އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޯނުން ފައިސާ ޓްރާންސްފާ ކޮށްފައިވަނީ އަޅުގަނޑުގެ ތަސައްރަފު ނުފުދޭ ދެދަރިން: އަލީ ހަމީދު

ފޯނުން ފައިސާ ޓްރާންސްފާ ކޮށްފައިވަނީ އަޅުގަނޑުގެ ތަސައްރަފު ނުފުދޭ ދެދަރިން: އަލީ ހަމީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 0 ސިކުންތު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އައްއުސްތާޛު ޢަލީ ޙަމީދުގެ މައްޗަށް ދައުލަތުން މީގެ އެއް އަހަރަށްވުރެ ގިނަ ދުވަސް ކުރިން އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުންތައް ގިނަ ދުވަސްތަކެއް ފަހުން އަލުން ފަށައިފިއެވެ.

މި މައްސަލައަކީ ޢަލީ ހަމީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވިދުވަސްވަރު އެކޯޓުން ދީފައިވާ މޯބައިލްފޯނު ނަމްބަރަކުން ޢަލީ ހަމީދުގެ ދެދަރިންނަށް ފައިސާ ޓްރާންސްފަރ ކުރި މައްސަލާގައި ދައުލަތުން އުފުލި ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ މައްސަލައެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ އަޑުއެހުން ބޭއްވީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށްފަހު ޢަލީ ހަމީދު ހައްޔަރު ކޮށްފައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 28ވަނަ ދުވަހުއެވެ. އޭގެ ފަހުން ފާއިތުވި ދޮޅުއަހަރު ދުވަހުގެ ތެރޭގައިވެސް އަޑުއެހުމެއް ނުބާއްވާ އޮތުމަށްފަހު ވަކީލަކާއެކު މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދިފާޢީ ވަކީލާއި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަޙްމަދު ހައިލަމްވަނީ ދައުވާ އަލުން އުފުލި ގޮތާއި ދައުވާ ކުރިއަށް ގެންދިއުމާގުޅޭ ގޮތުން ގިނަ ކަންކަން ސާފުކުރައްވައި، ގިނަ ސުވާލުތަކެއް ދައުލަތުގެ ވަކީލުންނާ އަމާޒު ކުރައްވާފައެވެ.

ޢަލީ ޙަމީދު ވިދާޅުވީ މިމައްސަލާގައި ލިޔުންތައްވެސް ނެތް ކަމަށާއި އޭރު އެމައްސަލައިގެ ލިޔުންތައްހުރީ ވަކީލު އަތުގައި ކަމަށެވެ. މިމައްސަލާގައި ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގެންނެވި ހަސަން ވަހީދުވަނީ މައްސަލައިގެ ލިޔެކިޔުންތައް ދެއްވުމަށާއި މީގެ ކުރިން ދައުވާކޮށްފައިވާނަމަ އެދައުވާ އަނބުރާ ގެންދިޔައީ ކީއްވެކަން ސާފުކޮށްދޭން އެދިފައެވެ. އަދި ދައުވާ އަލުން އިއްވައި ދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ދައުލަތުން އުުފުލި ދައުވާގައި ބުނެފައިވަނީ ސުޕްރމް ކޯޓުން ދީފައިވާ މޯބައިލްފޯން މެދުވެރިކޮށް ޢަލީ ޙަމީދު އޭނާގެ ދެދަރިންނަށް ފައިސާ ފޮނުވަމުން ދިޔަކަން އެނގިވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ މުވައްޒަފަކަށް ކަމަށާ، އެކަން އެނގިގެން އެކަން އެގޮތައް ނުކުރަން އެންގުމުންވެސް ތަކުރާރުކޮށް އެކަން ކޮށްފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ މޯބައިލްފޯނު ނަމްބަރުން 2223 ރުފިޔާ އެހެން ފޯނުތަކަށް ޓްރާންސްފަރކޮށްފައިވާކަމަށް ކޮރަޕްޝަން ހުއްޓުވުން މަނާކުރުމުގެ ގާނޫނު ދަށުން ކޮށްފައިވާ އެ ދައުވާގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް އެ ދައުވާއަށް ޖަވާބު ދާރީވަމުން ޢަލީ ހަމީދު ވިދާޅުވީ ދައުވާގައި ބުނާ އެއްޗެއް ވަރަށް ބޮޑަށް ސާފުވެވަޑައިގެންފިކަމަށެވެ. ނަމަވެސް ކަން ހިނގާފައިވަނީ އެގޮތައް ނޫން ކަމަށާއި ސުޕްރީމް ކޯޓުން މޯބައިލްފޯނު ދީފައި އޮތް ނަމަވެސް އެމަނިކުފާނު ބޭނުން ކުރައްވަމުން ގެންދެވީ އަމިއްލަ ފޯނެއް ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ މޯބައިލްނަމްބަރުން އެމަނިކުފާނުގެ ދެދަރިންގެ ފޯނަށް ފައިސާ ޓްރާންފަރކޮށްފައި އެވަނީ އެމަނިކުފާނުގެ ތަސައްރަފު ނުފުދޭ ދެދަރިން ކުދިންގެ ބައްޕަގެ ފޯނުކަމަށް ދެކިގެން ފޯނު ގޭގައި ބާއްވާފައި އޮއްވާ އެކުދިން އަމިއްލައަށް ކަމަށް ޢަލީ ޙަމީދު ވިދާޅުވިއެވެ. އަދި އެގޮތައް އެމަނިކުފާނުގެ ދަރިން މަންމަގެ ފޯނުންނާއި ދައްތަގެ ފޯނުންވެސް އެގޮތައް ފައިސާ ޓްރާންފަރކޮށްފައި ހުންނަކަމަށް ޢަލީ ހަމީދު ވިދާޅުވިއެވެ. އެ ފޯނުން ފައިސާ ޓްރާންސްފަރކޮށްފައިވާ ކަން އެނގުނީ ކޯޓުގެ މުވައްޒަފަކު ފޯނު ބިލްތައް އައުމުން އެ ވާހަކަ ބުނުމުން ކަމަށާއި އެކަން އެނގުމާއެކު އެފައިސާ އަމިއްލައަށް ދައްކާފައިވާނެކަމަށް ޢަލީ ހަމީދު ވިދާޅުވިއެވެ. އަދި އޭސީސީ އިން އެމައްސަލައިގައި ސުވާލު ކުރިއިރު ވެސް އެފައިސާ އޮންނާނީ ދައްކާފައިކަމަށް އަލީ ހަމީދު ވިދާޅުވިއެވެ. އެކަން ހިނގާފައިވަނީ 2010ވަނަ އަހަރާއި 2011ވަނަ އަހަރުގެ ތެރޭގައެވެ.

ނަމަވެސް ޝަރީއަތުގައި ދައުލަތުގެ ވަކީލުންގެ ވާހަކަތަކުން އެނގުނީ މި މައްސަލައިގައި އެންމެ ފުރަތަމަ އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 31 މެއި 2015ގައި ކަމެވެ. އެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ އެ މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލައި އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. އެހެންވެ 5 ސެޕްޓެމްބަރު 2016ގައި އެ ދައުވާ އަނބުރައި ފޮނުވާލިއެވެ. އެހެންވެ ދައުލަތުގެ ވަކީލުން ވިދާޅުވީ އެމައްސަލަ އަނބުރާ ފޮނުވާލާފައިވާކަން އެމައްސަލަ ތަހްގީގުކުރި އޭސީސީއަށް އެންގިކަމަށެވެ.

ނަމަވެސް ދެވަނަ ފަހަރަށް އެދައުވާ ކުރީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޢަލީ ހަމީދު ހައްޔަރުކުރުމަށް ފަހުއެވެ. އެފަހަރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމީ އެމައްސަލަ ބެލޭނެކަމަށެވެ. އެހެންވެ މައްސަލަ ބަލައިގަތުމަށް ނިންމައި އިބްތިދާއީ ފުރަތަމަ އަޑުއެހުން މާރޗްމަހު ބޭއްވިއެވެ.

މިކަންކަމާ ގުޅިގެން އަލީ ހަމީދުގެ ދިފާއީ ވަކީލު ވަނީ މައްސަލަ ފޮނުވާލުމުން އޭގެ ދޮޅުއަހަރު ފަހުން އަލުން ދައުވާކޮށްފައިވާތީ އެމައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ދައުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތާމެދު ވެސް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވިއިރު ޤާނޫނުލް އުގޫބާތާއި ޖިނާއީ އިޖްރާއަތުގެ ގާނޫނު ވެސް އޭގެ ފަހުން އައުމުން އެ ދައުވާކުރަންއޮތް މުއްދަތުވެސް މިހާރު ފަހަނައަޅާގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

މައްސަލަ ބަލައިނުގަތުމަށް ނިންމުމުން އެނިންމުން ދައުލަތުން އިސްތިއުނާފު ނުކުރީ ކީއްވެގެންތޯ އާއި ކްރިމިނަލް ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން އެކަން އޭސީސީއަށް އެންގިއިރު އަލުން ދައުވާ ކުރުމާމެދު ޕީޖީ ގޮތެއް ނިންމާފައިނުވަނީ ކީއްވެގެންތޯ ތަކުރާރުކޮށް ޝަރީއަތުން ސާފުކުރިއެވެ. އަދި އަލުން ދައުވާކުރީ އާ ހެކިތަކެއް ލިބިގެންތޯ ސުވާލުކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އަލަށް އެއްވެސް ހެއްކެތް ހުށައަޅާފައިނުވާނެކަމަށެވެ. އެހެން ކަމުން ޝަރީއަތުން ނިންމީ މިމައްސަލައިގައި ދައުވާ ލިބޭ ފަރާތުން ބޭނުންވާ ލިޔުންތައް ފޯރުކޮށްދިނުމަށްފަހު ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައަޅަން ފުރުސަތު ދިނުމަށެވެ. ޝަރީއަތް ފެށުމާމެދު ގޮތެއް ނިންމާނީ ދައުވާ ކުރިއަށް ނުގެންދިއުމަށް ހުރި ދިފާއުތައް ހުށައެޅުމުން އެކަމަށް ރިއާޔަތްކުރުމަށްފަހުއެވެ.

އަލީ ހަމީދުގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަމަ 3 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމަށް ނުވަތަ އަރުވާލުމަށް ނުވަތަ ގޭ ބަންދުކުރުމަށް ހުކުމް ކުރެވިދާނެއެވެ.

އެކެއް ފެބްރުއަރީ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަލީ ހަމީދު ހައްޔަރުކުރުމަށްފަހު ދައުލަތުން އުފުލި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެގެން އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ މިދިޔަ މަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ