އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިނަލްއަޤްވާމީ މުޖްތަމައާއި އެކު އަލުން ގުޅުން ޤާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން: ޝާހިދު

ބައިނަލްއަޤްވާމީ މުޖްތަމައާއި އެކު އަލުން ގުޅުން ޤާއިމްކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން: ޝާހިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ބައިނަލްއަޤްވާމީ މުޖްތަމައާއި އެކު އަލުން ގުޅުން ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެންވިދާޅުވީ އަޒަރްބައިޖާންގެ ވެރިރަށް ބާކޫގައި މިހާރު ކުރިއަށްދާ ނަން އެލައިންޑް މޫވްމަންޓް (ނާމް)ގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 18 ވަނަ ސަމިޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މި ސަރުކާރުން ނިމިދިޔަ އަހަރު ވެރިކަމަށް އައުމަށްފަހު ކުރިއަށްގެންދާ ސިޔާސަތުތަކާއި ބެހޭ ގޮތުން އަލިއަޅުއްވާލެއްވިއެވެ. އަދި ނާމްގެ ޤައުމުތަށް ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ މުޖްތަމައާއި އެކު އަލުން ގުޅުން ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމާއި، މޫސުމީ ބަދަލުތައް ފަދަ މައްސަލަތަކަށް ނާމްފަދަ ޖަމްއިއްޔާތަކުން އަހުލުވެރިވާން ޖެހޭކަމަށާއި، މިމައްސަލަތަކަށް ހައްލު ހޯދޭނީ ޤައުމުތައް ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ނެތުމަށް އަމާޒުހިފައިގެންކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ހަމައެއާއިއެކު މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކަށް ޤައުމުތައް ގުޅިގެން ކުރިމަތިލުމާއި ބެހޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ފެނާއި ކާބޯތަކެއްޗާއި، ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ދިވެހިރާއްޖެއިން އަބަދުވެސް އަޑުއުފުލާނެކަމަށާއި، އަވަސް ފިޔަވަޅުތައް އެޅުމަށް ޤައުމުތަކަށް ބާރު އަޅާނެކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެމުންދާ ސިޔާސަތާއި ބެހޭ ގޮތުން ވާހަކަ ދައްކަވައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާޢީދު ތަކުރާރުކުރައްވާފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހުގައި ނާމް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، އެމްބެސެޑަރ އެޓް ލާޖް އަހުމަދު މާހިރުގެ އިތުރުން އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލްއެވެ.

120 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ ނަން-އެލައިންޑް މޫވްމަންޓަކީ އދ ފިޔަވައި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމާޢަތެވެ. ދިވެހިރާއްޖެއިން ނާމްގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ.

މި ސަމިޓްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު