އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު
މިނިވަން ޗެންޕިއަންޝިޕް މިއަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން ނިންމައިފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުބަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޓީމުތަކުން އޯގަސްޓު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔުމަކުން ހުށަހެޅުމަށް އެދޭ ކަމަށެވެ.
އެފްއޭއެމް އިން ބުނީ ކޮންމެ އަތޮޅަކުން ދެ ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވާނަމަ، އެ އަތޮޅު މުބާރާތުގެ މެޗުތައް ކުޅޭނީ އެ އަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓު ކުރާ ރަށުގައި ކަމަށެވެ. އަދި ދެ ޓީމު ބައިވެރިވާނަމަ އަތޮޅު މުބާރާތް ކުރިއަށް ގެންދާނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށެވެ.
މީގެ އިތުރުން ޒޯން މުބާރާތުގެ މެޗްތައް ކުޅޭނީ ދެ ޓީމަށް ވުރެ ގިނަ ޓީމު ހިމެނޭ ޒޯންތަކުގައި ސެންޓްރަލައިޒްކޮށް ކަމަށާއި 2 ޓީމު ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުން ކަމަށެވެ.
އަތޮޅު މުބާރާތް ހޯސްޓު ކުރުމަށް ބޭނުންވާ ރަށްތަކުން ކަމާގުޅޭ ފޯމް ފުރިހަމަ ކުރުމަށްފަހު ޕްރޮޕޯސަލަކާއި އެކު އޯގަސްޓް މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން [email protected] އަށް އީމެއިލް ކުރަންޖެހޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ބާއްވާ މިނިވަން ޗެންމްޕިއަންޝިޕް މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެންބާއްވަމުން ގެންދާ އެފްއޭއެމްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ.
ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ދިވެހި ލީގުގައި ބައިވެރިވުމުގެ ފުރުޞަތު މިނިވަން ޗެމްޕިއަންޝިޕުން ލިބެއެވެ.
Advertisement
27 ޖުލައި 2019