އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޕޯޓް ނެރުނު މީހުން ފުރައިފި ކަމަށް ހަދާ މައްސަލަ ނިންމައެއް ނުލެވޭނެ!- ﷲ ގެ ކޯފާ އަރާހަމަކުރާނެ!

ރިޕޯޓް ނެރުނު މީހުން ފުރައިފި ކަމަށް ހަދާ މައްސަލަ ނިންމައެއް ނުލެވޭނެ!- ﷲ ގެ ކޯފާ އަރާހަމަކުރާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 37 ސިކުންތު

"ރިޕޯޓް ނެރުނު މީހުން މިހާރު ރާއްޖެއަކު ނެތް. ފައުންޑަރުން ޒިންމާވާކަށް ނުޖެހޭނެ. މެނޭޖްމަންޓް އޮތީ ބަދަލުވެފަ. ޝަހިންދާ ޒިންމާއެއް ނުނަގާނެ!" މިއީ މިރޭ މިއަދުނޫހަށް މައުލޫމާތު ދިން އެމްޑީއެންގެ މެންބަރަކު ދެއްކި ބައެއް ވާހަކައެވެ. 

އޮހޮހޯ! އެހެން އެހައި ފަސޭހައަކުން ނުނިންމޭނެއެވެ! އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) ފުރައްސާރަކޮށް ބަދުބަސް ބުނުމުގެ އިތުރުން އިސްލާމް ދީނުގެ އަސްލަށް އިންކާރުކޮށްފައިވާ ރިޕޯޓް ޢާންމުންނަށް ދެއްކުމުގެ ޒިންމާ، މަޤާމުގެ ދިފާޢުގައި އިސްތިއުފާދިން ޗެއާޕާސަނަށްވެސް ޖެހޭނީ އުފުލާށެވެ! 

ޤައުމުގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރީގެ ވެރިކަމުން ކުރަމުން އައި ނުރަނގަޅު ކަންކަން ކުރުން ނުހުއްޓުވާ ނަމަ ބޯދަމައެއް ނުގަނެވޭނެއެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެހޭނީ ކުރީގެ ވެރިކަމުން ކުރަމުން އައި ނުރަނގަޅު ކަންކަން ހުއްޓުވާށެވެ! ނޫންނަމަ ޖެހޭނީ އެކަމުގެ ޒިންމާ އުފުލާށެވެ! 

ޗެއާޕާސަންކަމާއި ހަވާލުވިއިރު ޖަމިއްޔާއިން ޢާންމުންނަށް ދައްކަން ހާމަކޮށްފައި އޮތް ރިޕޯޓަކީ ޤާނޫނު ތަކާއި ޚިލާފް ރިޕޯޓެއް ނަމަ އެ ރިޕޯޓް ވަގުތުން ނެގުމަކީ ޗެއާޕާސަންގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ހެދޭނެ އެއްވެސް ޤާނޫނީ ޙުއްޖަތެއް ނުދެއްކޭނެއެވެ. 

ދެން އޮތީ ފައުންޑަރ މެންބަރު ޝަހިންދާގެ މައްސަލައެވެ. މިއަހަރު މެއި މަހު ބޭރުގެ މީޑިއާތަކަށް ދިންކަމަށް މިހައިތަނަށް ސޯޝަލް މީޑިއާގައި އެމްވީ ކަރައިސަސް އިން ހާމަކޮށްފައިވާ ވީޑިއޯތަކުންވެސް އެ ރިޕޯޓަކީ ސީދާ ޝަހިންދާގެ ވިސްނުމުގައި ހާމަކޮށްފައިވާ ރިޕޯޓެއްކަން ވީޑިއޯ ބެލި ދިވެހި ފުލުހުންނަށްވެސް އޮޅިފައެއް ނުވާނެއެވެ. ފުލުހުން ގެންދަނީ ސޯޝަލް މީޑިއާ ވަރަށް ރަނގަޅަށް ދިރާސާކުރަމުންނެވެ. ވީމާ އެ ވީޑިއޯތައްވެސް ދިވެހި ފުލުހުންނަށް ނުލިބި ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 

ހަމަ އެއާއިއެކު އެމްޑީއެންގެ ރިޕޯޓް ނެރުނީ ނެރުނީ 2015 ވަނަ އަހަރު ނަމަވެސް އަދި 2016 ވަނަ އަހަރު ނަމަވެސް ފުރަތަމަ ނެރުނު 30 ޞަފްޙާގެ ރިޕޯޓް 125 އަށް ބޮޑުކުރީ އެކިފަހަރު މަތިންކަން މިހާރު ވަނީ ހާމަވެފައެވެ. ރައްޔިތުން މިހާރުގެ ރައީސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމަށް އިންތިޚާބުކުރީ 23 ސެޕްޓެންބަރު 2018 ގައެވެ. އެހިސާބުން ތިމަންނަމެންނަށް ހުރިހާ ބާރުތަކެއް ލިބުނީ ކމަށް ބަލައި އެއިގެ 4 ދުވަސް ފަހުން ސެޕްޓެމްބަރު 27 ވަނަ ދުވަހުވެސް ރިޕޯޓް ބޮޑުކުރިކަން ވަނީ ހާމަވެފައެވެ. އަދި މިއަހަރުވެސް ރިޕޯޓް ބޮޑުކުރިކަން ވަނީ ހާމަވެފައެވެ. އެހެންކަމުން 2015 ނުވަތަ 2016 ވަނަ އަހަރު އެމްޑީއެން ހިންގަން ތިބި ބައެއްގެ ބޮލުގައި އެކަނި ހުރިހާ ޒިންމާތަކެއް އަޅުވައި މައްސަލަ ނިންމައިލުމަކީ އެއްވެސް ގޮތަކުން ބުއްދިއަށް ޤަބޫލުކުރެވޭނެ އިންޞާފެއް ނޫނެވެ. 

ދީނީ ޢިލްމުވެރިންވެސް އަދި ޢާންމު ރައްޔިތުންވެސް އެދެމުން ދަނީ ހަމަ އެންމެ ކަމަކުއެވެ. މައްސަލަ އިންޞާފުވެރިކަމާއިއެކު ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ޤާނޫނުގައިވާ ފަދައިން ފިޔަވަޅު އަޅައި ދިނުމަށެވެ. ޤާނޫނަށްވުރެ މަތީގައި ހުރުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދިނުމަށެވެ. އަދި އެއްވެސް ޖަމާއަތަކަށް ވިޔަސް ނުދިނުމަށެވެ. 

އެ ރިޕޯޓް އެކުލަވާލަން ޚަރަދުކުރީ ދަބަހަކަށް ނުވަތަ ގޯންޏަކަށް އަޅައިގެން ގެނައި ފައިސާތޯ އާއި ފައިސާ ޖަމާވީ ކޮން އެކައުންޓަކަށްތޯ އާއި ޚަރަދުކުރީ ކާކުގެ ހުއްދައަކަށްކަންވެސް ޖެހޭނީ ހަމަ ބެލޭށެވެ! ގޯންޏަކަށް އަޅައިގެން ގެނެސް އަންބޮނޑިއަށް އަޅައިގެން ބެހިނަމަ އެކަން ކުރި މީހަކުވެސް ހޯދެން ޖެހޭނެއެވެ. 

ދިވެހިން އެންމެ ބޮޑަށް ކަންބޮޑުވި އެއް ކަމަކީ ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ހާދިސާއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހުން ރާއްޖެއިން ފުރައިފިކަމުގެ ވާހަކަތައް ދެކެވި އެހިސާބުން އެކަމުގެ ވާހަކަތައް ނިންމައިލި ފަދައިން އެމްޑީއެންގެ ރިޕޯޓު ޝާއިޢުކުރި މީހުން އެކަން ކޮށްފައި ރާއްޖެއިން ފުރައިފި ކަމަށް ހަދައި މައްސަލަ ވަޅުލަން ވިސްނަނީ ހެއްޔެވެ؟ 

މަކަރުވެރިންގެ މަކަރުވެރި ރޭވުންތައް މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވާ ފަދައިން މާތް ﷲ ގެ ކޯފާ އާއި ޢަޛާބް މާބާރުގަދަވެފައި މާވަރުގަދަވާނެއެވެ. ދުނިޔޭގެ މާޒީން ދަނީ އެކަމުގެ ހެކިތައް އަބަދުވެސް ފެންނަމުންނެވެ. ރާއްޖެއިން ވެސް ދަނީ ފެންނަމުންނެވެ. ފައިދާކުރާނީ ކަންކަމަށް ވިސްނައި ޢިބްރަތް ޙާޞިލުކުރާ ބައަކަށެވެ. 

ޔަޤީންކުރަންޖެހޭ ކަމަކީ ވެރިކަމާއި ބާރު ދެއްވަވަނީ ﷲ ތަޢާލާ ކަމެވެ. ކިތަންމެ ވަރަކަށް މަޅިފަތިލައި ބަގުޑި ބައްދައިގެން ތިބި ނަމަވެސް ގެންދަވަންވުމުން ހަމަ ވަގުތުން ގެންދަވާނެ ކަމެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް