އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސް.ޖީ.ސީ، އެސް.ސީ.އެފް، އެން.ވައި.ޖީ، އަދި ޓެލެންޓް ސެމީއަށް

އެސް.ޖީ.ސީ، އެސް.ސީ.އެފް، އެން.ވައި.ޖީ، އަދި ޓެލެންޓް ސެމީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 11 ސިކުންތު

 

ފ.ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބާއި ނިލަންދޫ ޒުވާނުންތަކެއް ގުޅިގެން އަޟްޙާ ޢީދުގެ މުނާސަބަތުގައި ނިލަންދޫގައި ކުރިޔަށްގެންދާ "ރަށްވެހި ޗެލެންޖް" ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ.

މިއަދާއި މިރޭ ކުޅެވުނު ގްރޫޕް ސްޓޭޖުގެ ފަހުމެޗްތަކަށްފަހު ސެމީފައިނަލަށް ހޮވުނު ޓީމުތަކަކީ ގްރޫޕް 1 އިން އެސް.ޖީ.ސީ އާއި ޓެލެންޓް އެސް.ސީ އެވެ. ގްރޫޕް 2 އިން ނިލަންދޫ ޔަންގް ޖެނެރޭޝަން އާއި ސްޕޯރޓސް ކްލަބް ފަހުލަވާނު (އެސް.ސީ.އެފް)އެވެ.

މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗްގައި އެސް.ސީ.އެފްއާއި އެސް.ޖީ.ސީ ޖޫނިއަރސް ވާދަކުރި މެޗް ފަސޭހަ ކަމާއެކު 9 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އެސް.ސީ.އެފް އެވެ. އެސް.ސީ.އެފްގެ ގިނަ ކުޅުންތެރިންތަކެއް ސްކޯރކުރި މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ ޖާރޒީ ނަމްބަރު 6 އަޙުމަދު ނަބީލެވެ.

ހަވީރު ކުޅެވުނު 2 ވަނަ މެޗްގައި އެފް.ސީ ބްރަދާސްއާއި ޓެލެންޓް ވާދަކުރި މެޗް ފޯރިގަދަވެގެން ދިޔަ އެއްސަބަބަކީ ޓެލެންޓުން ސެމީފައިނަލްގެ ޖާގަ ކަށަވަރުކުރުމަށް 4 ގޯލްގެ ތަފާތަކުން މޮޅުވަން ޖެހިފައިވުމެވެ.

ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ޖެހި ގޯލާއެކު ޓެލެންޓުން 3 ލަނޑު 2 ލަނޑުން ލީޑު ނެގިނަމަވެސް ބްރަދާސްގެ ފަރާތުން ފެނިގެންދިޔަ މޮޅުކުޅުމާއެކު ޓެލެންޓަށް ނަތީޖާ ނެރުމަށް އުދަނގޫތަކެއް ކުރިމަތިވެގެން ދިޔަކަން ފާހަގަކުރެވުނެވެ.

ފަހުހާފުގެވެސް 15 މިނެޓާހަމަޔަށް ދިޔަ އިރުވެސް ޓެލެންޓަށް ޓާގެޓަށް ވާޞިލުވުމަށް އިތުރު 2 ގޯލް ކާމިޔާބުކުރަން ޖެހިފައި އޮތުމާއެކު މުޅިޓީމު ކުރިޔަށްޖެހި ކުރި ބުރަ މަސައްކަތުން މެޗް ނިމުމުގެ ކުރިން ޓެލެންޓުންވަނީ 8 ގޯލްޖަހާ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

8 ލަނޑު 3 ލަނޑުން ނިމިގެން ދިޔަ މިމެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ޓެލެންޓަށް 5 ގޯލް ކާމިޔާބުކޮށްދިން ޖާރޒީ ނަމްބަރު 27 އަޙުމަދު ވާފިރެވެ.

މިރޭ ކުޅެވުނު ފުރަތަމަ މެޗްގައި އެސް.ޖީ.ސީއާއި އެފްސީ ސިއްސުވާލި ވާދަކޮށް ފަސޭހަ ކަމާއެކު 11 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކުރީ އެސް.ޖީ،ސީއެވެ. އެޓީމުގެ އިބްރާހިމް ޝަނޫނު (ޒެޕީ)6 ގޯލްޖަހާ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދި މިމެޗްގައި އެޓީމުގެ އިތުރު ގޯލްތައް ޖަހާފައިވަނީ ޢުބައިދު، ޔާސިރު،ޝާން ކޮންމެ ކުޅުންތެރިޔަކު 1 ގޯލް އަދި ފަޒާލް 2 ގޯލެވެ. ސިއްސުވާލިގެ ހަމައެކަނި ގޯލް ޖަހާދިނީ އެޓީމުގެ އަޙުމަދު ޝިފާޒްއެވެ.

ގްރޫޕް ސްޓޭޖްގެ ފަހުމެޗްގައި ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން،ވައި،ޖީ)އާއި އެފްސީ ވައިޕާރސް ބައްދަލުކުރި މެޗް ތަފާތު ބޮޑުކޮށް މޮޅުވީ އެން.ވައި.ޖީއެވެ. މެޗްގައި ކުޅުނު މަދު ވަގުތުކޮޅުގެ ތެރޭގައި އިސްމާޢީލް ޢީސާ (މެސީ) 4 ގޯލް ޖަހާދީފައިވާއިރު ރިލްވާން ވަޙީދު(ރިލޭ) އާއި އިބްތިޝާމް އަދި މުޢީން ކޮންމެ ކުޅުންތެރިޔަކުވަނީ 2 ގޯލް ޖަހާދީފައެވެ. މީގެ އިތުރުން ރިޒޫއާއި ބާސިތުވަނީ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖަހާދީފައެވެ. މޮޅުކުޅުންތެރިޔަކަށް ހޮވުނީ ރިލްވާން ވަޙީދު (ރިލޭ)އެވެ.

 

ގްރޫޕް ސްޓޭޖް ނިމިގެން ދިޔައިރު ގްރޫޕް 1 އިން 1 ވަނަ ޓީމަކަށް ހޮވުނީ 3 މެޗުން މޮޅުވެ 9 ޕޮއިންޓާއި ފައިދާ 23 ގޯލާއެކު އެސް.ޖީ.ސީއެވެ. މިގްރޫޕުން 2 ވަނަ ޓީމަކަށް ހޮވުނީ 3 މެޗުން މޮޅުވެ 9 ޕޮއިންޓާއި ފައިދާ 10 ގޯލާއެކު ޓެލެންޓް އެސް.ސީއެވެ. މިގްރޫޕްގައި ހިމެނޭ ފަހުލަވާނުވެސް 3 މެޗުން މޮޅުވެ 9 ޕޮއިންޓް ހޯދިނަމަވެސް ސެމީފައިނަލްގެ ފުރުޞަތު ގެއްލުނީ ޓެލެންޓަށްވުރެ ފައިދާ ގޯލެއް މަދުވުމުންނެވެ. މިގްރޫޕްގައި ހިމެނޭ އެފް.ސީ ސިއްސުވާލި އަދި އެފްސީ ބްރަދާރސްއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕް 2 އިން 1 ވަނަ ޓީމަކަށް ހޮވުނީ ކުޅުނު 3 މެޗްވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއި ފައިދާ 18 ގޯލާއެކު ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ)އެވެ. މިގްރޫޕްގެ 2 މަނަ ޓީމަކީ 2 މެޗުން މޮޅުވެ 6 ޕޮއިންޓާއި ފައިދާ 13 ގޯލް ލިބުނު ސްޕޯރޓްސް ކްލަބް ފަހުލަވާން (އެސް.ސީ.އެފް)އެވެ. މިގްރޫޕްގައި ހިމެނުނު ވައިޕާރސް އެފް.ސީ 3 ޕޮއިންޓް ހޯދިއިރު އެސް.ޖީ.ސީ ޖޫނިއާރސްއަކަށް އެންމެ ޕޮއިންޓެއްވެސް ލިބިފައެއް ނުވެއެވެ.

 

މިރޭ ކުޅެވޭ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް 1 ގެ 1 ވަނަ އެސް.ޖީ.ސީއާއި ގްރޫޕް 2 ގެ 2 ވަނަ ސްޕޯރޓްސް ކްލަބް ފަހުލަވާން(އެސް.ސީ.އެފް)އެވެ. ސެމީފައިނަލް 2 ވަނަ މެޗްގައި މިރޭ ބައްދަލު ކުރާނީ ގްރޫޕް 2 ގެ 1 ވަނަ ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ)އާއި ގްރޫޕް 1 ގެ 2 ވަނަ ޓެލެންޓް ސްޕޯރޓްސް ކްލަބްއެވެ.

 

ޗެމްޕިއަންޓީމަށް 15000 ހާސްރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިޔަށް ގެންދާ  މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯއެވެ. ކޯ ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްސް އަދި އާން އަކްއާ ސްޕޯރޓްސްއެވެ.  

ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ ފަހުމިނެޓެވެ.

 

   

  

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް