އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމިއްޔަތު ދިރުވަން ބޭނުން ނަމަ ވެލާނާގޭ އިބްރާހީމް ނާޞިރުގެ ނަންފުޅާ ޒުވާނުން ބީރައްޓެހިވި ސަބަބު ދިރާސާކުރަން ޖެހޭ!

ޤައުމިއްޔަތު ދިރުވަން ބޭނުން ނަމަ ވެލާނާގޭ އިބްރާހީމް ނާޞިރުގެ ނަންފުޅާ ޒުވާނުން ބީރައްޓެހިވި ސަބަބު ދިރާސާކުރަން ޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު

މިއަދުގެ ޒުވާނުންގެ މެދުގައި ސުވާލުކޮށްފިނަމަ ގިނަ ޒުވާނުން ފަރިތަވާނީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން އަށެވެ. ބީރައްޓެހިވާނީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރަށެވެ. ނަމަވެސް 1954 ގައި މުޙައްމަދު އަމީންގެ ދައުރު ވަނީ ނިމިފައެވެ. އިބްރާހީމް ނާޞިރުގެ ދައުރު އެމަނިކުފާނު އަމިއްލަފުޅަށް ނިންމަވައިލެއްވީ 11 ނޮވެމްބަރު 1978 ގައެވެ.  

މިކަމާއިމެދު ރާއްޖޭގެ ޔުނިޔަރސިޓީ ތަކުން ވަރަށް ފުންކޮށް ވިސްނަން ޖެހޭނެއެވެ. ދިރާސާކުރަންވެސް ޖެހޭނެއެވެ. ކަމުގެ ބައެއް މާހިރުން ޤަބޫލުފުޅުކުރައްވާ ގޮތުގައި މިކަން މިހެން ވެފައިމިވަނީ 1978 ވަނަ އަހަރު ވެރިކަން ބަދަލުވި ހިސާބުން ފެށިގެން އިބްރާހީމް ނާޞިރުގެ ވާހަކަވެސް ދެއްކުން މުޅިން މަނާކަމަށްވެފައި އޮތުމެވެ. އިބްރާހީމް ނާޞިރުގެ ޚީދުމަތްތަކުގެ ވާހަކަ އެއިރު ދައްކަމުން އައީ މުޙައްމަދު އަމީން އަށާއި މުޙައްމަދު ފަރީދަށް ކްރެޑިޓްދީގެންނެވެ.  

ވިސްނަވައި ލައްވާށެވެ! ދިވެހި ރާއްޖެ އިނގިރޭސިންގެ އަޅުވެތިކަމުން ސަލާމަތްވީ މުޙައްމަދު ފަރީދުގެ މަސައްކަތްޕުޅުން ކަމަށްވެސް ދުވަހާއި ގުޅޭ ރަސްމީ ޖަލްސާގައި ދެއްކި ވާހަކަތައް ޓީވީއެމްގެ ލައިބްރަރީގައި ހުންނަން ޖެހޭނެއެވެ. 

ޖުމްހޫރީ ދުވަސް ފާހަގަކުރަން ހޯމް މިނިސްޓްރީން ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދިވެހި ޖުމްހޫރިއްޔާގެ ދެބާނީން ފާހަގަކުރައްވައި އެބޭފުޅުންގެ ޚިދުމަތަށް ތައުރީފްކުރައްވައިފައެވެ. އެބޭފުޅުންނަޓަކައި ހެޔޮ ދުޢާކުރައްވައިފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، ރާއްޖޭގައި ދެވަނަފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުވިތާ 51 އަހަރު ފުރޭ 52 ވަނަ ޖުމްހޫރީ ދުވަސް. ފުރަތަމަފަހަރަށް ރާއްޖޭގައި ޖުމްހޫރިއްޔަތެއް ޤާއިމުކުރެވުނީ، 1 ޖަނަވަރީ 1953 ގައި ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޒަޢާމަތުގައި.  

މިހާރު ޤާއިމުވެފައި މި އޮތް، ދެވަނަ ޖުމްހޫރިއްޔާ އަޅުގަނޑުމެންނާ ބައްދަލުކުރީ، ސުމުއްވުލް އަމީރް އަލްމަރްޙޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި، 11 ނޮވެންބަރު 1968 ގައި. އެހެންކަމުން، ދިވެހި ޖުމްހޫރިއްޔާގެ ދެ ބާނީން ކަމަށްވާ، ސުމުއްވުލް އަމީރު މުޙައްމަދު އަމީނަށާއި، ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރުގެ ފުރާނަފުޅަށް، ރަޙްމަތް ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ހަޟްރަތުގައި ދުޢާ ދަންނަވަން.  

ކޮންމެ ސަބަބެއް މެދުވެރިގެން ނަމަވެސް، ދައުލަތް ހިންގުމުގެ ނިޒާމު މިވަނީ، ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެފައި. މިއީ ހެޔޮ ބަދަލެއް ކަމުގައި ދެކެންޖެހޭނެ. ކޮންމެއަކަސް ދައުލަތް ހިންގުމުގެ ނިޒާމަށް އެއައި ބަދަލާއެކު، ޤައުމަށް ވަނީ ތަފާތު ކުރިއެރުންތަކެއް ލިބިފައި. ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން މިވަނީ ބޮޑު ތަނުން އިތުރުވެފައި. 

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން، ފުރަތަމަ ޖުމްހޫރިއްޔަތާ ގުޅިގެން މުލީއާގޭ އެޑްރެހުގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ބަސްކޮޅެއް މިރޭ އަޅުގަނޑު ތަކުރާރުކޮށްލާނަން. އެމަނިކުފާނު ވިދާޅުވަނީ؛  

"މިއަދަކީ ދިވެހި ތާރީޚުގެ ވަރަށް ޚާއްޞަ ދައުރެއް، އެއަށްވުރެ ޚާއްޞަ ދައުރަކަށް ބަދަލުވެގެންދާ ދުވަހެކެވެ. އެކަމަކު މިއަދު އަޅުގަނޑުމެންގެ މުޅި މަޤްޞަދަކީ، ފަޚުރާއި އުފާވެރިކަމުގެ ޚިޔާލީ ޖައްވެއްގެ ތެރޭގައި އުދުހުން ކަމުގައި ނުހަދަމާ ހިނގާށެވެ." 

ދެން ވިދާޅުވަނީ؛ "އައުން އެކަށީގެންވާ ފައިދާއަކާއި ލާބައެއް ބިނާވެފައި އޮންނާނީ، ޤައުމުގެ ނަމަށް އަންނަ ބަދަލެއްގެ މައްޗަކަށް ނޫނެވެ. އަންނަ ބަދަލާ ގުޅިގެން، ދިވެހި ދަރިންނަށް ކުރެވެމުންދާ އިތުރު މަސައްކަތެއްގެ މައްޗަށެވެ." 

އާދެ! ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވިގޮތާއި، ބަދަލުވާން މެދުވެރިވި ސަބަބާއި، ފުރަތަމަ ޖުމްހޫރިއްޔާ އެންމެ 7 މަހާއި 26 ދުވަހުގެ ތެރޭގައި ނިމިދިޔަގޮތް އެއީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ދިވެހި ޖުމްހޫރީ ވެރިކަން އަދި ދިވެހި ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން އަދިވެސް އިތުރަށް ދިރާސާ ކުރައްވަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ދެކެން.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް