އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭގައި ނިޔާވީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރި، އަދި އެހެން އެންމެންނަށް ހުރި ރީތި މިސާލެއް!

ރޭގައި ނިޔާވީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރި، އަދި އެހެން އެންމެންނަށް ހުރި ރީތި މިސާލެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

ހުޅުމާލެ ނިރޮޅު މަގުން، ބްރިޖަށް އަރާ ހިސާބުގައި އެމްޓީސީސީގެ ބަހަކުން ޖެހި ރޭގައި ހިނގި ނުރައްކަތެރި އެކްސިޑެންޓުގައި މިދުނިޔެއިން ވަކިވެގެން ދިޔަ ފާތިމަތު އަންޖުމަން ޝަފީގް (13އ.) އަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދި އެހެން އެންމެންނަށް ހުރި ރީތި މިސާލެކެވެ.

"އަންޖުމް" ގެ ނަމުން ގިނަމީހުންގެ ލޯބި ލިބިފައިވާ އެކުއްޖާ ރޭގައި އޭނާގެ މަންމައާއެކު ހުޅުމާލެއަށް ދިޔައީ އާއިލާ މީހަކާއި ބައްދަލު ކުރާށެވެ. އެއަށްފަހު އޭނާ ދިރިއުޅޭ މާލެއަށް މަންމައާއެކު ދަތުރު ފެށިއެވެ. ނަމަވެސް އެދަތުރު ވެގެންދިޔައީ އަންޖުމްގެ ޙަޔާތުގެ ފަހު ދަތުރަށެވެ.

އަންޖުމް އިނީ އޭނާގެ މަންމަ ދުއްވަން އިން ސައިކަލުގެ ފަހަތުގައެވެ. އެކްސިޑެންޓުގެ މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ފަހަތުން އައި އެމްޓީސީސީގެ ބަސް އެސައިކަލުގައި ޖެހުމާއެކު ފަހަތުގައި އިން އަންޖުމް ދިޔައީ ވިއްސައިގެންނެވެ. ބިންމަތީގައި ބޯޖެހި، އަޅައިގެން އިން ހެލްމެޓު ވެސް ފަޅައިގެން ގޮސް އޭނާގެ ބޯ ޗިސްވިއެވެ. ބައެއް މީހުން ބުނި ގޮތުގައި އެކްސިޑެންޓްވީއިރު، އެބަސް ދިޔައީ އަންޖުމްގެ ގައި މަތިންނެވެ.

އެކްސިޑެންޓުގެ ސަބަބުން އަންޖުމްގެ މަންމައަށް މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް، އަންޖުމް އަށް ފަރުޥާ ދިނުމަށް އޭނާ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި އަންޖުމް އަކީ އޭނާގެ މައިންބަފައިން ވަރަށް ބޮޑަށް ބޭސްކޮށްގެން ލިބުނު ހަމައެކަނި ދަރިއެވެ.

އުމުރުން 50 އަހަރަށްވުރެ މަތިވެފައިވާ އެދެމަފިރިންނަށް ލިބުނު އެދަރިފުޅަކީ ކީރިތި ޤުރްއާން ކިޔެވުމަށް ޚާއްސަ ލޯތްބެއް ހުރި ކުއްޖެކެވެ. ކީރިތި ޤުރްއާން ހިތުދަސް ކުރުމުގެ މަސައްކަތް ވެސް އަންޖުމް ވަނީ މިއަހަރު ފަށާފައެވެ. އޭނާ ތައުލީމު ހާސިލް ކުރަމުން ދިޔަ ޖަމާލުއްދީން ސްކޫލްގެ ޤުރްއާން ޕޫލް ގައި ވެސް އަންޖުމް ދިޔައީ ހަރަކާތްތެރިވަމުންނެވެ.

އެންމެންނާއިވެސް ވަރަށް ގުޅިގެން އުޅުނު އަންޖުމް އަކީ، އެންމެންނާއިވެސް ހުނިތުންވުމަކާއެކު މުހާތަބު ކުރަމުން ދިޔަ ކުއްޖެއް ކަމަށާއި އޭނާއަކީ ކިޔެވުމަށް ވެސް ވަރަށް މޮޅު ކުއްޖެއް ކަމަށް އަންޖުމްގެ ގާތް މީހުން މައުލޫމާތު ދީފައިވެއެވެ.

މާތް ﷲ އެމައުސޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތްލައްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާ ހިތްވަރުދެއްވާށި. އާމީން.

اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن

 

 



 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ