އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިންވެސް ޖުވާ ކުޅުމަށް ދެވިހިފާފައި! ސްކޭމްތަކުގައި ޖެހި ލިބޭ ގެއްލުންވެސް އެހާބޮޑު!

ދިވެހިންވެސް ޖުވާ ކުޅުމަށް ދެވިހިފާފައި! ސްކޭމްތަކުގައި ޖެހި ލިބޭ ގެއްލުންވެސް އެހާބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 8 ސިކުންތު

ޒަމާނީ ދިރިއުޅުމުގެ ތެރެއިން ދިވެހި މުޖުތަމަޢަށް ކުރިމަތިވަމުން އަންނަ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި ޖުވާ ކުޅުމާއި އޮންލައިން ސްކޭމްތަކުގައި ޖެހުން ހިމެނެއެވެ. ފަސޭހައިން ފައިސާ ހޯދޭނެ ކަމުގެ އުންމީދުގައި ނުވަތަ މުނިފޫހިފިލުވުމުގެ ގޮތުން ފެށޭ މި ކަންކަން، ފަހުން ދިރިއުޅުން ފުނޑުފުނޑުކޮށްލާ ފަދަ ނުރައްކާތެރި ބައްޔަކަށް ބަދަލުވެއެވެ. ޚާއްޞަކޮށް އޮންލައިން މާހައުލު ފުޅާވުމާއެކު، ޖުވާގެ އެކި ބާވަތްތަކާއި، ފައިސާ އަތުލަން އޮޅުވައިލާ ސްކޭމްތައް އާންމުވެ، އެތައް ބަޔަކު ވަނީ އެމީހުންގެ ދިރިއުޅުމުގެ މުހިންމު ފައިސާ އާއި ވަގުތު ގެއްލުވައި، ދަރަނީގެ ކަނޑެއްގައި ޖެހިފައެވެ.  

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް އޮންލައިން ޖުވާ ކުޅުން އާންމުވަމުންދާކަން ފާހަގަކުރެވެއެވެ. އޮންލައިން ޖުވާ، ޕިރަމިޑް ސްކީމް ފަދަ ކަންކަމުން ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ދާދި ފަހުންވެސް ޖީއެމްސީ ނުވަތަ ޖެމްކިޔު ނަމަކަށް ކިޔާ ސްކީމެއް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވަނީ ހިންގާފައެވެ. އެއީ ބޮޑު ސްކޭމެއްކަން އެނގުނުއިރު އެތައް ޒުވާނުންނެއް މީގެ އަވައިގައި ޖެހި އެތައް ފައިސާއެއް ވަނީ އިންވެސްޓުކޮށްފައެވެ. ބައެއް ފަރާތްތަކަށް އެ ފައިސާ އަނބުރާ ލިބުނު ނަމަވެސް ގިނައީ ބޮޑެތި އަދަދުން ގެއްލުން ލިބުނު މީހުންނެވެ. ފައިސާކޮޅާއެކު ޖީއެމްސީވެސް ފިލީއެވެ. މީގެން އެނގިގެންދަނީ، މިކަންކަން ދިވެހިންގެ މެދުގައި ބޮޑުވަމުންދާ މައްސަލައެއް ކަމެވެ. ޖުވާ ކުޅުމަކީ ވަރަށް ފަސޭހައިން ދެވިހިފާ ކަމެކެވެ. ކުޑަކުޑަ އުންމީދެއްގައި ފަށާ ކުޅުން، މަޑު މަޑުން ބޮޑު ބައްޔަކަށް ބަދަލުވެ، އެމީހެއްގެ މުޅި ދިރިއުޅުން އެކަމަށް ހުސްވެގެންދެއެވެ. ފަސޭހައިން ފައިސާ ލިބޭނެ ކަމަށް ހީކުރެވޭތީ، މީހުން އަމިއްލަ އެންމެ ފަހުގެ ފައިސާ ވެސް މި ކަންކަމަށް ޚަރަދުކުރަން ފަށައެވެ. އެހެން ނަމަވެސް، އެނގިގެންދާ ހަޤީގަތަކީ ޖުވާ ކުޅެގެން މުއްސަނދިވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމެވެ. ޖުވާގެ ނިޒާމު ބިނާވެފައިވަނީ ކުޅޭ މީހުންނަށް ގެއްލުން ލިބޭނެ ގޮތަށެވެ. 

ޖުވާގެ އިތުރަށް، އޮންލައިން ސްކޭމްތައް ވެސް ދިވެހިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. މިކަހަލަ ސްކޭމްތަކުގައި އާންމުކޮށް ހިމެނެނީ ފައިސާ އިންވެސްޓްކޮށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ގުނައެއް ފައިސާ އިތުރުވެގެންދާނެ ކަމުގެ ދޮގު ވައުދުތަކެވެ. ޕިރަމިޑް ސްކީމް ނުވަތަ "ކޭޝް ގިފްޓިންގ" ކަމަށް ބުނެ ހިންގާ މިފަދަ ވިޔަފާރިތަކަކީ ވެސް އެއްވެސް ހަޤީގަތެއް ނެތް، އެއް ބަޔެއްގެ ފައިސާ އަނެއް ބަޔަކަށް ދީގެން ހިންގާ، ހިއްސާވާ ގިނަ ބަޔަކަށް ގެއްލުން ލިބޭނެ ގޮތަށް ބިނާވެފައިވާ ނިޒާމުތަކެކެވެ. މިފަދަ ސްކޭމްތަކަށް ފުލުހުން ވަރަށް ސީރިއަސްކަމާއެކު ސަމާލުކަންދެއެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބި، ދަރަނިވެރިކަމުގެ ތެރެއަށް ވެއްޓި، ދިރިއުޅުމުގެ ހަމަޖެހުން ނަގާލެވުމެވެ. 

ޖުވާ ކުޅުމާއި ސްކޭމްތަކުގައި ޖެހުމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑެވެ. މީހުންނަށް އޭގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ގިނަ ފަހަރު މިކަމުގައި ޖެހޭ މީހުންނަށް ގެއްލެނީ އެމީހުންގެ މުޅި އުމުރުގެ ހީލާބިލާކޮށް ހޯދާފައިވާ އެންމެ ފަހުގެ ފައިސާ ނުވަތަ އެހެން މީހުންގެ އަތުން ނަގާފައިވާ ބޮޑެތި ދަރަންޏެވެ. މިކަމުގެ ސަބަބުން މީހުންގެ ދިރިއުޅުން ބަރުބާދުވެ، ޢާއިލީ ގުޅުންތައް ކަނޑި، ދަރިންނާއި އަނބިންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރައެވެ. މީގެ އިތުރަށް، މީހުންގެ ނަފްސާނީ ހާލަތު ގޯސްވެ، ފިކުރީ ބަލިތައް ޖެހި، މުޖުތަމަޢުގައި އެކަހެރިވެގެންދާ ހާލަތްތައް ވެސް ދިމާވެއެވެ. ޖުވާ ކުޅުމާއި ސްކޭމްތަކަކީ ހަމައެކަނި ފައިސާގެ ގެއްލުމެއް ނޫނެވެ. އެއީ މީހެއްގެ އިއްޒަތާއި ކަރާމަތަށް ވެސް ލިބޭ ގެއްލުމެކެވެ. 

އިސްލާމީ ދީނުގައި ޖުވާ ކުޅުމަކީ ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ. ޖުވާ އަށް ޢަރަބި ބަހުން ކިޔަނީ "މައިސިރު" ނުވަތަ "ޤިމާރު" އެވެ.  

ޖުވާއަކީ ޝައިޠާނާގެ ޢަމަލެއް ކަމާއި، އެއީ ނުބައިކަން ބޮޑު ކަމެއްކަން ކީރިތި ގުރުއާނުންވެސް ހާމަވެއެވެ. އަދި އިސްލާމްދީނުގައި ޖުވާ ޙަރާމް ކުރެއްވުމުގެ މައިގަނޑު ސަބަބުތަކެއް ވެއެވެ. އެއީ އޭގެ ސަބަބުން ފަސާދަ އާއި ދެބަސްވުންތައް އުފެދި، މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ވާދަވެރިކަން އިތުރުވެ، އެކަމުގެ ސަބަބުން ޢަދާވަތްތެރިކަން އުފެދޭތީއެވެ. އަދި ޖުވާއަކީ މީސްތަކުން ﷲގެ ޒިކުރާއިންނާއި ނަމާދުން ދުރުކުރާ ކަމެއް ވެސް މެއެވެ.  

ޖުވާ ހަރާމްކުރައްވާފައިވަނީ މުޖުތަމަޢަށް ގެއްލުންދޭ، ޝައިޠާނާގެ މަގު ކަމަށް ވާތީއެވެ. ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށް ވާއިރު، މިފަދަ ހަރާމް ކަންކަމުން ދުރުވެ، މީސްތަކުން ހޭލުންތެރި ކުރުން މުހިންމެވެ. 

ދިވެހިންގެ ތެރޭގައި އޮންލައިން ޖުވާ ކުޅުމާއި ސްކޭމްތަކުގައި ޖެހުން ވަރަށް ބޮޑުވަމުންދާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ވެސް އެނގިގެންދެއެވެ. މިކަމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތައް ލިބި، ޢާއިލީ ގުޅުންތަކަށް ބުރޫއަރައި، ނަފްސާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި މައްސަލަތައް ދިމާވެއެވެ. އިސްލާމްދީނުގައި ޖުވާ ކުޅުމަކީ ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ޙަރާމް ކަމެކެވެ. އެހެންކަމުން، މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން ވެސް ހޭލުންތެރިވެ، ދީނީ އަގީދާ ވަރުގަދަކޮށް، މުސްތަޤްބަލްގެ ޖީލުތަކަށް ރަނގަޅު މިސާލެއް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ސްކޭމްތަކަށް ނުފީނުމަށް ސަމާލުވެ، ފަސޭހައިން ފައިސާ ހޯދޭނެ ކަމަށް ބުނެ އަންނަ ހުރިހާ ފުރުސަތުތަކަށް ޝައްކުގެ ނަޒަރަކުން ބެލުމަކީ ބުއްދިވެރިކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު