އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު
ފ.ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބާއި ނިލަންދޫ ޒުވާނުންތަކެއް ގުޅިގެން މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އަޟްޙާ ޢީދުގެ މުނާސަބަތުގައި ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗްތަކުން ވަރުގަދަކަމަށް ބެލެވުނު ޓެލެންޓް ބަލިކޮށް ފަހުލަވާނު ތަފާތު ދެއްކިއިރު އެސްޖީސީން ބޮޑުމޮޅެއް ހޯދައިފިއެވެ.
މިރޭގެ ފުރަތަމަ މެޗްގައި ފަހުލަވާނާއި ޓެލެންޓްގެ ކުރިމަތިލުމުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފަހުލަވާނުގެ ޒުވާން ކެޕްޓަން އީޖާޒް ޢަބްދުލް ޤާދިރުގެ ކުޅުމެވެ. އީޖާޒްވަނީ މުޅިމެޗްގައިވެސް ތަފާތުމޮޅު ކުޅުމެއްދައްކާ ހެޓްރިކް ހެދުމަށްފަހު މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ. ޕްރެމިއަރ ލީގުގައި ވާދަކުރާ ނިލަންދޫ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ އިތުރުން އެންމެ ފަހުގެ ކްލަބް މޯލްޑިވްސް ޗެމްޕިއަންކަން ހޯދި ބީއެމްއެލް ޓީމުގައި ހިމެނޭ އިބްރާހިމް ސިނާހުއާއިއެކު ކުޅެމުންދިޔަ ޓެލެންޓްގެ މައްޗަށް ފުރަތަމަ ހާފުގައި 4 ލަނޑު 2 ލަނޑުން ކުރި ހޯދިއިރު އީޖާޒުގެ 2 ގޯލުގެ އިތުރުން ގޯލްޖެހީ ޒީދާން އާއި އަތީދުއެވެ. ޓެލެންޓްގެ 2 ގޯލްވެސްޖެހީ އަޙުމަދު ވާފިރު (ވާއްޕެ)އެވެ. 2 ވަނަ ހާފްގައި އީޖާޒް ގޯލެއް ޖަހާ ހެޓްރިކް ހެދިއިރު ފަހުލަވާނުގެ 6 ވަނަ ގޯލް ޖެހީ ޕެނަލްޓީއަކުން ޖަމާލްއެވެ. ޓެލެންޓްގެ ގޯލްޖެހީ ސިނާހުއެވެ.
މިރޭގެ 2 ވަނަ މެޗްގައި އެސްޖީސީން ވަނީ މަގޫދޫ ބްރަދާސް އެފްސީގެ މައްޗަށް 13 ލަނޑު 0 ލަނޑުން ކުރިހޯދާފައެވެ. ފުރަތަމަ ހާފްގައި އަޒުހާނާއި ފަޒާލް އަދި ފުޓްސަލްގައި މަޝްހޫރު އިބްރާހިމް ޝަނޫނުގެ ގޯލްތަކުން 6 ލަނޑު ޖަހާފައިވަނިކޮށް ފަހުހާފުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މިދިޔަ އަހަރު ޕްރެމިއަރ ލީގުގައި ޓީމު ނިލަންދޫގައި ހިމެނި މިދިޔަ އަހަރު މުބާރާތުގައި ގޯލްޖެހި އެންމެ ޒުވާން ކުޅުންތެރިޔެއް ގޮތުގައި ފާހަގަކުރެވުނު އަޙުމަދު ޝާނުގެ މޮޅު ކުޅުމެވެ. ކުޅެން އެރިތާ 6 ވަރަކަށް މިނެޓް ތެރޭ ޝާންވަނީ 4 ގޯލްޖަހާ ހުނަރުވެރިކަން ދައްކާލާފައެވެ. ޝާންގެ އިތުރުން ދެން ގޯލް ޖެހީ އަޒުހާނާއި ޝަނޫނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ 4 ގޯލް ޖެހި އިބްރާހިމް ޝަނޫނެވެ.
މާދަމާ މުބާރާތުގެ 4 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ހަވީރު ފުރަތަމަ މެޗްގައި ގްރޫޕް ބީގެ ސްޕޯރޓްސް ކްލަބް ފަހުލަވާންއާއި ވައިޕާރސް އެފްސީ ވާދަކުރާއިރު 2 ވަނަ މެޗްގައި ވާދަކުރާނީ ގްރޫޕް ބީގެ ސިއްސުވާލިއާއި ޓެލެންޓެވެ. ރޭގަނޑުގެ ފުރަތަމަ މެޗްގައި ގްރޫޕް އޭގެ ފަހުލަވާން އާއި އެފްސީ ބްރަދާސް ވާދަކުރާއިރު 2 ވަނަ މެޗްގައި ވާދަކުރާނީ ގްރޫޕް ބީގެ އެންވައިޖީއާއި އެސްޖީސީ ޖޫނިއާރސްއެވެ. އެންވައިޖީ ޓީމުގައި އަކްރަމް ޢަބްދުލް ޣަނީއާއި އިސްމާޢީލް ޢީސާ (މެސީ) ގެ އިތުރުން ރިޟްވާން ވަޙީދު (ކަކާ)ހިމެނޭއިރު މުބާރާތުގެ ޤަވާޢިދު ބުނާގޮތުން އަކުރަމް ކުޅެނީ ރަށު ކުޅުންތެރިއެއް ގޮތުގައެވެ.
ޗެމްޕިއަންޓީމަށް 15000 ހާސްރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިޔަށް ގެންދާ މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯއެވެ. ކޯ ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްސް އަދި އާން އަކްއާ ސްޕޯރޓްސްއެވެ.
ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ ފަހުމިނެޓެވެ.
Advertisement
11 އޮގަސްޓް 2019