އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަހައްޖުދު ނަމާދު ނުކޮށް ނިދަން އޮންނަ މީހާ ﷲ އަށް ލޯބިވާ ކަމަށް ނުބުނެވޭނެ ސަބަބު!

ތަހައްޖުދު ނަމާދު ނުކޮށް ނިދަން އޮންނަ މީހާ ﷲ އަށް ލޯބިވާ ކަމަށް ނުބުނެވޭނެ ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު

މުސްލިމުން މަގުމަތީގައި ހިނގާއިރު ފެންނަ އަންހެނުންނަށް ބެލުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ ހުއްދަ ކަމެއް ނޫން ނަމަވެސް ލޮލަށް ފެނިދާނެއެވެ. ފެނުމުން އެމީހެއްގެ ކިބައިގައި ތިބާ ހިތް ހަމަ ޖެހޭ، ހިތް އެދޭފަދަ ސިފަތަކެއް ހުރިނަމަ ތިބާ އެމީހަކު ދެކެ އެބަ ލޯބިވެއެވެ. 

ލޯބިވުމުން ފުރަތަމަ ކުރަނީ ކީއްހެއްޔެވެ؟ ލޯބިވާ ކަމަށް ބުނަނީ ނޫން ހެއްޔެވެ؟ އެއަށްފަހު ހިތާއި ހިތުގެ ގުޅުން އުފެދިއްޖެ ނަމަ މެސެޖްތައްކުރަނީ ނޫން ހެއްޔެވެ؟ ވާހަކަ ދައްކަނީ ނޫން ހެއްޔެވެ؟ ދެމީހުންގެ މެދުގައި ލޯބި ވަރުގަދަވުމުން ރޭގަނޑުގެ ނިދި ނަގާލާފައިވެސް ވާހަކަ ދައްކަން ތިބެނީ ނޫން ހެއްޔެވެ؟ ލޯބިވެރިޔާ ފޯނު ނަގާނީ ކޮންމެ ދަންވަރެއްގައި ނަމަވެސް ކޮންމެ ގޮތަކުން ނަމަވެސް އެވަގުތަކަށް ހޭލަމު ނޫން ހެއްޔެވެ؟ ފޯނުކޮށް ވާހަކަ ދައްކަން ތިބެމު ނޫން ހެއްޔެވެ؟ 

މި މިސާލު އިސްލާމް ދީނުން ނަގަމާ ހެއްޔެވެ؟ ﷲ ތައާލާ ދެކެ ލޯބިވުމުން އަހަރެމެން މިކުރާ ކަމަކީ ޝަހާދަތް ކިޔައި އިސްލާމް ވަނީއެވެ. އެއަށްފަހު އަހަރެމެން މިކުރާ ކަމަކީ އަހަރެމެން ﷲ ތައާލާއަށް ދަންނަވަން ބޭނުންވާ ވާހަކަތައް ދެންނެވުމެވެ. އެކަމުގެ އެންމެ ބޮޑު ވަސީލަތަކީ ނަމާދެވެ. ނަމާދުގައި އަހަރެމެން ދަންނަވަމުން މިގެންދަނީ އަހަރެމެންގެ ހިތުގެ އިޙްޞާޞްތަކެވެ. 

ދެން މިއަންނަނީ ރޭގަނޑުގެ ބައެވެ. ރޭގަނޑުގެ ފަހު ދަންފަޅީގައި ކޮންމެހެންވެސް ހޭލަން މިޖެހެނީ އެހެންވެގެންނެވެ. ޚާއްޞަ ވާހަކަތައް ﷲ ތަޢާލާއަށް ދެންނެވުމަށެވެ. އެ ދެންނެވުންތައް މިފަށަނީ ތަހައްޖުދު ނަމާދުންނެވެ. ނަމާދަށްފަހު ޛިކުރުކޮށް ދުޢާ ކުރުމުންނެވެ. 

މީސްތަކުންނޭވެ! ﷲ ތައާލާ ދެކެ ފުރިހަމައަށް ލޯބިވާ މީހާ، އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ފުރިހަމަ ގޮތުގައި "ހިތާއި ހިތުގެ ގުޅުމުން" ގުޅުވައިފި މީހާ ދަމު ނަމާދުކުރާނެއެވެ! ހޭލައި ހުރެ ޛިކުރުކުރާނެއެވެ. ބޭނުންވާ ކަންކަމުގެ ވާހަކަ ދަންނަވައި ދުޢާކުރާނެއެވެ! 

ލޯބީގެ ވާހަކައިން ދަރުސް ފެށީ އެކަން ބަޔާން ކުރުމަށެވެ. ލޯބިވެރިޔާ އާއި ގުޅައި ވާހަކަ ދައްކަން ދަންވަރުގެ ނިދި ޤްރްބާންކުރާއިރު ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ލޯބިވާ މީހާ ނިދާފައި އޮތުމަކީ ހަމަ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ތަހައްޖުދު ނަމާދު ނުކޮށް ނިދަން އޮންނަ މީހަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ލޯބިވާ މީހެއް ކަމަށް ޤަބޫލު ކުރެވެން ނެތީ އިސްވެ ބަޔާން ކުރި ސަބަބުތަކަށްޓަކައެވެ.  

ދެން ނިކަން ބުނެބަލާށެވެ! ޝަހާދަތް ކިޔައެވެ. ޝަހާދަތް ޤަބޫލުކުރާ ކަމަށްވެސް ބުނެއެވެ. ނަމަވެސް ނަމާދެއް ނުކުރެއެވެ. ތަހައްޖުދު ނަމާދު ޢަމުދުން ނުކުރެއެވެ. ވީއިރު އެމީހާގެ ހިތުގައި ﷲ ތަޢާލާ އަށް އޮތީ ކޮން ލޯތްބެއްހެއްޔެވެ؟ 

އަދިވެސް އިތުރު މިސާލެއް ބުނެލާނަމެވެ. ލޯބިވެރިޔާ ކުރަން ބުނާ ކަންކަން ބަރާބަރަށް ކުރެއެވެ. އެއީ އޭނާގެ ރުހުން ހޯދުމަށެވެ. ލޯބިވެރިޔާ ނުރުހޭ ކަމެއް ނުކުރާނެއެވެ. ﷲ ތަޢާލާ އަހަރެމެންނަށް ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި އަންގަވާފައިވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ނަމާދުކުރުމުން ކަމަށެވެ. އެހެން ކަމާއިއެކުވެސް ނަމާދު ނުކުރާނަމަ، ނަމާދުކުރުމުގައި އިހްމާލުވާނަމަ އެމީހަކީ ﷲ ތަޢާލާގެ ރުއްސެވުން ލިބެން އެދޭ މީހެއް ކަމަށް ބެލެވޭނީ ކިހިނަކުން ހެއްޔެވެ؟ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރަމުން ތިމާއަކީ ﷲ ތަޢާލާއަށް ލޯބިވާ މީހެއް ކަމަށް ބުނުމުގެ އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! މިއީ ކިތަންމެ ކުރު ވާހަކަކޮޅެއް ނަމަވެސް މިވާހަކަކޮޅާއިމެދު ވިސްނައިފި މީހަކަށް ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށް އުންމީދުކުރަމެވެ. ﷲ ތަޢާލާއަށް ލޯބިވާކަން ހާމަކުރަން ގަދައަޅައި މަސައްކަތްކުރާނެ ކަމަށް އުންމީދުކުރަމެވެ! ޤިޔާމަތް ދުވަހު ދިންނެވުން ލިބުން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް