އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު
ފ. ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބާއި ނިލަންދޫ ޒުވާނުންތަކެއް ގުޅިގެން މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އަޟްޙާ ޢީދުގެ މުނާސަބަތުގައި ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ" ގުރުއަތުނެގުން ބާއްވައިފިއެވެ.
ނިލަންދޫ އިޖްތިމާޢީ މަރުކަޒުގައި މިމަހު 5 ވަނަ ދުވަހުގެރޭ ބޭއްވި ގުރުއަތުނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވި އިރު ބައިވެރިވެފައިވާ 9 ޓީމު ވަނީ 2 ގުރޫޕަކަށް ބަހާލައިފައެވެ.
މުއްދަތު ހަމަވި އިރު މުބާރާތުގައި ބައިވެރިވެފައިވަނީ ނިލަންދޫއަށް ނިސްބަތްވާ 8 ޓީމުގެ އިތުރުން މަގޫދޫން ޓީމެކެވެ. އެގޮތުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ އެސް.ޖީ.ސީ ސްޕޯރޓްސް، ފަހުލަވާނު، ނިލަންދޫ ޔަންގް ޖެނެރޭޝަން، އެސް.ޖީ.ސީ ޖޫނިއަރ، ސްޕޯރޓްސް ކްލަބް ފަހުލަވާން، އެފް.ސީ ވައިޕާރސް، އެފް.ސީ ސިއްސުވާލި، ޓެލެންޓް ސްޕޯރޓްސް ކްލަބް ، އަދި މަގޫދޫ އެފް.ސީ ބްރަދާސްއެވެ. މީގެ ތެރެއިން ޓެލެންޓް ޓީމަކީ މާލޭގައި ދިރިއުޅޭ ނިލަންދޫގެ ޒުވާނުން ހިމެނޭ ޓީމެއްކަން ފާހަގަކޮށްލެވެއެވެ. މީޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ މިހާރު ކުރިޔަށްދާ ދިވެހި ޕްރެމިއަރލީގުގައި ނިލަންދޫ ޓީމުގައި ހިމެނޭ ކުޅުންތެރިންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މިމަހު 9 ވަނަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުރުއަތު ނެގުނުއިރު ގްރޫޕް 1 ގައި ހިމެނޭ 5 ޓީމަކީ ފަހުލަވާން، އެސް.ޖީ.ސީ ސްޕޯރޓްސް، އެފް.ސީ ބްރަދާސް، އެފް.ސީ ސިއްސުވާލި އަދި ޓެލެންޓް ސްޕޯރޓްސް ކްލަބެވެ. ގްރޫޕް 2 ގައި ހިމެނެނީ ސްޕޯރޓްސް ކްލަބް ފަހުލަވާން، ވައިޕާރސް އެފް.ސީ، ނިލަންދޫ ޔަންގް ޖެނެރޭޝަން އަދި އެސް.ޖީ.ސީ ޖޫނިއާރސް އެވެ. މުބާރާތް ކުރިޔަށް ދާނީ ކޮންމެ ގްރޫޕެއްގައިވެސް ކޮންމެ ޓީމެއް ކޮންމެޓީމަކާ ވާދަކުރުމަށްފަހު ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ސެމީގައި ކްރޮސް ކުރުމަށް ފަހު މޮޅުވާ 2 ޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ޗެމްޕިއަންޓީމަށް 15000 ހާސްރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ފަށާ މިމުބާރާތުގައި ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު 2 ކުޅުންތެރިޔަކު ހިމަނަން ފުރުޞަތު އޮތް އިރު ކޮންމެ ޓީމެއްގައިވެސް 21 އަހަރުން ދަށުގެ 2 ކުޅުންތެރިޔަކު ހިމަނަންވަނީ ލާޒިމުކޮށްފައެވެ. މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ނަންމަޝްހޫރު ކުޅުންތެރިން ތަކެއް ކުޅޭއިރު ރާއްޖޭގެ ފުޓްބޯޅައިގައިވެސް މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ އާއި އިސްމާޢީލް ޢިސާ އަދި ރިޟްވާން ވަޙީދުގެ ނަން ފާހަގަކޮށްލެވެއެވެ.
މިމުބާރާތުގެ މައިގަނޑު މަޤްޞަދެއް ގޮތުގައި އިންތިޒާމު ކުރާފަރާތުން ފާހަގަކޮށްފައިވަނީ ނިލަންދޫއަކީ އަތޮޅުގެ އެންމެ ބޮޑު އާބާދީއަށްވެފައި ރަށުގެ ގިނަ ޒުވާނުންނަކީ ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ބަޔަކަށްވާތީ އެޒުވާނުންނަށް ރަށުގައި ތިބެގެން ވާދަވެރި މުބާރާތްތަކެއްގައި ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވާ މުބާރާތްތަކުގައި ފ.އަތޮޅުގެ ރަށްތައް ތަމްޘީލުކުރާ ޓީމުތަކުގައި އެރަށްތަކަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
މިމަހު 9 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މުބާރާތް ކުރިޔަށްދާނީ ނިލަންދޫ ފުޓްސަލް ދަނޑުގައެވެ.
ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ ފަހުމިނެޓެވެ.
Advertisement
8 އޮގަސްޓް 2019