އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
ސާފް ޗެމްޕިއަންޝިޕް ދޫކޮށްލުމަށްފަހު، ރާއްޖޭގެ ޒުވާން ޓީމު އިންޓަރނޭޝަނަލް ފޯ ނޭޝަންސް ކަޕުގައި ބައިވެރިވާން ނިންމާފައިވާކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ އަންނަ މަހު 21ން 31އަށް އިންޑިއާގެ ކަލްޔާނީގައި ބާއްވާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ބައިވެރިނުވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ބައިވެރިވާނީ ގަތަރުގައި އޮންނަ މުބާރާތެއް ކަމަށްވާ އިންޓަރނޭޝަނަލް ފޯ ނޭޝަންސް ކަޕުގައި ކަމަށެވެ.
އެހެންކަމުން މިފަހަރުގެ 15 އަހަރުން ދަށުގެ ސާފުގައި ބައިވެރިވާނީ ބޫޓާން، އިންޑިއާ، ނޭޕާލާއި ސްރީލަންކާ އަދި އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއެވެ.
ގަތަރުގެ މުބާރާތުގައި ބައިވެރިވާން ނިންމީ ސާފު މުބާރަތުގައި ވާދަކުރާ ޓީމުތަކަށްވުރެ، ގަތަރު މުބާރާތުގައި ވާދަކުރާ ޓީމުތައް ވަރުގަދަވާނެތިއާއި އޭގެސަބަބުން ޓީމަށް އިތުރު ފައިދާތަކެއް ކުރާނެތީ ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ އެ މުބާރާތުގައި ރާއްޖެވާދަކުރަންޖެހޭނީ ކޮންޓީމުތަކަކާކަމެއް އަދިނޭނގެއެވެ.
Advertisement
31 ޖުލައި 2019