އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ޖަރުމަނުގަ މައުލޫމާތު ދެނީ.

ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ޖަރުމަނުގަ މައުލޫމާތު ދެނީ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 29 ސިކުންތު

ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ޖަރުމަންވިލާތުގެ ކަމާއިގުޅޭ އެކި ފަރާތްތަކާއި މަޢުލޫމާތު ޙިއްސާކުރުމަށް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު އެދިވަޑައިގެންފިއެވެ. 

ޒަހާ މިކަމަށް އެދިވަޑައިގަތީ ޖަރުމުންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއަށް ޒިޔާރަތްކުރައްވައި ބޭއްވެވި  މިބައްދަލުވުމުގައެވެ. 

މި ބައްދަލުކުރެއްވުމުގައި ޒަހާ ވަނީ ގުޅިގެން މިހާރު ކުރެވުމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސަފީރު ޙިއްސާކުރައްވާފައެވެ. 

ފިޝަރީޒް މިނިސްޓްރީގެ ބަޔާނުން: 

މިއަހަރުގެ ޖެނުއަރީ 16 އިން 20 އަށް ޖަރުމަންވިލާތުގެ ބާރލިންގައި ކުރިއަށް ގެންދެވުނު ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމުގެ ބައިނަލްއަޤްވާމީ ވަޒީރުންގެ ބައްދަލުވުން ނުވަތަ 'ގްލޯބަލް ފޯރަމް ފޯރ ފުޑް އެންޑް އެގްރިކަލްޗަރ' ޖީ.އެފް.އެފް.އޭ ގައި ރާއްޖޭއިން ވަނީ ބައިވެރިވެފައެވެ. 

ޖަރުމަންވިލާތުގެ ފެޑަރަލް މިނިސްޓަރ ފޮރ އެގްރިކަލްޗަރ ޖޫލިއާ ކްލޮކްނަރގެ ދަޢުވަތަކަށް، ރާއްޖެއިން މިބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދާއި ޓެކްނިކަލް ސަޕޯޓްގެ ގޮތުގައި ސީނިއަރ އެގްރިކަލްޗަރ އޮފިސަރ، ގާސިތު މުޙައްމަދުއެވެ. 

ޖީ.އެފް.އެފް.އޭ އަކީ ކޮންމެ އަހަރަކުވެސް ދަނޑުވެރިކަމާއި ކާނާ އުފެއްދުމުގެ މަސައްކަތުގައި ދުނިޔޭގެ ފެންވަރުގައި، އެ ވަގުތެއްގައި ދިމާވެފައި ބޮޑެތި ގޮންޖެހުންތަކާއިމެދު ވީހާވެސް ގިނަ ޤައުމުތައް ހިމެނޭގޮތައް، ވަޒީރުންގެ ފެންވަރުގައި ބޭއްވޭ މަޝްވަރާ ބައްދަލުވުމެކެވެ. ފާއިތުވި 10 އަހަރުވެސް މިފޯރަމްގެ ކަންތައްތައް އިސްވެ ރާވާ އިންތިޒާމުކޮށްފައިވަނީ ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓްރީ އޮފް ފުޑް އެންޑް އެގްރިކަލްޗަރ އިންނެވެ. 

މިއަހަރުގެ ޖީ.އެފް.އެފް.އޭގެ މައިގަނޑު ޝިޢާރަކީ 'ފުޑް ފޯރ އޯލް، ޓްރޭޑް ފޯރ ސެކުއަރ، ޑައިވާސް އެންޑް ސަސްޓެއިނަބަލް ފުޑް' އެވެ. މިޝިޢާރު އަމާޒުކުރެވިފައިވަނީ، ބަނޑުހައިހޫނުކަން ނައްތާލުމަށާއި، ޤައުމުތަކުގެ މެދުގައި ފުޑް ސެކިއުރިޓީ ޙާސިލްކުރުމަށްޓަކައި ޓްރޭޑް ނުވަތަ ވިޔަފާރި އަދާކުރާ ދައުރާއި ގުޅޭގޮތުންނެވެ. މިގޮތުން ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ވިޔާފާރީގެ މުޢާހަދާތަކާއި ޤައުމުތަކުގެ މެދުގައި ކުރެވިފައިވާ 'ޓްރޭޑް އެގްރިމަންޓްސް' ނުވަތަ ވިޔާފާރީގެ އެއްބަސްވުންތައް ހަމަހަމަކޮށް ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނެއެވެ. މީގެ އިތުރުން، މިފޯރަމްގެ މުހިންމު އެއް ހަރަކާތެއްގެ ގޮތުގައި، މިފަހަރުގެ ޝިޢާރާއި ގުޅިގެން ޤައުމުތައް އެއްމިސްރާބަކަށް މަސައްކަތްކުރުމަށްޓަކައި މި ފޯރަމްގެ ބައިވެރިވި ޤައުމުތައް ބޭނުންވާ މައިގަނޑު ނުކުތާތައް ހިމެނޭގޮތައް ތައްޔާރުކުރެވި ފައިނަލްކުރެވުނު 'ކަރުދާސް' ނުވަތަ 'ކޮމިއުނިކޭ' ހުށަހެޅުނެވެ. މިކަރުދާސް ފައިނަލް ކުރުމުގައި ރާއްޖެއިން ބޭނުންވާ ކަންތައްތައް ވެސް ހިމެނިފައިވޭތޯ ވަނީ ބެލިފައެވެ. އަދި މިފަހަރުގެ މިދަތުރަކީ މިފޯރަމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ދެވަނަފަހަރެވެ. 

މި ފޯރަމްގައި 70 ޤައުމެއްގެ ވަޒީރުންގެ އިތުރުން، އ.ދ ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ، އެފް.އޭ.އޯ އާއި އ.ދ ގެ ވިޔާފާރިއާއިބެހޭ ޖަމިއްޔާ ޑަބްލިއު.ޓީ.އޯ އިންވެސް ބައިވެރިވިއެވެ. މިފޯރަމުގައި އެފް.އޭ.އޯ އިން އިންތިޒާމްކުރެއްވި 'ހައިލެވެލް ޕެނަލް ޑިސްކަޝަން އޮން ހާނެސިންގ ޓްރޭޑް ފޯރ ސެކުއަރ، ޑައިވާސް އެންޑް ސަސްޓައިނަބަލް ނިއުޓްރިޝަން' ސެޝަންގެ ޕެނަލިސްޓެއްގެ ޙައިސިއްޔަތުން މިނިސްޓަރ، ޒަހާ ވަޙީދުވަނީ ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ފުޑް އެންޑް ނިއުޓްރިޝަނަލް ސެކިއުރިޓީ ޙާސިލްކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތުގައި ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި އެކަންތައްތައް ހައްލުކުރުމަށް ޤައުމުތައް އެކަތިގަނޑަކަށްވެ މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވުމުގެ މުހިންމުކަމާއި އަދި މިކަމުގައި އެހެން ޤައުމުތަކާއެކު ވެފައިވާ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ދިވެހިރާއްޖެ ފަދަ ކުދި އަދި މެދު ފަންތީގެ ޤައުމުތައް ވިޔަފާރީގައި ބައިވެރިވެވޭ މިންވަރު އިތުރުކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްސާކުރެވި އެކަންތައްތައް ޙައްލުކުރާނެ ގޮތުގެ ވާހަކަތައް ކުރިއަށް ގެންދެވުނެވެ. 

މިދަތުރުފުޅުގައި ބައިވެރިވި ދިވެހިރާއްޖޭގެ ޑެލިގޭޝަން ވަނީ، މިފޯރަމާއި ވިދިގެން، ބާރލިންގައި ފެށިގެންދިޔަ 'އިންޓަރނޭޝަނަލް ގްރީން ވީކް' ނުވަތަ އައި.ޖީ.ޑަބްލިއު 2020 ގެ ހަރަކާތްތަކުގައިވެސް ބައިވެރިވެފައެވެ. އައި.ޖީ.ޑަބްލިއު އަކީ 90 އަށްވުރެ ގިނަ އަހަރުވެފައިވާ ތާރީޚެއް އޮންނަ ހަރަކާތެކެވެ. މިހަރަކާތުގައި އެކި ޤައުމުތަކުގައި އުފައްދާ ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ތަފާތު އުފެއްދުންތައް ދައްކާލުމާއި، މިދާއިރާތަކާއި ގުޅުންހުރި ތަފާތު ޕްރޮޖެކްޓް އަދި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޙިއްސާކުރެވެއެވެ. މިގޮތުން، އެކި ސްޓޯލް ތަކަށް ޒިޔާރަތްކޮށް، ރާއްޖޭގައި ކުރިއަށްގެންދެވިދާނެ ތަފާތު ޕްރޮޖެކްޓް އަދި ޕްރޮގްރާމްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކުރެވުނެވެ. 

މީގެ އިތުރުން، މިފޯރަމުގެ ޙަވާސާގެ ބޭރުން ޖަރުމަންވިލާތުގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރިކުރައްވާ ފަރާތްތަކާއި އަދި މިދެދާއިރާގެ ޕްރޮޖެކްޓްތައް ހިންގަވާ ބައެއް ފަރާތްތަކާއި ބައްދަލުކުރެވުނެވެ. މި ބައްދަލުކުރެއްވުން ތަކުގައި މައިގަނޑުކޮށް ރާއްޖެއަށް މިވަގުތު އެންމެ މުހިންމުވާ ކަންތައްތަކުގެ ވާހަކަ ޙިއްސާކުރެވުނެވެ. އަދި މިދެދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ދިވެހި ރާއްޖެއިން ޖަރުމަންވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސާފީރު، އަލްފާޟިލް އަޙުމަދު ލަތީފުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު