެން ކޮންމެހެން ރާއްޖޭގަ ފެކްޓަރީތަކެއް އަޅަންވީ؟"  

"ދެން އެބަ ދައްކާ މަސްކޭހަކަށް ޔޫރަޕުން 34 ޑޮލަރު ލިބޭ ވާހަކަ. ރާއްޖޭގައި މަސްކޭހެއް ވިއްކަނީ 44 ޑޮލަރަށް. ވީއިރު ރާއްޖޭގެ މަހަށް ބޭރުން އެއަށްވުރެ ރަނގަޅު އަގެއް ހޯދެން ޖެހޭނެ ނޫންތޯ؟" ޢާދިލް ވަނީ ސުވާލު ކުރައްވައިފައެވެ.  

ރާއްޖޭގައި ބާނާ މަސް ތައިލެންޑަށް ގެންގޮސް ބަންދުކުރުމުގެ ވާހަކަ އާއި އެއިރުން ފައިދާ އިތުރުވާނެ ކަމުގެ މިހާރު ދައްކާއިރު އެކަމަކީ ކޫއްޑޫ ފިޝަރީޒް އިން ކާމިޔާބު ކަމާއިއެކު ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. އެއިރު ވަނީ ކުދިދަޅާއި ބޮޑު ދަޅު ބަންދުކޮށް ފެލިވަރުގައި ބަންދުކުރާ މަސްދަޅަށްވުރެ ހެޔޮ އަގުގައި ވިއްކައިފައެވެ.  

މިފްކޯގެ ތަޖުރިބާއަށް ބަލާއިރު ކުރަން ޖެހޭ ހަމައެކަނި ކަމަކީ މިފްކޯ ކާމިޔާބުކަމާއިއެކު ހިންގޭނެ ސިޔާސަތެއް އެކުލަވާލައި ފައިދާވާނެ ގޮތަށް ހިންގުމެވެ. އެކަން ކުރެވޭނީ އެކަމުގެ ތަޖުރިބާހުރި، އަދި އިޚްލާޞްތެރި ބައަކު މިފްކޯ ހިންގަން ތިބެގެންނެވެ. ވެރިކަމުން މިފްކޯގެ ކަންކަން ސިޔާސީ ނުކޮށް ވިޔަފާރީގެ އުޞޫލުން ކަންކަން ކުރަން މިފްކޯއަށް ފުރުޞަތުވެސް ދީގެންނެވެ.

ގުޅުން ހުރި ވީޑިއޯ (ޢާދިލް ސަލީމްގެ ބަސްފުޅު):

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް