އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
މިސަރުކާރުގެ ތިން މަސް ދުވަހުގެތެރޭ ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވިސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަތަރު އަހަރު ދުވަހުގެތެރޭ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ 1.9 ބިލިއަން ރުފިޔާ މި ސަރުކާރުން އެންމެ ތިން މަސް ދުވަހުގެތެރޭ ހޯދާފައި ކަމަށެވެ.
ކުރީ ސަރުކާރުން ކަންކަން ކުރަމުންދިޔައީ އޮޅުވާލައިގެން ކަން ހިނގާގޮތް ނޭނގި ކަމަށާއި ނަމަވެސް މި ސަރުކާރުގައި ފޮރިން މިނިސްޓްރީން ކުރާ ދަތުރުތަކާއި އެ ދަތުރުތަކަށް ކުރާ ހަރަދުތައް އެންމެންނަށް ވެސް ފެންނަން ހުންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިސަރުކާރުން ފޮރިން މިނިސްޓްރީގެ ބަޖެޓުން މިހާތަނަށް 7.5 މިލިއަން ރުފިޔާ މިނިސްޓްރީގެ ހުރިހާ ދަތުރުތަކަށް ހަރަދުކުރެވިފައިވާނެކަމަށާއި ކުރީ ސަރުކާރުން ހަމައެކަނި ދަތުރުތަކަށް ފޮރިން މިނިސްޓްރީގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ކަމަށް ޝާހިދު ވިދާލުވިއެވެ.
މިކަމާގުޅިގެން ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ފޮރިން މިނިސްޓަރު ޝާހިދު މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށާއި ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހޯދި ކަމަށް ޝާހިދު ވިދާޅުވި އަދަަދަކީ އޮޅުވާލައިގެން ވިދާޅުވި އަދަދުތަކެއް ކަމަށެވެ.
Advertisement
31 ޖުލައި 2019