އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އެހެނަސް" ގެ ސަބަބުން ވަރަށް ގިނަ ކަންކަން ދަސްވެ، ދިރިއުޅުމަށް ރަނގަޅު ބަދަލެއް އައިސްފި: ރޯމަން

"އެހެނަސް" ގެ ސަބަބުން ވަރަށް ގިނަ ކަންކަން ދަސްވެ، ދިރިއުޅުމަށް ރަނގަޅު ބަދަލެއް އައިސްފި: ރޯމަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 43 ސިކުންތު

ގިނަ މީހުން ދެކޭ ގޮތުގައި އެކްޓު ކުރުމަކީ މީހާގެ ދިރިއުޅުން ހަލާކުވެ، މީހުން ނުބައި މަގުން އެޅިގެންދާނެ ކަމެކެވެ. ނަމަވެސް މިއީ ތެދެއް ނޫންކަން މިކަމުގައި އުޅޭ ގިނަ މީހުންނަށް އެނގެއެވެ. އެކްޓިންގެ ސަބަބުން ދިރިއުޅުމުގައި ރަނގަޅު އާދަކާދަ ދަސްވާ މީހުންވެސް މަދެއް ނޫނެވެ.

އެކްޓިންގެ ސަބަބުން މިފަދަ ހެޔޮ ބަދަލެއް އައި އެކަކީ ބައިސްކޯފުން ދައްކަމުން އަންނަ ކާމިޔާބު ވެބްސީރީޒްގެ ލީޑް އެކްޓާ މުޙައްމަދު ވިޝާލު (ރޯމަން) އެވެ.

"މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި ރޯމަން ބުނެފައިވަނީ "އެހެނަސް" ކުޅެން ފެށިފަހުން ވަރަށް ގިނަ ރަނގަޅު ކަންކަން ދަސްވެއްޖެކަމާއި ދިރިއުޅުމަށް ރަނގަޅު ހެޔޮ ބަދަލެއްވެސް އައިސްފި ކަމަށެވެ.

"އެހެނަސް ސީރީޒްގެ ސަބަބުން ވަރަށް ބޮޑު ޗޭންޖެއް އައި އަސްލު ލައިފްއަށް. ނޭނގިވެސް ކުރިން ރޯމަން އަށްވެސް ހުރީ މީހުންނަށް ބުލީ ކުރެވިފަ. ކޮންމެ މީހަކަށްވެސް ހުންނާނެ ކަންނޭނގެ އަސްލު ކޮންމެވެސް މީހަކަށް ކޮންމެވެސް ކަމެއް ކުރެވިފަ ދޯ. އެގޮތަށް ރޯމަން އަށް ވެސް ކުރެވުން. މިހާރު އެކަމަކު އެކަންކަން ނުކުރަން އެއްގޮތަކަށްވެސް. މިހާރު ދަސްވެއްޖެ ކިތަންމެ ކުޑަ އެއްޗެއްވެސް އެއީ ހަމަ ބުލީއަށް ވެދާނެކަން. އޭގެ އިތުރުން 'އެހެނަސް' ގެ ސަބަބުން ރޯމަން އަށް ދަސްވެއްޖެ ކަންކަމާއި ކެތްތެރިވާންވެސް. މިބުނީ ކުރިން މީހުން ރޯމަން އަށް ބުލީ ކޮށްފަ، ނޫނީ ރޯމަން ހަދާ ޓިކްޓޮކް އަށް ފާޑުކިޔާފަ ބޭއަދަބީކޮށް ކޮމެންޓެއް ކުރީމަ، ހުންނާނެ އެމީހުންނަށް ހަމައެގޮތަށް ރައްދު ދެވިދަ. އެކަމަކު މިހާރު ދަސްވެއްޖެ މީހުން އެހެން ކިޔާ އެއްޗިއްސަށް ރައްދު ނުދީ އަޅާނުލަން. އަދި މީހުންނާއި ރީތިކޮށް މުއާމަލާތްކޮށް ހަމަޖެހިލައިގެން ހުންނަންވެސް ދަސްވެއްޖެ" ރޯމަން ބުންޏެވެ.

އެކްޓިންގެ ދާއިރާއިން ރޯމަން އެންމެ ފުރަތަމަ ފެނިފައިވަނީ މަލީހާ ވަހީދު އާއި އެއްކޮށް ވީޑިއޯ ލަވައަކުންނެވެ. އެއަށްފަހު އޭނާގެ ނަން އެންމެ ވިދާލީ ޓިކްޓޮކް އިންނެވެ. ޓިކްޓޮކްގައި އޭނާ ހަދާ ތަފާތު މޮޅު ވީޑިއޯތަކުގެ ސަބަބުން ގިނަ ބައެއްގެ ތަރުހީބު ރޯމަން އަށް ލިބި އޭނާގެ އެކްޓު ކުރުމުގެ ހުނަރު ގިނަ ބަޔަކަށް ފާހަގަވިއެވެ.

"އެކްޓު ކުރަން ފެށުނީ އަސްލު އެކަމަށް ހަމަ ޝައުޤުވެރިކަން ހުންނާތީ އަބަދުވެސް. އަނެއްހެން ވަކި މީހަކަށް އިންސްޕަޔަރވެ އެކަހަލަ ކަމެއް ވެގެނެއް ނޫން. އެކަމަކު އަބަދުވެސް ވަރަށް ކުރާހިތްވި ކަމެއް އެކްޓު ކުރުމަކީ. އެހެނަސް ގަ 'ނިޔާ' ގެ ރޯލު ލިބުނީ ރިޝްމީ އާއި އިޤްބާލް ރޯމަން އާއި ވާހަކަ ދައްކައިގެން އޯޑިޝަން ކޮށްގެން. އޮޑިޝަން ކުރީވެސް ހަމަ ނިޔާގެ ރޯލަށް." އެކްޓު ކުރަން އިންސްޕަޔާވި ގޮތާއި "އެހެނަސް" އިން ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން ރޯމަން ބުންޏެވެ.

ރޯމަން ބުނިގޮތުގައި "އެހެނަސް" ސީރީޒަކީ ކޮންކަހަލަ ވާހަކައެއްގެ މައްޗަށް ބިނާކުރާ ސީރީޒެއްކަން އެނގުމުން އޭނާ އިތުރަށް އެރޯލު ކުޅޭ ހިތްވިއެވެ. އެއީ ހަނގާ ކުރުމާއި ދެކޮޅަށް އަޑުއުފުލާފައިވާ ސީރީޒަކަށްވެ، އެފަދަ ކަންކަމާއި ކުރިމަތިލާ މީހެއްގެ ދިރިއުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ފިލްމެއްކަމުން ރޯމަން "ނިޔާ" ގެ ރޯލަށް ބޮޑަށް ހިތްޖެހުނެވެ. ރާއްޖޭގައިވެސް ބުލީ ކުރުމަކީ އާއްމުކަމަކަށް މިހާރު ވެފައިވާއިރު، އެފަދަ ކަމެއް ކުރިމަތިވާނަމަ އެކަމާއި ހަނު ނުހުރެ އަމިއްލައަށް އިސްވެ ތެދުވުމަށާއި ބުލީ ކުރުން ހުއްޓުވޭނީ އެކަން ހުއްޓާލުމުން ކަމަށް ވެސް ރޯމަން ބުންޏެވެ.

"އެހެނަސް" ގެ ފުރަތަމަ ސީޒަން ނިމި ދެވަނަ ސީޒަންގެ މަސައްކަތް މިހާރު ފެށިފައިވާއިރު، ރޯމަން ބުނީ ފުރަތަމަ ސީޒަން އާއިމެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޭނާގެ ފަރާތުން ރަނގަޅު ކުރަންޖެހޭ ކަންކަންވެސް ފެނިފައިވާ ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ ފުރަތަމަ ސީޒަން އާއިމެދު. ދެން ރޯމަންގެ އެކްޓިންގުން ރަނގަޅު ކޮށްލަންޖެހޭ ކަންކަން ވެސް ފެނުން. އެކަންކަން މިދެވަނަ ސީޒަންގަ ރަނގަޅު ކޮށްލާނަން އިރާދަކުރެއްވިއްޔާ. ފުރަތަމަ މިސީރީޒްގެ ޓީޒަރ އާއި ޓްރެއިލާ ނެރުންއިރު ގިނައިން ލިބުނީ ނެގަޓިވް ކޮމެންޓްސް. އެއީ ވެދާނެ މީހުންނަށް މިއީ ކޮންކަހަލަ ސީރީޒެއްކަން ފުރަތަމަ ނޭނގުނީމަ ކަމަށް ވެސް. އެކަމަކު 'އެހެނަސް' ނިކުތްފަހުން ހަމަ ގިނައިން ލިބުނީ ޕޮޒިޓިވް ފީޑްބެކް. މިއީ އެމީހުން ހީކުރި ކަހަލަ ސީރީޒެއް ނޫންކަން އެނގުނީމަވެސް މީހުން ވަރަށް ހިތްހަމަޖެހޭ ވާހަކަ ބުނި" ރޯމަން ބުންޏެވެ.

ކޮންމެހެނަކަސް "ނިޔާ" ގެ ރޯލަކީ ގިނަ ބަޔަކަށް ހަމަ ވަރަށް ކަމުދިޔަ ރޯލެކެވެ. އެރޯލު އަދާ ކުރާ ރޯމަން އަށް، "އެހެނަސް" ސީރީޒުން އެނޫން ކެރެކްޓާ އެއް ކުޅެން މިސާލަކަށް ލިބުންނަމަ ކުޅޭނީ ކޮން ކެރެކްޓާ އެއްތޯ އެހުމުން އޭނާ ބުނީ "ހަމިއްޓެގެ ރޯލު" ކަމަށެވެ.

"ނިޔާގެ ރޯލު ނުލިބުންނަމަ، ނުވަތަ މިސާލަކަށް އެހެން ރޯލެއް ކުޅެން ފުރުސަތު ލިބުންނަމަ، ކުޅޭނީ ހަމިއްޓެ ގެ ރޯލު. އެއީ ރޯމަން ދެކޭގޮތުގަ އެހެނަސް ސީރީޒްގަ ހަމިއްޓެގެ ރޯލުވެސް ވަރަށް ތަފާތުވެފަ ޕަވަފުލް. އެހާމެ ވާދަވެރި ކެރެކްޓާ އެއް އެއީ. އެހެންވެ ނިޔާގެ ރޯލު ނުލިބުންނަމަ ކުޅެން ބޭނުންވާނީ ހަމިއްޓެގެ ރޯލު. ޔުނާން ވަރަށް ފުރިހަމައަށް އެރޯލު ކުޅެފަ ހުރީވެސް" ރޯމަން ބުންޏެވެ.

އައިކިޔު ޕްރޮޑަކްޝަންސް އާއި ބައިސްކޯފް ގުޅިގެން އުފައްދާފައިވާ "އެހެނަސް" މިސީރީޒަކީ މައްޝޫރު ވާހަކަ ލިޔުންތެރިތާ އަހްމަދު އިޤްބާލު (އައިކިޔު) ގެ ކާމިޔާބު ވާހަކައެއް ކަމަށްވާ "އެހެނަސް ހަމަ ލޯބިވެޔޭ" ގެ މައްޗަށް ބިނާ ކޮށްފައިވާ ސީރީޒެކެވެ. ޖުމްލަ 20 އެޕިސޯޑާއެކު ދެ ސީޒަނަކަށް ބަހާލެވިފައިވާ މިސީރީޒްގެ ދެވަނަ ސީޒަން ބެލުންތެރިންނާއި ހަމައަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

"އެހެނަސް" ވެބް ސީރީޒްގެ ޑައިރެކްޓަރަކީ ކުޅަދާނަ އެކްޓަރ/ޑައިރެކްޓާ ރަވީ ފާރޫޤް އެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ