އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 16 ސިކުންތު
އުމުރުން އެންމެ 18 އަހަރުގެ ނަވާޝް އިބްރާހިމް މިވަގުތު ދިރިއުޅުމުގެ އެންމެ އުނދަގޫ ދުވަސްތަކެއް ގުނަމުންދަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގެ ތެރޭގައެވެ. އޭނާގެ ބޭސްފަރުވާއަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާއިރު، އޭނާގެ އާއިލާއަކީވެސް މާލީގޮތުން ވަރަށް ދަތި ހާލެއްގައި ދިރިއުޅެމުންދާ އާއިލާއެކެވެ. މިދަނޑިވަޅުގައި ނަވާޝްގެ ފަރުވާއަށް ދިވެހިރާއްޖޭގެ ދީލަތި ރައްޔިތުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެއެވެ.
ނަވާޝް އިބްރާހިމްގެ ހާލަތު މިވަގުތު ވަރަށް ނާޒުކުއެވެ. މިދިޔަ ރަމަޟާން މަހުގެ ކުރިން ފެށިގެން އޭނާގެ ޖިންސީ ގުނަވަން ދުޅަވާން ފެށި ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ލަދުގެ ސަބަބުން އެކަން އާއިލާއާ ހިއްސާކުރުމަށް ފަސްޖެހުނެވެ. އެހެންކަމުން، މައްސަލަ އިތުރަށް ގޯސްވެ، ބަނޑަށް ތަދުވެ، މުޅި ފައިވެސް ދުޅަވެ، ފަޔަށްވެސް ތަދުވާން ފެށިއެވެ.
ނަވާޝްގެ ހާލަތު އިތުރަށް ގޯސްވެ، ކެތްނުވާ ހިސާބަށް ދިޔުމުން، އޭނާ ވަނީ އާއިލާއަށް މިކަން ހާމަކޮށްފައެވެ. އޭގެ ފަހުން ޑޮކްޓަރަށް ދެއްކުމުން، ސީޓީ ސްކޭނެއް ހެދުމަށް ލަފާދެއްވިއެވެ. ސީޓީ ސްކޭނުން ދައްކާގޮތުގައި ޖިންސީ ގުނަވަނުގެ ތިރީ ބައި ހުރީ ދުޅަވެފައެވެ. ޑޮކްޓަރުންގެ ލަފާގައި މިއީ ކެންސަރު ކަމަށް ބެލެވޭ ކަމަށާއި، ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ފަރުވާ ހޯދުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.
ނަވާޝްގެ އާއިލާގެ ހާލަތަށް ބަލާއިރު، އޭނާގެ މަންމައަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން ބޭސް ބޭނުންކުރަމުންދާ މީހެކެވެ. އަދި ބައްޕައަކީ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ، މަސައްކަތް ނުކުރެވޭ މީހެކެވެ. މިހާލަތުގައި އާއިލާގެ އެންމެހައި ޒިންމާތައް އުފުލަމުންދަނީ ނަވާޝްގެ ދޮންބެއެވެ. މީގެ އިތުރުން، އާއިލާގައި ކިޔަވާ އެހެން ކުއްޖަކުވެސް ހުރެއެވެ.
ނަވާޝްއަށް އާސަންދައިގެ ޚިދުމަތް ލިބުނުނަމަވެސް، އިންޑިއާއަށް ގޮސް ބޭސްފަރުވާ ކުރުމަށާއި އެހެނިހެން ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އާއިލާއަށް ދަތިވެފައިވެއެވެ.
ނަވާޝްއަށް މިވަގުތު އިންޑިއާގެ ހޮސްޕިޓަލެއްގައި ކީމޯތެރަޕީ ދެމުންދާތާ ތިންމަސް ވެއްޖެއެވެ. މިހާރު ދެމުންދަނީ ކީމޯގެ ވަރަށް ކުޑަ ޑޯޒެކެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ދެން އޮތީ ހައިޑޯޒުގެ ކީމޯ ދިނުމެވެ. އޮޕަރޭޝަނަކާ ހަމައަށް ދެވޭނީ ފަސް މަސް ދުވަހު ކީމޯ ދިނުމަށްފަހުއެވެ. ބޭސްފަރުވާ ނިންމާލުމަށްފަހު އެނބުރި މާލެ އާދެވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.
"21 ދުވަހުން 21 ދުވަހުން ޖެހޭ ކީމޯ ހަދަން. އޭނާގެ އެބަހުރި އޮޕަރޭޝަންތަކެއް ކުރަން ބައިވަރު. ބަޑުގައި ހުރި ޓިއުމަރުތައް މިހާރު ނަގާ ވާހަކަ ޑޮކްޓަރު ދައްކަނީ. ފަސް ފަހަރު ކީމޯ ދީފައި އެ އޮޕަރޭޝަން ކުރާނީ. މިހާރު ކީމޯ ދެނީ. އަދި ތިން ބުރަށް ކީމޯ އެދިނީ. ޑޮކްޓަރު ވިދާޅުވީ ވެދާނެއޯ އަހަރެއްވަރުވެސް މިކޮޅުގައި މަޑުކުރަން ޖެހިދާނެއޭ. ރާއްޖެއިން ކީމޯ ނަގަން ޑޮކްޓަރުން އެއްބަސްނުވޭ. އޭނާގެ ހަށިގަނޑުން ލލޭގެ މާއްދާއެއް ދަށްވަނީ ކީމޯ ދިނީމާ. އެހެންވީމާ އޭނާއަށް ފުރުޓާ އެއްޗެހި ގިނައިން އަންނާރު ކާންދޭން ޖެހޭ. ކޮންމެ މަހަކުވެސް 48000 ރުފިޔާ ކޮންމެ މަހަކު ކެއުމަށާއި ހުރުމަށާއި ދެން އެހެނިހެން ހަރަދަށް ދޭ. އިންޑިއާގައި ތިބޭތާ މިހާރު ތިންމަސްވެއްޖެ." އާއިލާގެ ފަރާތުން އަޒީޒާ (ނަވާޝްގެ ބޮޑުދައިތަ) ކިޔައިދިނެވެ.
އިންޑިއާގައި ތިބޭއިރު، ގޭގެ ރެންޓާއި، ކެއިން ބުއިމަށް އެކަނި މަހަކު 48،000 އިންޑިއާ ރުޕީސް އަރާ ކަމަށް އާއިލާއިން ބުނެއެވެ. ނަވާޝްއަށް ވީހާވެސް ގިނައިން ތަރުކާރީއާ މޭވާ ކާން ދިނުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ އޭނާގެ ކެއުން ބަލަހައްޓައި ބޭނުންވާ ހަރަދުތަކަށް އާއިލާއިން ބޭނުންވަނީ ދީލަތި އެހީއެކެވެ.
ނަވާޝްއާ އެކީ އިންޑިއާގައި ހުރީ އޭނާގެ ދޮންބެއެވެ. އެ ބޭބެއަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެކެވެ. ނަވާޝް ގޮވައިގެން ބޭސްފަރުވާއަށް އިންޑިއާއަށް ދާން ޗުއްޓީ ނެގިނަމަވެސް ޗުއްޓީ ހަމަވިއިރުވެސް ނަވާޝް ދޫކޮށްލަން ޑޮކްޓަރުން ބޭނުން ނުވާތީ މިހާރުވެސް އެދެބެއިން ތިބީ އންޑިއާގައެވެ. އެހެންކަމުނ ނޯޕޭއަށް އެދުމުން، ވަޒީފާ ދިން ފަރާތުން ނޯޕޭ ނުދީ ނަވާޝްގެ ދޮންބެ ވަޒީފާއިން ކަނޑާލީއެވެ. ނަވާޝްގެ ބައްޕައަކީ ބަލި މީހެކެވެ. އަދި ނަވާޝްގެ ކޮއްކޮއަށް ކިޔަވައިދެމުން އައީވެސް އެ ބޭބެއެވެ. އެހެންނަމަވެސް، ބޭބެގެ ވަޒީފާ ގެއްލުމުން އާއިލާގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ނަވާޝްގެ ބައްޕައަށް ކާންދީ ބަލަހައްޓަނީވެސް މިހާރު އާއިލާގެ އެހެން މީހުންނެވެ.
ކުޅަދާނަވެގެންވާ މިންވަރަކުން ނަވާޝްއަށް އެހީތެރިވުމަކީ ވަރަށް ހެޔޮ އަދި ދަރުމަވެރި ޢަމަލެކެވެ. އުމުރުން ހަމައެކަނި 18 އަހަރުގެ ޒުވާނެއްގެ ގޮތުގައި، އޭނާގެ މުސްތަޤުބަލު އަދި ދިރިއުޅުމުގެ ފެހި ދުވަސްތައް ކުރިއަށް އޮތްއިރު، މިފަދަ ބައްޔަކާ ކުރިމަތިލާން ޖެހުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ. އެހެންކަމުން، އޭނާގެ ފަރުވާއަށް އެހީތެރިވެދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންވެސް ވަރަށް މުހިންމު ކަމެކެވެ.
ނަވާޝްގެ ފަރުވާއަށް އެހީތެރިވުމަށް:
ގުޅޭނެ ނަންބަރު: 7740923 އަޒީޒާ މުހައްމަދު
ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރު: 7705326850101
ބީއެމްއެލް ޑޮލަރު އެކައުންޓު ނަންބަރު: 7730000229678
ކޮންމެ މިންވަރެއްގެ އެހީއެއް ނަމަވެސް، ނަވާޝްގެ ފަރުވާއަށް އެހީތެރިވެދިނުމަކީ އޭނާގެ ފަރުވާއަށާއި އާއިލާއަށް ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމެކެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެހީތެރިވުމަކީ މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ ރަމްޒެކެވެ.
ނަވާޝްގެ ފަރުވާއަށް އެހީތެރިވެދިނުމަކީ އޭނާގެ ފަރުވާއަށާއި، އާއިލާއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމުގައެވެ. އަދި މިފަދަ ހެޔޮ ޢަމަލަކުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ނަވާޝްއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ. އާމީން.
Advertisement
28 ޖޫން 2025