އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބަވަތި" ގަ ޝެހޭއަށް ވަމުން އަންނަގޮތް އެނގިއްޖެތަ؟ ދެން ބާކީ އޮތީ އެންމެ ހަ ޝޯ!

"ބަވަތި" ގަ ޝެހޭއަށް ވަމުން އަންނަގޮތް އެނގިއްޖެތަ؟ ދެން ބާކީ އޮތީ އެންމެ ހަ ޝޯ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

މުޅި ދިވެހި ފިލްމު އިންޑަސްޓްރީ ފަހުގެ ތާރީޚެއްގައި ސިއްސުވާލި އެއް ފިލްމަކީ، މިހާރު އޮލިމްޕަހު ސްކްރީނުގައި ދައްކަމުން ގެންދާ ފިލްމު "ބަވަތި" އެވެ.

ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ކުންފުންޏެއް ކަމަށްވާ "އައިފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" މިމަހުގެ ދެވަނަ ދުވަހު ޕްރިމިއާރ ކޮށްފައިވާއިރު، އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އެފިލްމަށްވަނީ ގިނަ ބައެއްގެ ތަރުހީބު ވަރަށް ބޮޑަށް ލިބިފައެވެ.

މިއީ ލިޔުންތެރިޔާ އަދި ޕްރޮޑިއުސާ އިލްޔާސް ވަހީދު (އިއްލެ) އުފެއްދި ފުރަތަމަ ފީޗާ ފިލްމެވެ. މުޖުތަމައުއަށް ވަރަށް ރަނގަޅު މެސެޖެއްދެމުން އުފައްދާފައިވާ "ބަވަތި" އަކީ ސައިކޮލޮޖިކަލް ސަސްޕެންސް ތްރިލާ އެކެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ގަދަޔަށް ފިޔަޖަހަމުންދާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ފީޗާ ފިލްމަކުން އަލަށް ތަޢާރަފްވާ އިފްނާޒް ފިރާގް އެވެ. މިފިލްމު ބެލި ގިނަ މީހުން ވަނީ މިދެތަރިންނަށް ވެސް ތައުރީފާއި ސަނާ އޮއްސާލާފައެވެ.

"ބަވަތި" ބަލަންވީ ކީއްވެތޯ، މިފިލްމު ނުބަލާ ގިނަ މީހުން އަންނަނީ ސުވާލު ކުރަމުންނެވެ. އެއްބަޔަކު ދެކޭ ގޮތުގައި މިއީ ވެސް ހަމައާދައިގެ "ލަވް ސްޓޯރީ" އަކަށް ވެދާނެއެވެ. އެހެނެއް ނޫނެވެ. މިފިލްމު ބެލި އެކަކުވެސް މިއީ އާދައިގެ ލަވް ސްޓޯރީއެކޭ، ނޫނީ ހަމަ ލަވް ސްޓޯރީ އެކޭ ވެސް ނުބުނާނެވެ. މިއީ އެއަށްވުރެ މާފުރިހަމަ ފިލްމެކެވެ. "ބަވަތި" ފުރިހަމަވާ ސަބަބު، ސްޕޮއިލާ އަކާއިނުލާ ކިޔާދިނުމަށް ދައްޗެވެ. ޚާއްސަކޮށް ފިލްމު މިހާރުވެސް ތިއޭޓާގައި ދައްކަމުންދާތީއެވެ.

ތަފާތު މޮޅު ފިލްމެއް ދިވެހި ސިނަމާއިން ބަލާލަން މިލިބުނީ ޒަމާންތަކަކަށްފަހުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިތަފާތު ފިލްމު އޮލިމްޕަސް ސްކްރީނުން ދެން ބަލާލެވެން ބާކީ އޮތީ އެންމެ ހަ ރެއެވެ.

"ބަވަތި" އަކީ ކާމިޔާބު މޮޅު ފިލްމެއްކަން ހާމަކޮށްދޭ އަނެއްކަމަކީ، އަތޮޅު ތެރެއިން ވެސް މިފިލްމަށް ލިބެމުން އަންނަ ތަރުހީބުގެ ސަބަބުންނެވެ. އެގޮތުން ދުވާފަރު ގައާއި، އަނގޮޅިތީމުގެ އިތުރުން ރ. ރަސްގެތީމުގައި މިހާރު މިފިލްމު އަޅުވައިފިއެވެ. މީގެއިތުރުން ހދ. ނަވައިދޫ އާއި ހަނިމާދޫ ގައި ވެސް "ބަވަތި" އަޅުވާ އެރަށްތަކުން ވެސް މިފިލްމަށް ނުހަނު ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓާރ އަދި ޕްރޮޑިއުސަރ އިއްލެ ބުނީ، ކުރިއަށް އޮތްތަނުގައި އައްޑޫސިޓީ އާއި ފުވައްމުލަކުގައި ވެސް "ބަވަތި" އަޅުވަން ނިންމާފައިވާ ކަމަށާއި އެހެން ރަށްތަކުގައި ވެސް މިފިލްމު އަޅުވަން ބޭނުންނަމަ، އެފުރުސަތު އޮތް ކަމަށެވެ. އެކަމަށް އެދިލައްވަން 7390005 އަށް ގުޅާލުމަށް ވެސް އިއްލެ އެދިފައިވެއެވެ.

"ބަވަތި" މިފިލްމަކީ އޭގެ މޯޝަން ޕޯސްޓަރ ނެރުނު ހިސާބުން ވެސް ފިލްމުގެ ތަފާތުކަން ހާމަކޮށްދީފައިވާ މޮޅު ފިލްމެކެވެ. އެއަށްފަހު ފިލްމުގެ ދެ ޓީޒަރ އާއި ޓްރެއިލާ އަދި ޕްރޮމޯޝަނަލް ލަވައިން ވެސް "ބަވަތި" ގެ ތަފާތުކަން ބެލުންތެރިންގެ ހިތްތަކަށް ވެރިވެގެން ދިޔައެވެ.

އެގޮތުން އެއިރު ގިނަ މީހުންގެ ހިތްތަކުގައި އެންމެ ބޮޑަށް އުފެދެމުން އައި އެއް ސުވާލަކީ، ފިލްމުގެ ލީޑް ރޯލުން ފެންނަމުންދާ ނުޒޫ (ފިލްމުގެ ނަމުންނަމަ "ޝެހޭ") އަށް ވަމުން ދިޔަ ގޮތްތަކާއިމެދުއެވެ. ކަންތައްތަކެއް ޝެހޭއަށް ވަމުންދާކަން ފިލްމުގެ ހުރިހާ އިސްތިހާރަކުން ވެސް ހާމަވެގެން ދިޔައިރު، އެކަމާއިމެދު އެކި މީހުން ވިސްނަމުން ދިޔައީ އެކިގޮތަށެވެ.

ޝެހޭ އަށް ވަމުންދިޔައީ ކީއްކަން ގިނަ މީހުންނަށް މިހާރު "ބަވަތި" ފިލްމުން ވަނީ ހާމަވެފައެވެ. ހީކުރިގޮތާއި މުޅިން ޚިލާފަށް، އެއަށްވުރެ އަސަރުގަދަ ގޮތަކަށެވެ. ނަމަވެސް މިރެއާއި ލައިގެން ދެން "ބަވަތި" ފިލްމު އޮލިމްފަހު ސްކްރީނުގައި ދައްކާނީ އެންމެ ހަ ރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ