އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު
ސޮނެވާ ބަލިކޮށް އަނަންތަރާ ކިހަވައް ވިލާސް އިން ލެވިސްތާ އިންޓަރ ރިސޯޓު ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
މިއީ އެ ރިސޯޓުން މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ.
އޭދަފުށި ޓަރފް ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 ލަނޑުން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި އަނަންތަރާ ކުރި ހޯދީ 5-6 ލަނޑުންނެވެ.
މި މެޗުގައި ސޮނެވާގެ ދެ ލަނޑުވެސް އާދަމް ނިޒާމު (ކިތުނާ) ޖަހައިދިން އިރު، އަނަންތަރާގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިތަނާ ޖެހީ ހުސައިން ހަންނާނެވެ. އަދި ނަތީޖާ އެއްވަރުކޮށްދިނީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ސަފްވާން ޚަލީލެވެ.
އޭނާވަނީ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.
މި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް އަނަންތަރާގެ އިސްމާޢިލް ޝާކިރު ހޯދި އިރު، އޭނާވަނީ އެންމެ މޮޅު މިޑްފީލްޑަރުގެ މަޤާމުވެސް ހޯދާފައެވެ. އަދި އެންމެ މޮޅު ފޯވަރޑުގެ މަޤާމު ސޮނެވާފުށީގެ އާދަމް ނިޒާމް (ކިތުނާ) ހޮވުނު އިރު، އޭނާވަނީ އެންމެގިނަ ލަނޑުޖަހައިގެންދޭ ރަންބޫޓުވެސް ހޯދާފައެވެ.
އެންމެ މޮޅު ޑިފެންޑަރަކަށް ސޮނެވާފުށީގެ އަފްރާހު ޢަބްދުލް ޢަޒީޒު ހޮވުނު އިރު، އެންމެ މޮޅު ގޯލް ކީޕަރަކީ އެ ޓީމުގެ އިބްރާހީމް ނިހާދެވެ.
މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އަނަންތަރާގެ ކޯޗު އަހްމަދު އުޝާމެވެ.
މި މުބާރާތް މިހާތަނަށް 8 ފަހަރު ބާއްވާފައިވާ އިރު، ސޮނެވާފުށިން ވަނީ ޖެހިޖެހިގެން 3 ފަހަރު މުބާރާތް ކާޔާބުކޮށްފައެވެ.
މީގެ ކުރިން މި މުބާރާތް ބާއްވާފައިވަނީ ކުލަބު ކޮންބިނޭޝަންގެ ފަރާތުންނަމަވެސް މިފަހަރު މި މުބާރާތް ބޭއްވީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.
Advertisement
10 އޮގަސްޓް 2019