އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު
ފ.ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބާއި ނިލަންދޫ ޒުވާނުންތަކެއް ގުޅިގެން މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އަޟްޙާ ޢީދުގެ މުނާސަބަތުގައި ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތް" ފަށައިފިއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދިވެހި ޕްރެމިއަރ ލީގުގައި ވާދަކުރާ ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ރައީސް އަންވަރު ޢަލީއެވެ. މިރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ 3 މެމްބަރުންނާއި ރަށުގަހުރި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ރަށުގެ ޢިއްޒަތްތެރިން ބައިވެރިވަޑައިގެންނެވިއެވެ.
މުބާރާތުގެ ފުރަތަމަ މެޗަގައި ވާދަކުރީ ގްރޫޕް އޭގެ ފަހުލަވާނާއި އެސް.ޖީ.ސީއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗް 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ނިލަންދޫގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނޭ އެސް.ޖީ.ސީއެވެ. މެޗް ފަށައިގެން ވަރަށްކުރީކޮޅު އެސް.ޖީ.ސީގެ ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި އަތްލުމުގެ ސަބަބުން އެޓީމުގެ ކެޕްޓަން ޢުބައިދު އިސްމާޢީލަށް ރެފްރީ ރަތްކާޑެއްދައްކާ ދަނޑުން ފޮނުވާލި ނަމަވެސް މެޗްގައި ފުރަތަމަ ލީޑު ނެގީވެސް އެސްޖީސީއެވެ. އެލަނޑު ކާމިޔާބުކޮށްދިނީ ޢުބައިދުގެ ފަހުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖާރޒީ ނަމްބަރު 11 އަޒުހާން ޚަލީލްއެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ މިސްކޯރއިން ނަމަވެސް 2 ވަނަ ހާފް ފެށިތަނުން އެސްޖީސީގެ ޖާރޒީނަމްބަރ 7 އަޙުމަދު ފަޒާލް ގޯލެއްޖަހާ ލީޑް ފުޅާކޮށްދީފައިވަނިކޮށް ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ފަހުލަވާނުންވަނީ ހިތްވަރުކޮށް ގޯލެއް ޖަހާ ނަތީޖާ ފަރަގު ކުޑަކޮށްދީފައެވެ. މިގޯލް ކާމިޔާބުކޮށްދިނީ ފަހުލަވާނުގެ ޒުވާން ކެޕްޓަން އީޖާޒް ޢަބްދުލް ޤާދިރުއެވެ. އީޖާޒުގެ ގޯލަށްފަހު އެސްޖީސީގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކީ އެޓީމުގެ ޖާރޒީ ނަމްބަރު 12 އިބްރާހިމް ޝަނޫނެވެ. މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ އެސްޖީސީގެ ޖާރޒީ ނަމްބަރު 11 އަޒުހާން ޚަލީލްއެވެ.
2 ވަނަ މެޗްގައި ގްރޫޕް އޭގައި ހިމެނޭ އެފްސީ ބްރަދާސްއާއި އެފްސީ ސިއްސުވާލި ބައްދަލު ކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވެގެންނެވެ. މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ބްރަދާސްގެ ޖާރޒީ ނަމްބަރ 5 ޙުސައިން ޝަރީފްއެވެ. ޓްރޮފީ ޙަވާލު ކޮށް ދެއްވީ 2 ވަނަ މެޗްގެ ޝަރަފްވެރި މެހެމާން ފ.ދަރަބޫދޫ ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓް އޮފިސަރ މުޙައްމަދު ލަޠީފްއެވެ.
މުބާރާތުގެ 2 މެޗެއް މާދަމާރޭވެސް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗްގައި ވާދަކުރާނީ ފަހުލަވާން އާއި ޓެލެންޓް އެސްސީއެވެ. 2 ވަނަ މެޗްގައި އެސްޖީސީ އާއި އެފްސީ ބްރަދާސްއެވެ.
ޗެމްޕިއަންޓީމަށް 15000 ހާސްރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިޔަށް ގެންދާ މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯއެވެ. ކޯ ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްސް އަދި އާން އަކްއާ ސްޕޯރޓްސްއެވެ.
ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ ފަހުމިނެޓެވެ.
Advertisement
10 އޮގަސްޓް 2019