އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިވެސް ފަނޑިޔާރުންގެ މައްސަލައެއްތޯ؟ ޤާނޫނުގަ މިހާރު މަދީ މީހަކު މެރީމާ 3 ރޭ ނައިޓްފިޝިންގއަށް ދާން ޖެހުން ނޫންތޯ؟

މިވެސް ފަނޑިޔާރުންގެ މައްސަލައެއްތޯ؟ ޤާނޫނުގަ މިހާރު މަދީ މީހަކު މެރީމާ 3 ރޭ ނައިޓްފިޝިންގއަށް ދާން ޖެހުން ނޫންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

"200 ރުފިޔާގެ ފިޔާ ބަސްތާއެއް ވަގަށް ނެގީމާ 27000 ރުފިޔާއިން ޖުރުމަނާ، ބަނގުރާ ބުއީމާ 27 ރުފިޔާއިން ޖުރުމަނާ މިހާރުވެސް އެގެންދަނީ ކުރަމުންނެވެ. ދެން އިތުރުވާނީ މީހަކު މަރައިފިނަމަ 3 ރޭ ނައިޓްފިޝިންގއަށް ދާން ޖެހޭ ގޮތަށް ޤާނޫނުލްޢުޤޫބާތު ބަދަލުކުރުން ކަމަށްވުމަކީވެސް ހަމަ ވަރަށް ގާތް ކަމެއް ކަމަށް ޤަބޫލު ނުކުރަންވީ ކީއްވެގެންތޯއެވެ؟"

ރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމުކުރާ ވާހަކަ ދައްކާއިރަށް އަބަދުވެސް މިދައްކަނީ ޝަރުޢީ ނިޒާމް ފުރިހަމަ ނޫން ވާހަކައެވެ. ފަނޑިޔާރުންނަށް އެވަރުގެ އިތުބާރެއް ނެތް ވާހަކައެވެ. ނަމަވެސް މިއީ އެއްވެސް ޙާލއްގައި ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު ބަލައިގަންނާނެ ވާހަކަތަކެއް ނޫނެވެ.

ކޮންމެ ފަންނަކަށް ބެލި ނަމަވެސް ދިވެހިންނަކީ ދުނިޔޭގެ ފެންވަރުގައި ތޫނުފިލި، ޤާބިލު ބައެއްކަން ދުނިޔެ ޤަބޫލުކުރެއެވެ. ދުނިޔޭގެ ފެންވަރުގައި ދިވެހިން އަދާކުރަމުން ގެންދާ މަޤާމުތަކުން އެކަނިވެސް މިކަންކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ޝަރުޢީ ނިޒާމަށް ބަލައިފިނަމަ އެންމެ ފުރިހަމައަށް ޝަރީޢަތްކޮށް ޙުކުމް ކުރެއްވޭ ފެންވަރުގެ ޤާބިލު އެތައް ޢިލްމުވެރިން ރާއްޖޭގައި އެބަ ތިއްބެވިއެވެ. އަދި އިސްލާމީ ޝަރީޢާ ހިންގަން ފަށައިގަންނައިރު އިތުރު އެހީތެރިކަމަށް ބޭނުންވާނަމަ ސައުދިޢަރަބިޔާގެ އެހީތެރިކަން ލިބޭނެކަން އެއީ ޔަޤީންކަމެކެވެ.

ހަމައެކަނި ބޭނުންވަނީ ސަރުކާރުން ޝަރުޢީ ނިޒާމުގެ ތެރެއަށް އަތް ބޭނުން ހުއްޓައިލުމެވެ. އެއީ ސަރުކާރުން ކުރަން ޖެހޭ ކަމެކެވެ. ދެން ބޭނުންވަނީ ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެކެވެ. އެއީ ޤާނޫނު ހަދާ މަޖިލީހުން ހަމަޖައްސައިދޭން ޖެހޭ ކަމެކެވެ. މި ދެކަންތައް ފުރިހަމަކޮށްދެވިއްޖެ ނަމަ ފަނޑިޔާރުން ޒިންމާދާރުވެސް ކުރުވޭނެއެވެ!

އިސްލާމީ ޝަރީޢާގެ ނިޒާމު ޤާއިމުކުރުމަކީ ފަނޑިޔާރަކު ހަމަ ހުކުމެއް ކުރައްވާއިރަށް ބޮޑެތި އަދަބުތައް ދީ އަތްފައި ކަނޑައި ބޯކަނޑަން ޖެހޭ ނިޒާމެއްވެސް ނޫނެވެ. އެހިސާބަށް ކަންކަން ދަނީ އެތައް މަރުޙަލާތަކެއް ފުރިހަމަކޮށްފައެވެ. އެހުރިހާ މަރުހަލާތަކެއްގައި ތިއްބަވާ ހުރިހާ ބޭފުޅުންނަށް އިތުބާރު ނެތް ނަމަ ޝަރުޢީ ނިޒާމް މިހާރުން މިހާރަށް ވެސް އޮތީ އުވާލައި ޝަރީޢަތްކުރުން ހުއްޓައިލުން ނޫންތޯއެވެ؟

ސަރުކާރުން ބޭނުންވާ ގޮތަކަށް ޙުކުމް ކުރީމާ ފަނޑިޔާރުނެގެ ހަތަރެސްފައިގައި މެޑެލް އަޅުވައެވެ. ތައްރީފާއި ޚުޝާމަދު ކުރަމުން ގޮސް ފަނޑިޔާރުގެ ދެފައި އޮޅޭވަރުކޮށްލައެވެ. ސަރުކާރުން ބޭނުން ނުވާ ގޮތަކަށް ޙުކުމެއް ކޮށްފިނަމަ ޝަރުޢީ ނިޒާމަށް އެއްވެސް އިތުބާރެއް ކުރެވޭ ކަމަކަށް ނުވެއެވެ. ސަރުކާރުން ޢަމަލުކުރާ މިއާދަ މިހާރުވަނީ ރައްޔިތުންވެސް ބަލައިގެންފައެވެ. ރައްޔިތުންވެސް ވިސްނަނީ ހަމައެ މޭރުމުންނެވެ.

ފަނޑިޔާރުންގެ ތެރޭގައި ކަމުނުދާ ބައަކު ތިބިނަމަ ބޭރުކުރާށެވެ! ކަމުދާ ބައަކުލައިގެންވެސް ﷲ ތަޢާލާގެ ޙުކުމް ފުޅުތައް ތަންފީޒުކުރަން ދެކޮޅު ހެދުމަކީ އެއްވެސް މުސްލިމަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

200 ރުފިޔާގެ ފިޔާ ބަސްތާއެއް ވަގަށް ނެގީމާ 27000 ރުފިޔާއިން ޖުރުމަނާ، ބަނގުރާ ބުއީމާ 27 ރުފިޔާއިން ޖުރުމަނާ މިހާރުވެސް އެގެންދަނީ ކުރަމުންނެވެ. ދެން އިތުރުވާނީ މީހަކު މަރައިފިނަމަ 3 ރޭ ނައިޓްފިޝިންގއަށް ދާން ޖެހޭ ގޮތަށް ޤާނޫނުލްޢުޤޫބާތު ބަދަލުކުރުން ކަމަށްވުމަކީވެސް ހަމަ ވަރަށް ގާތް ކަމެއް ކަމަށް ޤަބޫލުނުކުރަންވީ ކީއްވެގެންތޯއެވެ؟

ރައްޔިތުން ބާރު ދިނީމާ މިފަދަ ޤާނޫނުތައް ފާސްކޮށް ފަނޑިޔާރުން ލައްވައި ޙުކުމް ކުރުވިދާނެ އެވެ! ރައްޔިތުންގެ މަޖިލީހަކީ އެދުވަހަކު ކުރަން ބޭނުންވި ކޮންމެ ކަމެއް ކުރެވޭ ތަނަކަށް އަމިއްލައަށް ހަދައިގެން ތިބެ މިފަދަ ކަންކަން މިއަދު ކުރެވިދާނެއެވެ! ނަމަވެސް ޔަޤީނުންވެސް ނައިސް ނުދާނެ ދުވަހެއް ކުރިއަށް އެބައޮތެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް