އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވި ދިވެހި ރާއްޖޭގެ އެތްލީޓުންނަށް އެނބުރި ރާއްޖެއައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މޯލްޑިވިއަންގެ ފްލައިޓެއްގައި އެތްލީޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމުން މަރުޙަބާ ދެންނެވީ ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީއެވެ.
އެމްއެންޑީއެފްގެ ޚާއްޞަ އުޅަނދެއްގައި މާލެއައުމުން މާލޭގެ ރަސްމީ ފާލަމުން އެތްލީޓުންނަށް ވަނީ މަލުގެ ގުލްދަސްތާއަކުން މަރުޙަބާ ކިޔާފައެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ޚާއްޞަ އޮނަރއެއްވެސް ވަނީ އަރުވާފައެވެ.
ޖުމްހޫރީ މައިދާން ސަރަޙައްދުން އެތްލީޓުންނަށް މަރުޙަބާ ކިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި އަނބިކަނބަލުން ފަޒުނާ އަޙްމަދާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އެހެން ވުޒާރާތަކުގެ މިނިސްޓަރުންނާއި ގިނަޢަދަދެއްގެ ޢާންމުރައްޔިތުންވަނީ އެސަރަޙައްދަށް ޖަމާވެފައެވެ.
އެތްލީޓުންގެ ޝަރަފުގައި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންވަނީ ޚާއްޞަ އައިޓަމެއް ހުށަހަޅާދީފައެވެ.
Advertisement
29 ޖުލައި 2019