އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބ. ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފި

ބ. ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 51 ސިކުންތު

ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި ބ. ފުޓްބޯލް ޗެލެންޖުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ހޯދީ ފައިނަލު މެޗުގައި ގޮއިދޫއާއި ވާދަކޮށް 6 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.

އޭދަފުށީ ޓަރފް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ ގޮއިދޫއެވެ. މިލަނޑު 3 ވަނަ މިނެޓުގައި ޖަހައިދިނީ ޝަންމޫން ޖަމީލް އެވެ. ނަމަވެސް ޖެހިގެން އައި 4 ވަނަ މިނެޓުގައި އޭދަފުށީ ޓީމުގެ ޢަލީ ނަސީމު ލަނޑެއްޖަހާ ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާ އާއެކު ކުޅެމުންދިޔަ އިރު، މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ އޭދަފުށިންނެވެ. އޭގެ ނަތީޖާއަކީ 12 ވަނަ މިނެޓުގައި މުހައްމަދު ފާސިރު (ފާއްޓޭ) ވަނީ އިތުރު ލަނޑެއްޖަހާ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި މެޗުގައި އޭދަފުށީގެ 3 ވަނަ ލަނޑަކީ ގޮއިދޫގެ ޑިފެންޑަރ އާދަމް އިމްޖާދުގެ ފައިގާޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ފުރަތަމަ ހާފު އޭދަފުށި ލީޑުގައި އޮވެ، ނިންމާލި އިރު، ގޮއިދޫގެ އެންމެބޮޑު ނުތަނަވަސްކަމަކީ އެޓީމުގެ އެންމެ ކުޅަދާނަ ފޯވަރޑް އާދަމް އާޒިމް (ކިތުނާ)އަށް އެދެވޭ ކުޅުމެއް މިއަދުގެ މެޗުގައި ދެއްކިފައިނެތުމެވެ. އޭދަފުށީގެ ޑިފެންސްލައިނުން މިއަދުގެ މެޗުގައި ކިތުނާ ހިފެހެއްޓީ މާބޮޑު ގޮތްތަކެއް ހެދުމަށް ފުރުޞަތުނުދީއެވެ. ނަމަވެސް ދޭތެރެދޭތެރެއިން އޭނާގެ ހުނަރުން އޭދަފުށީގެ ގޯލަށް ނުރައްކާ ކުރަމުން ގެންދިޔައެވެ.

ދެވަނަ ހާފު ފެށިގެން މާގިނަ ވަގުތެއްނުނަގާ، އޭދަފުށިން ވަނީ 49 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ތަށި އުފުލާލުމުގެ ހުވަފެނުގައި އިތުރަށް ކުލަޖައްސާފައެވެ. މިލަނޑު ޖަހައިދިނީ ޢަލީ ނަސީމެވެ. އަދި 77 ވަނަ މިނެޓުގައި މުހައްމަދު ފާސިރު ލަނޑެއްޖަހާފައިވަނިކޮށް 92 ވަނަ މިނެޓުގައި އަހްމަދު އަޝްރަފް ވަނީ އެޓީމުގެ 6 ވަނަ ލަނޑުޖަހާ ތަށި ޔަޤީންކޮށްދީފައެވެ.

މި މެޗުގައި އޭދަފުށީގެ މުހައްމަދު ފާސިރާއި އަލީ ނަސީމު ކޮންމެ ކުޅުންތެރިއަކު ވަނީ 2 ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި އެންމެގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދީ އޭދަފުށީ ޓީމުގެމުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ފާއްޓޭއަށް ރަންބޫޓު ލިބުނީ ގޮއިދޫގެ ކިތުނާ އާއި ގޯލުގެ ގޮތުން އެއްވަރުވިޔަސް ކުޅުނު ވަގުތު މަދުވީމައެވެ.

މާނައަކީ އެއިން ކޮންމެ ކުޅުންތެރިޔަކު 10 ގޯލު ޖަހާފައިވާ އިރު، ފާއްޓޭ 10 ގޯލު ޖަހާފައިވަނީ ކިތުނާއަށްވުރެ މަދު ވަގުތު ކުޅެފައިވުމެވެ.

އެންމެ މޮޅު މިޑްފީލްޑަރގެ މަޤާމު އޭދަފުށީގެ ސާހީ މޫސާ ހޯދި އިރު، ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އޭދަފުށީ ޓީމްގެ އަލީ ނަސީމްއެވެ. އެންމެ މޮޅު ފޯވަރޑުގެ މަޤާމު ގޮއިދޫގެ ކިތުނާ ހޯދި އިރު، މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އޭދަފުށީގެ ރައްޒާން ރަޝީދު އެވެ.

ފެއަރ ޕްލޭ ޓީމަކީ ކެންދޫ ފުޓްބޯޅަ ޓީމެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށްދޭ 30000 ރުފިޔާގެ ފައިސާގެ އިނާމުގެ ރަމްޒީ ޗެކާއި މެޑެލް ޝަރަފްވެރި މެޙްމާން ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު އަލީ ވަހީދު އާއި ލަނޑާ ގިރާވަރުގެ ޖެނެރަލް މެނޭޖަރ އަރްމާންޑޯ ކްރެޒެލިން އެވެ.

ރަނަރއަޕް ޓީމަށްދޭ 5000 ރުފިޔާގެ ފައިސާގެ އިނާމުގެ ރަމްޒީ ޗެކާއި މެޑެލް ހަވާލުކޮށްދެއްވީ ލަނޑާ ގިރާވަރުގެ ޖެނެރަލް މެނޭޖަރ އަރްމާންޑޯ ކްރެޒެލިން އެވެ.

ފޯރ ސީޒަންސް ލަނޑާ ގިރާވަރުން އިސްނަގައިގެން ވެސްޓް ވިންގ އޭދަފުށީގެ އެހީތެރިކަމާއެކު މިއަހަރުގެ މުބާރާތް ބާއްވާފައިވާ އިރު، މި މުބާރާތް އަންނަ އަހަރުވެސް ބާއްވާނެކަމަށް އެ ރިސޯޓުން ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް