އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 12 ސިކުންތު
ޙަޔާތުގައި ބޮޑުކަމެއް ނުވަތަ ނިންމުމެއް ނިންމަން އުޅޭއިރު، ބަނޑަށް ކޮންމެވެސް އުނދަގުލެއްވުމަކީ ގިނަ މީހުންނަށް ކުރިމަތިވަމުން އަންނަ ކަމެކެވެ. އެމެރިކާގެ ސިއްޙަތާއިބެހޭ ޔުނިވާރސިޓީއަކުން ދާދި ފަހުން ހެދި ދިރާސާއަކުން ހާމަވާ ގޮތުގައި، ކުޑަކުދިން ވެސް މިފަދައިން ބަނޑުގައި ރިއްސުމާއި އުނދަގޫތަކެއް ވުމަކީ އެކުދިންގެ ހަށިގަނޑުގައި ހާސްވުމުގެ ބަލި ހުންނަ ކަމުގެ ނިޝާނެކެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، ކުޑަކުދިންގެ ބަނޑުގައި އެފަދައިން ރިއްސާނީ، އެކުދިން ވަރަށް ބޮޑަށް ކަމަކާއިމެދު ހާސްވެފައިވާ ނަމައެވެ. މިސާލަކަށް ބުނަންޏާ ޓެސްޓަކާއި ކުރިމަތިލުން ނުވަތަ މެޗަކަށް އަރާއިރު ވެސް، ބައެއް ކުދިންގެ ބަނޑުގައި މިފަދައިން ރިއްސައެވެ.
ސީއެޓްލްގައި މަސައްކަތްކުރާ ކުޑަކުދިންގެ ގެސްޓްރޯއެންޓީރޮލޮޖިސްޓެއް ކަމަށްވާ ޑރ. ނިކޯލް ސްވަންގްޕޮންޓް ޕަޓަމަނޫޝް ބުނެފައިވަނީ، ކުޑަކުދިންގެ ގައިގާ ޚާއްސަކޮށް ބަނޑުގައި މިފަދައިން ރިއްސާ ރިއްސުން ބެލެނިވެރިން އަޅާނުލާ ދޫކޮށް ނުލުމަށެވެ.
"ކުޑަކުދިންނަށް އެފަދ އުނދަގޫތަކެއް ނުވަތަ ތަދުތަކެއްވާން ފެށީމަ، އަހަރުމެން (ބޮޑެތި މީހުންނަށް) ގިނަ ފަހަރަށް ހެދެ ގޮތަކީ އެކަމާއި އެހާ އަޅާނުލެވެނީ. އެއީ އެވަރު ކަމަކަށްވެސް ނުހެދެނީ. ޚާއްސަކޮށް ޑޮކްޓަރަށް ވެސް ދައްކާފަ، އެއީ އެވަރު ކަމެއް ނޫން ކަމަށް ޑޮކްޓަރުން ވެސް ބުނީމަ، އެކަންތައްތަކާއި އެވަރަށް ފަރުވާލެއް ނުބެހެއްޓެނީ. އެއީ ރަނގަޅު ގޮތެއް ނޫން. ކުޑަކުދިން ވެސް ކަންކަމާއި ހާސްވާނެކަމާއި، ފިކުރު ބޮޑުވެދާނެ ކަމާއި އަދި ނެގަޓިވް ގޮތްގޮތަށް ކަންކަމާއިމެދު ވިސްނާފާނެކަން އަހަރުމެންނަށް ވެސް އެނގި އެކަން ޤަބޫލު ކުރުމަކީ މުހިންމުކަމެއް. މިއީ އެފަދަ ވިސްނުންތަކާއިމެދު އަމިއްލައަށް ކަންތައްކުރާނެ ގޮތް އެކުދިންނަށް ވިސްނައިދޭންވީ މަރުހަލާ." ޑރ. ނިކޯލް ބުނެފައިވެއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުގެ ސައިކޮލޮޖިސްޓިސްޓުން ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ އެންމެ ގިނައިން ރިޕޯޓު ކޮށްފައިވާ މައްސަލަތަކުގައި ހިމެނެނީ އެކުދިންގެ އުޅުމުގައި ތަފާތުކަމެއް ހުރުމާއި، އޭޑީއެޗްޑީ ހުރުމާއި، ހާސްވުމުގެ މައްސަލަތަކެވެ. ނަމަވެސް ގިނަ ބެލެނިވެރިން އެމީހުންގެ ދަރިންގެ ކިބައިގައި ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށް ޤަބޫލު ކުރަން ދެކޮޅު ހަދައެވެ. އެމީހުން ކުރާ ސުވާލަކީ، އެމީހުންގެ ދަރިން ހާސްވެ ފިކުރު ބޮޑުވާންވީ ކޮންކަމަކާތޯއެވެ. ބެލެނިވެރިންގެ މިފަދަ ޢަމަލުތަކުގެ ސަބަބުން، އެކުދިންގެ މިމައްސަލަތަކަށް ވަނީ ފަރުވާއެއް ނުހޯދިފައެވެ.
ބަނޑުގައި ރިއްސުން ނުވަތަ އެނޫންވެސް އުނދަގުލެއްވުމުގެ ކުރިން، ކުޑަ ކުއްޖަކު ހުރީ ކަމަކާއި ހާސްވެފައިކަން ދެނެގަނެވިދާނެ ބައެއް ނިޝާންތަކަކީ:
· އެއްވެސް ކަމަކުންކުރެ ކަމަކާނުލާ، ނުވަތަ ކިތަންމެ ކުޑަ ކަމަކަށް ވެސް އެކުދިން "ނޫނެކޭ" ބުނުން.
· ކުދިކުދި ކަންކަމުގައި ވެސް ބެލެނިވެރިންނާއި، ޓީޗަރުންނާއި އަދި އެކުދިންގެ ރައްޓެހިންގެ ފަރާތުން ވެސް ލަފަޔާއި ޙިޔާލު ހޯދުން، އަދި ހުއްދަވެސް ހޯދުން.
· އެކުދިންގެ ބެލެނިވެރިންނާއި ވަކިވާ ވަގުތު (މިސާލަކަށް ބެލެނިވެރިން ތަނަކަށްދާ ވަގުތު) އެކުދިން ދެރަވެ ހިތާމަކުރުން.
· ބޭރަށް (ބައެއްގެ ތެރެއަށް) ގޮވައިގެންދިޔަ ނަމަވެސް، އެކުދިން އެކަނިވެފަ އިނުން.
· ސްކޫލަށް ނުދާން އުޅުން.
· އެއްވެސް ގްރޫޕް ހަރަކާތަކު، ނުވަތަ ގިނަ ބަޔަކު އެއްވެގެން ކުރާ ކަމަކު، އެކުދިން ބައިވެރި ނުވުން.
· އެކުދިން ކުރާ ކޮންމެ ކަމަކުންވެސް، ކަމެއް ގޯސްވެދާނެ ކަމުގެ ބިރު ހީވުން.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ކުދިން ގޮވައިގެން ބޭރަށް ނިކުމެލާ، އެކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމަކީ، މިފަދަ ކަންކަމުން އެކުދިން ސަލާމަތްކޮށްދީ މިކަމަށްވެވޭ އެހީއެކެވެ. އަދި ކުދިންނާއި ވާހަކަ ދައްކާ، އެކުދިންނަށް އުނދަގޫވަނީ ނުވަތަ ދެރަވަނީ ކޮންކަމަކާއި ހެދިތޯ ސުވާލުކޮށް އެކަންކަމާއި ވާހަކަ ދެއްކުމަށް ވެސް ކަމާއިބެހޭ މާހިރުން އިރުޝާދު ދީފައިވެއެވެ. ނަމަވެސް މިއާއެކު، ކަމެއް ދިމާވުމުން، އެކަމަކުން އަރައިގަނެވިދާނެ ގޮތްތައް ކުދިންނަށް ވިސްނޭނެހެން ކިޔައިދީ، އެކުދިން އަމިއްލައަށް އެކަންކަމަށް ޙައްލެއް ހޯދުމަށް ފުރުސަތު ދިނުމަކީ ވެސް ބުއްދިވެރި ކަމެއް ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.
Advertisement
28 ސެޕްޓެމްބަރ 2019